އުމްރާގެ އަޅުކަމަށް ފުރަތަމަ ފުރުސަތު ދޭނީ ސައޫދީގައި އުޅޭ މީހުންނަށް

ކޮވިޑް-19 ފެތުރޭތީ އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށަން ތަައްޔާރުވަމުން އަންނަ ކަމަށާއި އެންމެ ފުރަތަމަ މަރުހަލާގައި އުމްރާ އަށް ފުރުސަތު ދޭނީ ސައޫދީގައި އުޅޭ މީހުންނަށް ކަމަށް ސައޫދީ ގެޒެޓް/އޮކާޒް އިން ބުނެފި އެވެ.


ވަކި ޝަތުރުތަކެއް ހަމަވާ މީހުންނަށް މިއަދުން ފެށިގެން ސައޫދީ އަށް އެތެރެވެވޭ ގޮތަށް ބައިނަލްއަގުވާމީ ދަތުރުތައް ފަށައި، މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ޖެނުއަރީން ފެށިގެން އުވާލާނެކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

އެ ނޫހުން ބުނީ ސައޫދީގައި އުޅޭ، ކަނޑައެޅޭ ވަކި އަދަދެއްގެ މީހުންގެ އުމްރާގެ އަޅުކަން އަދާކުރަން ފުރުސަތު ދޭނީ ވެސް އެ މީހުންގެ ވަކި ޝަތުރުތަކެއް ހަމަވުމުން ކަމަށެވެ. އެގޮތުން، އުމްރާގެ އަޅުކަމުގައި ބައިވެރިވާ ކޮންމެ މީހަކީ ވެސް ކޮވިޑް-19 އަށް ނެގެޓިވް މީހެއް ކަމުގެ ލިޔުން އޮންނަންވާނެ ކަމަށް ކަނޑައަޅާނެ އެވެ.

އުމްރާގެ އަޅުކަން ކުރިއަށް ގެންދާނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ހާއްސަ ފިޔަވަޅުތަކާ އެކީގައި ކަމަށާއި މިކަމާ ގުޅޭ މައުލޫމާތު ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ސައޫދީ ގެޒެޓުން ބުންޏެވެ.

ސައޫދީ ގެޒެޓުން ބުނީ އުމްރާގެ އަޅުކަމުގައި ބައިވެރިވާން އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށާއި އެކި މީހުންނަށް އެކި ދުވަސްތައް ކަނޑައަޅައި އެ ސިސްޓަމް މެދުވެރިކޮށް އަންގާނެ ކަމަށެވެ.

ކޮވިޑް ފެތުރެން ފެށުމާ އެކު ސައުދީން ވަނީ އެހެން ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުމާއި ގައުމުން ބޭރުގައި ތިބި އެ ގައުމުގެ މީހުން އެތެރެވުން ވެސް މަނާކޮށްފަ އެވެ. މި ނިންމުމާ އެކު، އުމްރާގެ އަޅުކަން ވެސް މެދުކަނޑާލި އެވެ. އަދި ހައްޖުވުމުގެ ފުރުސަތު ވެސް ލިބުނީ ސައޫދީ ލޮކްޑައުންކުރި އިރު އެ ގައުމުގައި ތިބި މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ.