އަވަށެއްގެ އިންޓަނެޓް ކޮންމެ ދުވަހަކު އެއް ވަގުތަކު ކެނޑޭތާ ދޮޅު އަހަރު ފަހުން ސަބަބު ހޯދިއްޖެ

ވޭލްސްގެ އަވަށެއްގައި ކޮންމެ ދުވަހަކު ހެނދުނު އެއް ވަގުތެއްގައި ބްރޯޑްބޭންޑްގެ ހިދުމަތް މުޅި އަވަށުން ކެނޑޭތާ 18 މަސް ދުވަސް ފަހުން ސަބަބު ހޯދިއްޖެ އެވެ.


އިންޓަނެޓް ކެނޑޭ ސަބަބެއް ނުހޯދި އެތައް ކަމެއް ކުރި ފަހުން އިންޖިނިއަރުންނަށް އެނގުނު ގޮތުގައި އިންޓަނެޓް ކެނޑެނީ އަވަށުގެ ގެއެއްގައި ހުރި ސެކަންޑް-ހޭންޑް ޓީވީއަކުން ފޮނުވާ ސިގްނަލްތަކެއްގެ ސަބަބުންނެވެ. އެ ސިގްނަލުން އިންޓަނެޓް ކަނެކްޝަނަށް އިންޓަފިއާވަނީ އެވެ. މި ޓީވީ އަކީ ރިޓަޔާކޮށްގެން އުޅޭ ދެމަފިރިއަކު 30 ޕައުންޑަށް ގަނެގެން ގެންގުޅޭ އެއްޗެކެވެ.

އިނގިރޭސި ވިލާތުގެ ޑިޖިޓަލް ނެޓްވޯކް ހިންގާ އޯޕަންރީޗް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އިންޓަނެޓް ކެނޑޭ މައްސަލަ ދެނެގަނެތީ "ޑިޓެކްޓިވް އިންޖިނިއަރުން"ގެ ޓީމަކުންނެވެ.

އިންޓަނެޓް ކެނޑޭ ސަބަބު ހޯދަން އޯޕަންރީޗްގެ މުވައްޒަފުން އެބާހޯސަން އަވަށަށް އެތައް ފަހަރަކު ގޮސް އެކި ކަންތައް ކޮށްފައިވެ އެވެ. އެ މީހުން ވަނީ އިންޓަނެޓް ކޭބަލްތައް ވެސް ބަދަލުކޮށްފަ އެވެ. އެކަމަކު މައްސަލަ ހައްލެއް ނުވެ އެވެ.

ގޮތް ހުސްވެ ތަޖުރިބާކާރުންގެ ޓީމުުގެ އެހީ އަށް އެދުމުން އެ މީހުން ބެލި ކަންކަމަށް ފަހު ނިންމީ "ހައިލެވަލް އިމްޕަލްސް ނޮއިސް" ކިޔާ ފިނޯމިނާއެއްގެ ސަބަބުން އިންޓަނެޓަށް ބުރޫ އަރަނީ ކަމަށެވެ. މިއީ އެހެން ޑިވައިސްތަކުގެ އިލެކްޓްރިކަލް އިންޓަފިއަރެންސްގެ ސަބަބުން ބްރޯޑްބޭންޑް އިންޓަނެޓަށް ހުރަސްއެޅޭ ހާލަތެކެވެ.

މިކަން ދެނެގަތުމަށް އިންޖިނިއަރުން ބޭނުންކުރީ ސްޕެކްޓްރަމް އެނަލައިޒާ ކިޔާ ޑިވައިސްއެކެވެ. އަވަށުގެ އިންޖިނިއަރު މައިކަލް ޖޯންސް ނެރުނު ބަޔާނެއްގައި ބުނީ މި ޑިވައިސް ހިފައިގެން ހެނދުނު 6:00 ގައި ނުކުމެ އަވަށުގައި ހިނގައި އިލެކްޓްރިކަލް ނޮއިސްއެއް ދެނެގަނެވޭތޯ ބެލި ކަމަށެވެ.

މިގޮތަށް ބަލަނިކޮށް ހެނދުނު ހަތެެއް ޖެހުމާ އެކު ވަރުގަދަ އިލެކްޓްރިކަލް އިންޓަފިއަރެންސެއް ޑިވައިސް އަށް ލިބުނެވެ.

"މި އިލެކްޓްރިކަލް ނޮއިސް އަންނަ ދިމާލެއް ބަލަމުން ގޮސް ފެނުނީ ގެއެއް. އެ ގެ ބެލުމުން އެނގުނީ ކޮންމެ ދުވަހަކު ހަތެއް ޖެހުމާ އެކު އެ ގޭގެ މުސްކުޅި ޓީވީ ހުޅުވާކަން. އަދި އެއާ އެކު މުޅި އަވަށުން ބްރޯޑްބޭންޑް އިންޓަނެޓް ކެނޑޭކަން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ މުޅި އަވަށު އެންމެންނަށް އިންޓަނެޓް ކެނޑެނީ ޓީވީގެ ސަބަބުންކަން އެނގުމުން، އެ ޓީވީގެ ވެރިމީހާ ވަރަށް އަޖައިބުވި ކަމަށެވެ. އެކަމަކު އެ މީހާ ވަނީ އެ ޓީވީ ދެން ބޭނުން ނުކުރަން އެއްބަސްވެފަ އެވެ. މިއާ އެކު، އިލެކްޓްރިކް އާލާތްތައް މި ޒަމާނަށް ފެތޭތޯ ޔަގީންކުރުމަށް ވެސް އާންމުންގެ ކިބައިން ވަނީ އެދިފަ އެވެ.

ޔޫކޭގެ ޓެލެކޮމް ރެގިއުލޭޓަ އޮފްކޮމް އިން މި އަހަރު ކުރީކޮޅު ވަނީ މައިކްރޮވޭވްގެ ސަބަބުން ވެސް ވައިފައި ސިގްނަލް ދަށްވާނެ ކަމަށް ބުނެފަ އެވެ.