އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 4.75 މިލިއަނަށް؛ 77 ޕަސެންޓު މީހުން ރަނގަޅުވެއްޖެ

އިންޑިއާގައި އެއް ދުވަސް ތެރޭ ކޮވިޑް-19ގެ 94،372 ކޭސް ފެނި އެ ގައުމުގައި މި ބަލި މިހާތަނަށް ޖެހުނު މީހުންގެ އަދަދު 4.75 މިލިއަނަށް އަރައިފި އެވެ.


އިންޑިއާގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި، އާދީއްތަ ދުވަހާ ހަމަ އަށް 24 ގަޑިއިރުތެރޭ ކޮވިޑް ބަލީގައި ވަނީ 1،114 މީހަކު މަރުވެފަ އެވެ. މިއާ އެކު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 78،586 އަށް އަރައިފަ އެވެ.

އިންޑިއާ އަކީ މިހާރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް އަލަށް އެންމެ ގިނައިން ފެންނަ ގައުމު ކަމަށް ވިޔަސް ބަލިން ރަނގަޅުވާ މީޙުންގެ އަދަދު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެ ގައުމުގެ ރިކަވަރީ ރޭޓް ހުރީ 77.77 ޕަސެންޓުގަ އެވެ. މި ރޭޓުގައި މި މަހުގެ ކޮންމެ ދުވަހަކު އެވްރެޖްކޮށް 70،000 މީހުން ބަލިން ރަނގަޅުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާ ބޮޑަށް މައްޗަށް ގޮސްފައިވަނީ ޓެސްޓްކުރުން ހަރުދަނާކޮށް އިތުރުކުރުމުންނާއި ސަވައިލެންސް ވަރުގަދަކޮށްފައި ވާތީ ކަމަށެވެ. އެކަމަކު ސިއްހީ ތަޖުރިބާކާރުން ބުނަމުން އަންނަނީ އެ ގައުމަކީ މިހާރު ކޮވިޑްގެ ކޭސްތައް ދެ ވަނަ އަށް އެންމެ ގިނަ ގައުމަށް ވެފައި އާބާދީގެ ބޮޑުކަމުން، ޓެސްޓްކުރުން އަދިވެސް ވަރަށް ބޮޑަށް އިތުރުކުރަންޖެހޭ ކަމަށެވެ. އިންޑިއާ އިން ބުނެފައިވާ ގޮތުގައި އެ ގައުމުގައި މިހާރު އަންނަނީ ކޮންމެ ދުވަހަކު މިލިއަނަކަށް ވުރެ ގިނަ މީހުން ޓެސްޓްކުރަމުންނެވެ.

އިންޑިއާގައި ކޮވިޑް ފެތުރެން ފެށުމުން މުޅި ގައުމު ލޮކްޑައުންކުރުމުން އިގްތިސާދަށް ވަނީ 24 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލި ގައުމުގެ ހާލަތު ދަށްވާން ފެށުމާ އެކު ލޮކްޑައުން އަށް ލުއި ދީ މިއަދު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހަ މަސް ފަހުން، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފަށަން ވެސް ނިންމައިފަ އެވެ. -- އޭޕީ