ހީކުރާ ވަރަށް ވުރެ އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެދާނެ

ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގައި އިންޑިއާ ނުވަ ވަނަ މަހަށް އަޅާއިރު، މިހާތަނަށް ފަސް މިލިއަން މީހުންނަށް ބަލި ޖެހި، 80،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އިންޑިއާއަކީ، އެމެރިކާގެ ފަހަތުން، މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ގައުމެވެ.


އިންޑިއާގެ ސައިންސްވެރިން ބުނާ ގޮތުގައި މި ބަލިމަޑުކަމުގައި އިންޑިއާއަށް އޮތް ހަމައެކަނި ހަމަޖެހުމަކީ، ބަލިމީހުންގެ ނަންބަރުތަކާ އަޅާބަލާއިރު މަރުވާ މީހުންގެ އަދަދު މަދުވުމެވެ. އެ ނިސްބަތް މިހާރު ހުރީ އެންމެ 1.63 ޕަސެންޓްގަ އެވެ. މިއީ ބަލި ޖެހޭ މީހުން ގިނަ އެހެން ގައުމުތަކަށް ވުރެ ދަށް ރޭޓެކެވެ.

ކޮވިޑް ކޭސްތައް ގިނައިން ފެންނަނީ ކޮވިޑަށް ޓެސްޓް ހެދުން ވެސް އިތުރުކުރުމުންނެވެ. އެހެންކަމުން ތަޖުރިބާކާރުންގެ ކަންބޮޑުވުމަކީ ވައިރަސް ފެތުރެމުން ދާލެއް ހަލުއިކަމެވެ. އޭގެ މިސާލު ދެއްކެން އެބަ އޮތެވެ. އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރަން ނެގީ 170 ދުވަހެވެ. އެކަމަކު އެންމެ ފަހުން އެއް މިލިއަން ބަލިމީހުން ފެންނަން ނެގީ އެންމެ 11 ދުވަހެވެ. ދުވާލަކު ޕޮޒިޓްވާ މީހުންގެ އަދަދު އެޕްރީލްގައި 62 ގައި ހުރުމަށް ފަހު މިހާރު 82،000 އަށް އަރައިފި އެވެ.

މިދިއަ ހަފުތާގެ ކޮންމެ ދުވަހަކު އިންޑިއާގައި ކޮވިޑް-19ގެ 90،000 ކޭސް ފެނި، 1،000 މީހުން މަރުވި އެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑު ހަތް ސްޓޭޓަކީ އިންޑިއާގެ މުޅި އާބާދީގެ 48 ޕަސެންޓެވެ.

ކޮވިޑް ބަލިމީހުން ފެންނަލެއް ގިނަވަމުން ދިޔަ ނަމަވެސް، ފުނޑިފައިވާ އިގުތިސާދު ހަމަޔަކަށް އެޅުވުމުގެ ގޮތުން އޮފީސްތަކާއި އާންމު ދަތުރުފަތުރާއި ޖިމްތަކާއި ކާ ތަންތަން މިހާރު އަންނަނީ ހުޅުވަމުންނެވެ.

މިހާތަނަށް އިންޑިއާގައި 50 މިލިއަން މީހުން ޓެސްޓްކޮށްފި އެވެ. ކޮންމެ ދުވަހަކު މިލިއަނެއްހާ ސާމްޕަލް ޓެސްޓްކުރެ އެވެ. އެކަމަކު އާބާދީއަށް ބަލާ ކަމަށް ވަންޏާ އިންޑިއާ އަދިވެސް ހިމެނެނީ އެންމެ މަދުން ޓެސްޓް ހަދާ ގައުމުގެ ގޮތުގަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާގައި ކޮވިޑްގެ އަސްލު ހާލަތު މިހާރު ފެންނަ ވަރަށް ވުރެ މާ ގޯސްވުން އެކަށީގެންވެ އެވެ.

ޔުނިވަސިޓީ އޮފް މިޝިގަންގެ ބައޮސްޓެޓިސްޓިކްސް އަދި އެޕިޑެމިއޮލޮޖީގެ ޕްރޮފެސަރު ބަރަމާ މުކަރުޖީ ވިދާޅުވި ގޮތުގައި އޭނާގެ ލަފާކުރުންތަކުން ދައްކަނީ އިންޑިއާގައި މިހާރު 100 މިލިއަން މީހުންނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިދާނެ ކަމެވެ.

"އަހަންނަށް ހީވަނީ އިންޑިއާ މިހާރު އެ ދަނީ ހާޑް އެމިއުނިޓީ [އާބާދީގެ ގިނަ ބަޔަކަށް ބަލިޖެހި، ބައްޔަށް ދިފާއު ލިބުން] އާ ދިމާލަށް ހެން. ރައްކާތެރިކަމުގެ ގޮތުން މާސްކް އަޅައި، ގައިދުރުކަން ބަހައްޓަން އެންމެން އެހާ ބޮޑު ސަމާލުމެއް ދޭހެން ހިއެއްނުވޭ،" އޭނާ ވިދާޅުވި އެވެ.

