ޓްރަމްޕް އާ މައްސަލަގަނޑެއްގެ ތެރެއަށް: މިފަހަރު މަރުވި ސިފައިންނާ ބެހޭ ވާހަކައަކުން

އިންތިހާބަށް އެންމެ ދެ މަހަށް ވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިވަޑައިގެންފި އެވެ: ހަނގުރާމަތަކުގައި މަރުވި އެމެރިކާ ސިފައިންނަކީ "ބޭކާރު ބައެއް" ކަމަށް، އޭނާ ވިދާޅުވި ކަމަށް، މީޑިއާގައި އާންމުވި ވާހަކަތަކުންނެވެ.


ޓްރަމްޕާ ގުޅިގެން އެ ވާހަކަތައް ފުރަތަމަ ޖެހީ ދި އެޓްލާންޓިކްގަ އެވެ. އޭގެ ފަހުން، އަސްކަރީ އިސް މީހުންތަކަކާ ހަވާލާދީ، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންނަށް ނިސްބަތްކުރައްވާ ޓްރަމްޕް އެފަދަ ދަށު ދަރަޖައިގެ ވާހަކަތަކެއް ވިދާޅުވި ކަމަށް، މީޑިއާ ރިޕޯޓްތައް އައުމާ އެކު، އެމެރިކާގެ ސިފައިންނާ ގުޅޭ ތަފާތު ޖަމާއަތްތަކުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އިންތިހާބުތަކުގައި އެމެރިކާގެ ސިފައިންގެ ވޯޓު ވަރަށް މުހިންމެވެ.

އެކަމަކު ޓްރަމްޕް ވިދާޅުވީ އެއީ "މުޅިން ވެސް ދޮގު ހަބަރުތައް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެހެން އެއްވެސް ރައީސަކު އެމެރިކާގެ އަސްކަރިއްޔާއަށް ހޭދަކޮށްފައި ނުވާ ވަރަށް އޭނާގެ ވެރިކަމުގައި ބަޖެޓް އޮންނާނީ ބޮޑުކޮށްފަ އެވެ. އަދި އަބަދުވެސް އެމެރިކާ ސިފައިންނަށް އިހުތިރާމްކުރައްވާ ކަމަށް، ޓްރަމްޕް ވިދާޅުވި އެވެ.

ދި އެޓްލާންޓިކްގައި ޖެހި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 2018 ގައި ފްރާންސަށް ކުރެއްވި ދަތުރުގައި، ފުރަތަމަ ބޮޑު ހަނގުރާމައިގައި މަރުވި އެމެރިކާގެ 1،800 ސިފައިން ވަޅުލާފަައި އޮތް ގަބުރުސްތާނަކަށް ޒިޔާރަތްކުރައްވަން އޭނާ ދެކޮޅުހެއްދެވީ ވިއްސާރަވުމުން، އިސްތަށިކޮޅު ހަޑިވެދާނެ ކަމަށް ވިދާޅުވެ އެވެ. ދެން އޭނާ ވިދާޅުވި ކަމަށް ވަނީ އެ ސިފައިންނަކީ "ބޭކާރު ބައެއް" ކަމަށެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި ފްރާންސް ހިފަން ޖަރުމަން ސިފައިން އުޅުމުން އެކަން ހުއްޓުވަން ބަދަލުކުރި ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިން ވަޅުލާފައި އޮތް އެހެން ގަބުރުސްތާނަކަށް ޒިޔާރަތްކުރައްވަން ވެސް، އެ ދަތުރުގައި ޓްރަމްޕް ދެކޮޅުހެއްދެވި ކަމަށް، ރިޕޯޓްގައި ބުނެ އެވެ. އެ ގަބުރުސްތާނުގައި ވަޅުލާފައި ވަނީ "އެއްޗެއް ބޮއިގެން ތިބި" ބައެއް ކަމަށް، ޓްރަމްޕް ސިފަކުރެއްވި ކަމަށް ވެސް، ރިޕޯޓްގައިވެ އެވެ.

ދި އެޓްލާންޓިކްގެ ރިޕޯޓް ބިނާކުރީ، އަސްކަރީ ހަތަރު މަސްދަރަކުން އެކަން ޔަގީންކޮށްފައި ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އޭރު ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި އެ ދަތަރުގައި އެ ޒިޔާރަތްކުރެއްވުންތައް ކެންސަލްކުރެއްވީ މޫސުން ގޯސްވެގެންނެވެ.

މީޑިއާގެ މި ރިޕޯޓްތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ މިހާރު ކުރިއަށް އެ ދަނީ 2016ގެ އިންތިހާބު އޭނާ ކާމިޔާބުކުރެއްވީ ރަޝިޔާގެ އެހީތެރިކަމުގައި ކަމަށް ބުނެ، މީޑިއާތަކުން ފެތުރި ދޮގު ހަބަރުތައް ފަދަ ކަމެއް ކަމަށެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓްތަކެއްގައި، ދި އެޓްލާންޓިކްގެ ރިޕޯޓް ލިއުނު ނޫސްވެރިޔާގެ އިތުރުން އެހެން ބައެއް މީހުންނަށް ވެސް ހަމަލާ ދެއްވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި މިހާރުގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އޮބާމާގެ ވެރިކަމުގައި ނައިބު ރައީސް، ޖޯ ބައިޑަން ހަލާކުކޮށްލެއްވި އަސްކަރީ ކުރިއަރުވަން އެހީތެރިވެދެއްވަނީ އޭނާ އެވެ.

"ހައްދުފަހަނައަޅާފައިވާ ވާތުފިޔައިގެ މީހުންނަކީ ނުބައި ބައެކެވެ. އިންތިހާބު ކާމިޔާބުކުރަން ކޮންމެ ކަމެއް ވެސް އެމީހުން ކޮށްފާނެ އެވެ،" އެއް ޓްވީޓެއްގައި ޓްރަމްޕް ލިއުއްވި އެވެ.

"އެކަމަކު އެމީހުންނަކަށް އެކަމެއް ނުވާނެ އެވެ. ކާމިޔާބު ހޯދާނީ އަހަރެމެންނެވެ. އަދި ރަނގަޅު ހަތަރު އަހަރަށް ދެމިގެންދާނެ އެވެ."