އިންޓަނޭޝަނަލް ދަތުރުތައް ސައޫދީން މާދަމާ ފަށަނީ

ސައޫދީ އަރަބިއްޔާ އަށް ދަތުރުކުރުން، ކޮވިޑް-19 ފެތުރޭތީ މަނާކޮށްފައި އޮންނަތާ ހަ މަސް ފަހުން މާދަމާ ފަށާނެ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީގެ ފަހުން ފެށިގެން ކަނޑާއި ވައިގެ ބަނދަރުތައް އެއްކޮށް ހުޅުވާލާނެކަން އިއުލާނުކޮށްފި އެވެ.


ކޮވިޑް ފެތުރެން ފެށުމާ އެކު ސައުދީން ވަނީ އެހެން ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުމާއި ގައުމުން ބޭރުގައި ތިބި އެ ގައުމުގެ މީހުން އެތެރެވުން ވެސް މަނާކޮށްފަ އެވެ. މި ނިންމުމާ އެކު، އުމްރާގެ އަޅުކަން ވެސް މެދުކަނޑާލި އެވެ. އަދި ހައްޖުވުމުގެ ފުރުސަތު ވެސް ލިބުނީ ސައޫދީ ލޮކްޑައުންކުރި އިރު އެ ގައުމުގައި ތިބި މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ.

ސައޫދީން އިއްޔެ އިއުލާނުކުރި ގޮތުގައި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުގެ މީހުންގެ ތެރެއިން ސައްހަ ވިސާއެއް އޮތް މީހުންނާއި ބިދޭސީންގެ ތެރެއިން ޑިޕެންޑެންޓް ވިސާ އޮންނަ މީހުންނަށް މި މަހުގެ 15 އިން ފެށިގެން ސައޫދީ އަށް އެތެރެވެވޭނެ އެވެ. މީގެ ތެރޭގައި ބިދޭސީންގެ ތެރެއިން ރީއެންޓްރީ ވިސާ އޮތް މީހުންނާއި ވޯކް ވިސާ އޮންނަ މީހުންނާއި ރެސިޑެންސީ ޕާމިޓް އޮންނަ މީހުން ހިމެނެ އެވެ. އަދި ވިޒިޓް ވިސާ އޮވެ، ސައޫދީ އަށް އެތެރެވުމުގެ 48 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ނެގެޓިވް ނަތީޖާއެއް އޮންނަ މީހުންނަށް ވެސް މާދަމާ އިން ފެށިގެން ސައޫދީ އަށް ދެވޭނެ އެވެ. އެކަމަކު މާދަމާ އިން ފެށިގެން ހުއްދަ ލިބެނީ ވަރަށް ގިނަ ޝަރުތުތަކާ އެކުގަ އެވެ.

ސައޫދީން މިގޮތަށް ލުއިތައް ދިނީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ލިބެމުން އަންނަ ކުރިއެރުންތަކަށް ބަލާފައި ކަމަށް އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

ދަތުރުކުރުމުގައި ލުއިތަކެއް ދިން ނަމަވެސް އިންޓީރިއާ މިނިސްޓްރީން ބުނީ އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުން ގެންދާނީ މަޑުމަޑުން ކަމަށާއި އެކަން ބިނާވާނީ ބަލީގެ ހާލަތަށް ކަމަށެވެ.

ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން އެއްކޮށް ނިމުމަކަށް ގެނައުމާ ބެހޭ މައުލޫމާތު އެންމެ ލަސް ވެގެން ޖެނުއަރީ 1 އައުމުގެ 30 ދުވަސް ކުރިން އިއުލާނުކުރަން ވެސް ވަނީ ނިންމައިފަ އެވެ.