އެމެރިކާގެ ވެސްޓް ކޯސްޓް އަޅިއަށް ހަދަމުން އަލިފާން ފެތުރެނީ

އެމެރިކާގެ ވެސްޓް ކޯސްޓްގުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ނުކުރެވި މިހާތަނަށް 28 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިފައި ވާއިރު ގެދޮރު އަޅިއަށްވެ ހާލުގައި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފަށައިފި އެވެ.


"މި ހުރިހާ އެއްޗެއް އެ ދަނީ އަޅިއަށް ވެގެން. ގަބޫލުކުރަން ވެސް ދަތި،" އަލިފާނުގައި ގެ އަނދައި ހާލުގައި ޖެހިފައި ހުރި މީހަކު ސީއެންއެން އަށް ވާހަކަ ދައްކަމުން ބުންޏެވެ. "މިއީ ކެތްވާވަރުގެ ހިތާމައެއް ނޫން."

މިދިޔަ މަހުގެ މެދަކާ ހިސާބުގައި ވެސްޓް ކޯސްޓްގެ ތިން ހިސާބެއްގައި ރޯވެ ފެތުރެން ފެށި އަލިފާނުގައި 28 މީހަކު މީހަކު މަރުވެފައި ވާއިރު ކެލިފޯނިއާ އިން މަރުވި 19 މީހަކު ވެސް މީގެތެރޭގައި ހިމެނެ އެވެ.

އެމެރިކާގެ ވެސްޓް ކޯސްޓްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގައި ގެދޮރު އަނދައި ހާލުގައި ޖެހުނު މީހަކު ގޭގެ އަޅިތަކުގެ ތެރޭގައި އިނދެ ރޮނީ

މި ހަފުތާގައި ވަނީ އެއް އަހަރުގެ ކުއްޖަކު ވެސް އަލިފާނުގައި މަރުވެފަ އެވެ. އަދި ވޮޝިންޓަނުން ވެސް ކުޑަކުއްޖަކު މަރުވެފައި ވާއިރު އޮރެގަން އިން އަށް މީހަކު މަރުވެފައިވެ އެވެ.

އޮރެގަން އިން އެކަނި ވެސް އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

ވެސްޓްގެ ޖަންގަލިތަކުގެ 97 ތަނެއްގައި ބޮޑުކޮށް ރޯވެ އަނދަމުން އެބަދެ އެވެ. މީގެ ތެރޭގައި އައިޑަހޯގައި 12 އަދި މޮންޓާނާގައި ނުވަ ސަރަހައްދެއް ހިމެނޭ ކަމަށް ނެޝަނަލް އިމަޖެންސީ ފަޔަ ސެންޓަރުން ބުނެފައިވެ އެވެ.

އެމެރިކާގެ ވެސްޓް ކޯސްޓްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގައި ގެދޮރު އަނދައި ހާލުގައި ޖެހުނު އާއިލާއެއްގެ ބަޔަކު ރޮނީ

ވައިގެ ކޮލިޓީ ބަލައި މޮނިޓަކުރާ އިދާރާތަކުން ވަނީ ކެލިފޯނިއާ، އޮރެގަން އަދި ވޮޝިންޓަންގެ އެކި ހިސާބުތަކަށް އިންޒާރު ނެރެފަ އެވެ. އެ ސަރަހައްދުތަކުގެ ވައި، ދުމުގެ ސަބަބުން ވަރަށް ބޮޑަށް ތަޣައްޔަރުވެ ސިއްހަތަށް ނުރައްކާވާ ހިސާބަށް ގޮސްފައި ވާއިރު މިކަމުގެ ސަބަބުން ކޮވިޑް-19 ގެ ނުރައްކާ ވެސް އިތުރަށް ބޮޑުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

އަލިފާނުގައި ގެދޮރު އަނދައި ހާލުގައި ޖެހުނު އާއިލާއެއްގެ ބަޔަކު އެ މީހުންގެ އަނދާފައިވާ ގޭގެ އަޅިތަކުގެ ތެރޭގައި

ކެލިފޯނިއާގެ ފަސް ތަނެއްގައި ރޯވެ އަނދަމުން ދާއިރު އޭގެ ތެރެއިން ތިން ތަނެއްގައި އަނދަމުންދާ އަލިފާނަކީ އެ ތަނުގެ ތާރީހުގައިި ވެސް މިހާތަނަށް އެންމެ ބޮޑު އަދި ނުރައްކާތެރި އަލިފާން ކަމަށް ވަނީ ބެލެވިފަ އެވެ. ވާރޭ ވެހުން މަދުވުމާއި ގަދަ ވައިގެ ސަބަބުން އަލިފާން ފެތުރުން ހަލުވި ވެފައި ވާއިރު އޮފިޝަލުން ވަނީ މި އަލިފާންގަނޑުތައް ނިއްވަން ވަރަށް ގިނަ ދުވަސް ހޭދަވާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ވެސްޓް ކޯސްޓްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުން ޖައްވު ފުސްވެ އަލިފާނުގެ ކުލައިން ދިއްލިފައި

އޮރެގަންގައި ރޯވެފައިވާ ތަންތަނުގެ ތެރެއިން އަށް ތަނެއް ނިއްވާލެވޭނީ ފިނި މޫސުމުގެ ވާރެއާ އެކުގައި ކަމަށް ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީގެ ފަޔަ ޗީފް ޑޯ ގްރޭފް ހުކުރު ދުވަހު ވަނީ ލަފާކުރައްވައިފަ އެވެ.

ވޮޝިންޓަންގެ އިރުމަތީ އަވަށެއްގައި ވަނީ އަލިފާނުގެ ސަބަބުން އެތަނުގެ ގެތަކުގެ 80 ޕަސެންޓް ހަލާކުވެފަ އެވެ. ހޮނިހިރު ދުވަހާ ހަމައަށް، އެ ސްޓޭޓްގެ 15 ހިސާބެއްގައި ރޯވެ އަނދަމުން ދާއިރު މިއީ އެ ތަނުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

އަލިފާނުގެ ނުރައްކާތެރިކަމާއި ބޮޑުކަމުން، އަލިފާން ނިއްވުމުގެ ވަސީލަތްތަކަށް ވެސް ވަނީ ދަތިވެފަ އެވެ.