ބުރަމާ ވިދާޅުވި ގޮތުގައި އޭގެ ސަބަބަކަށް، ބަލި ފެތުރުނަސް ކަންބޮޑުނުވުމާއި އެއީ ކަމެއް ކަމަށް ނުބެލުން ފަދަ އާދަތައް ހިމެނިދާނެ އެވެ. އެހެންކަމުން ދުވާލަކު ހާހެއްހާ މީހުން މަރުވުމަކީ މައްސަލައެއް ނޫނޭ، ގިނަ މީހުންނަށް ހީވާ ކަމަށް، އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ތަޖުރިބާކާރުން ކުރިންސުރެ ގެންދިޔައީ މި ނުރައްކަލާ މެދު ވާހަކަ ދައްކަވަމުންނެވެ. އޭގެ ތެރެއިން އެކަކީ ޑރ. ޖެކޮބް ޖޯން އެވެ. ވައިރަސްއާ ބެހޭ ތަޖުރިބާކާރު އެޕްރީލް މަހު ވިދާޅުވީ އިންޑިއާގެ ކުރިމަތީގައި އޮތީ "ބިޔަ ބަލިމަޑުކަމެއް" ކަމަށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މެޓްރޯ އަލުން ހުޅުވި އިރު، ސެކިއުރިޓީ ގާޑުން ތައްޔާރުވެގެން

އޭނާ ވިދާޅުވި ގޮތުގައި އާންމު ސިއްހީ ނިޒާމް ބަލިކަށި އަދި އިންޑިއާ ކަހަލަ ބޮޑު ގައުމެއްގައި ކޭސްތައް ގިނަވުން އަބަދުވެސް ކައިރި އެވެ. ނަމަވެސް މުޅި އިންޑިއާ އެއްކޮށް ލޮކްޑައުން ކުރުމުގެ ބަދަލުގައި، އެހެން ގޮތަކަށް އޭރު ވިސްނުން ބެހެއްޓި ނަމަ، މިއަށް ވުރެ ހާލަތު ރަނގަޅުވީސް ކަމަށް ވިދާޅުވި އެވެ.

ގިނަ ތަޖުރިބާކާރުން ގަބޫލުކުރަނީ، މުޅި އިންޑިއާ ބަންދުނުކޮށް، ބަލި ފެތުރެން ފެށި ސްޓޭޓްތައް ލޮކްޑައުންކޮށްގެން، ފިޔަވަޅުތައް އެޅި ނަމަ ރަނގަޅު ނަތީޖާއެއް ނުކުތުން ކައިރި ކަމަށެވެ. އެކަމަކު ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުއްލިއަކަށް ނިންމެވީ، ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ގައުމު އެއްކޮށް ފުރަބަންދަށް ގެންދާށެވެ.

"އެކަން ނާކާމިޔާބުވީ އަސްލު ލޮކްޑައުންއެއްގައި ކަންތައް ވާން ޖެހޭ ގޮތަށް ކަންކަން ނުދިއައިމާ،" އިގުތިސާދީ ދާއިރާގެ އިލްމުވެރިއެއް ކަމަށްވާ ކައުޝިކް ބާސޫ ވިދާޅުވި އެވެ.

ލޮކްޑައުންއާ އެކު "މުޅި ގައުމު ތެރެއަށް އެތައް މިލިއަން ބަޔަކު ފެތުރިގެން ދިޔައީ. އެ މީހުންނަށް އެ ނޫން ގޮތެއް ނެތް. ނަތީޖާއަކީ އިންޑިއާގެ އިގުތިސާދު ފުނޑުމާ އެއްކޮށް، ވައިރަސް ވެސް ފެތުރިގެން ދިއުން،" ލޮކްޑައުންއާ އެކު އެކި ސްޓޭޓްތަކުން އެތައް މިލިއަން މަސައްކަތްތެރިން، އެ މީހުންގެ އުފަން ސަރަހައްދުތަކަށް ދާން ނުކުތް ނުކުތުމަށް އިޝާރަތްކުރައްވާ ބާސޫ ވިދާޅުވި އެވެ.

އެކަމަކު މުޅި ގައުމު ބަންދުކުރުމުގެ އެޑްވާންޓޭޖްތަކެއް ވެސް ސަރުކާރަށް ލިބުނެވެ. އެގޮތުން ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑް-19އާ ދެކޮޅަށް މާޗު މަހު އިންޑިއާގައި ކުރެވެން ނެތް އެތައް ކަމެއް މިހާރު ހުރީ ތަރުތީބުވެފަ އެވެ. ކޮވިޑަށް ފަރުވާދޭން ހާއްސަ 19،000 ފެސިލިޓީޒް ތައްޔާރުކޮށްފި އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ އައިސޮލޭޝަން ބެޑް ވެސް، ބަލިމީހުންނަށް ހާއްސަކޮށްގެން ބަހައްޓައިފި އެވެ.

އިންޑިއާގައި ކޮވިޑް މަރުގެ ނިސްބަތް ދަށް ނަމަވެސް، މިހާރު މިދާ ގޮތަށް ބަލިމީހުން ގިނަވެއްޖެ ނަމަ މަރުވާ މީހުންގެ ޖުމްލަ އަދަދު ކުޑައެއް ނުވާނެ އެވެ. މިސާލަކަށް އިންޑިއާގެ އާބާދީގެ 50 ޕަސެންޓަށް ބަލި ޖެހި، މަރުގެ ރޭޓް 0.1 ޕަސެންޓްގައި ހުރި ނަމަވެސް އެއީ 670،000 މަރެވެ. އެހެންކަމުން މިއީ އެއްގޮތަކަށް ވެސް އާދައިގެ ކަމެއް ނޫންކަން އެނގެ އެވެ.