ފުރަތަމަ ހަ މަހު ދުނިޔޭގެ ޓޫރިޒަމަށް 460 ބިލިއަން ޑޮލަރު ގެއްލުންވި: އދ

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ދުނިޔޭގެ ޓޫރިޒަމަށް 460 ބިލިއަން ޑޮލަރުގެ އާމްދަނީ ގެއްލިފައިވާ ކަމަށް އދ.ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝް (ޑަބްލިޔު.ޓީ.އޯ) އިން އަންގާރަ ދުވަހު ބުނެފި އެވެ.


ކޮވިޑް ފެތުރޭތީ ދަތުރުފަތުރު ހުއްޓުމަކަށް އައުމުން ލިބުނު މި ގެއްލުމަކީ 2009 ވަނަ އަހަރު ދުނިޔެ އަށް އައި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ލިބުނު ގެއްލުމާ އަޅާބަލާއިރު ފަސް ގުނަ އިތުރު އަދަދެއް ކަމަށް، ސްޕެއިންގެ މެޑްރިޑްގައި ހުންނަ ޑަބްލިޔު.ޓީ.އޯ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޑަބްލިޔު.ޓީ.އޯ އިން ބުނީ މުޅި ދުނިޔެ އަށް ބަލާއިރު އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓޫރިސްޓް އެރައިވަލް 440 މިލިއަނަށް ދަށަށް ދިޔަ ކަމަށެވެ. މިއީ 65 ޕަސެންޓުގެ ދަށްވުމެކެވެ. އެ އިދާރާ އިން ބުނީ މި ދަށްވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޭޝިއާ އަށް ކަމަށެވެ.

"މިއީ ބަލިމަޑުކަމުން ސަލާމަތްވާން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ،" ޑަބްލިޔު.ޓީ.އޯގެ ބަޔާނުގައިވެ އެވެ.

ބައެއް ގައުމުތަކުގައި މިހާރު އަންނަނީ ޓޫރިޒަމް މަޑުމަޑުން ކުރިއަރަމުން ކަމަށާއި އެކަމަކު އަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް ހީނަރުކަން ތަޖުރިބާކުރަންޖެހޭނެ ކަމަށް އދ. ޓޫރިޒަމާ ބެހޭ އިދާރާ އިން ބުންޏެވެ. އެ އިދާރާ އިން ލަފާކޮށްފައިވަނީ މުޅި އަހަރަށް ބަލާއިރު ޓޫރިސްޓް އެރައިވަލް 70 ޕަސެންޓް ދަށްވާނެ ކަމަށެވެ.

މިދިޔަ އަހަރު މުޅި ދުނިޔެ އަށް ބަލާއިރު ޓޫރިސްޓް އެރައިވަލް ހަތަރު ޕަސެންޓަށް އިތުރުވި އެވެ. މިއީ 1.5 ބިލިއަން ޓޫރިސްޓުންނާ އެކުގަ އެވެ. މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ގައުމަކީ ފްރާންސެވެ. ދެން ސްޕެއިނާއި އެމެރިކާ އެވެ.

މުޅި ދުނިޔޭގެ ޓޫރިސްޓް އެރައިވަލް މުޅި އަހަރު ތެރޭ އެންމެ ފަހުން ދަށަށް ދިޔައީ 2009 ވަނަ އަހަރު، އޭރު ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުންނެވެ. އެފަހަރު ހަތަރު ޕަސެންޓުގެ ދަށްވުމެއް އައިސްފައިވެ އެވެ.