އިންޑިއާގެ މުސްލިމް މާމަ، ޓައިމްގެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި

އެތައް މިލިއަން މުސްލިމުންނަކަށް އިންޑިއާގެ ރައްޔިތުކަން ގެއްލޭ ގޮތަށް ފާސްކުރި ކަމަށް ތުހުމަތުކުރެވޭ ގާނޫނާ ދެކޮޅަށް ނިއު ދިއްލީގައި ކުރިއަށް ދާ މުޒާހަރާތަކުގެ އެއް ރޫހު ކަމަށް ބެލެވޭ މުސްލިމް މާމަ، ޓައިމް މަޖައްލާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ހިމެނިއްޖެ އެވެ.


ހިންދޫންގެ ހަރުކަށި ވިސްނުމުގެ ބީޖޭޕީގެ ބޮޑު އަގުލަބިއްޔެއް އޮންނަ މަޖިލިހުން މިދިއަ ޑިސެމްބަރު މަހު އެ ގާނޫނު ފާސްކުރި ފަހުން، ކޮންމެ ދުވަހަކު ހެން ބިލްކިސް، 82، ވެރިރަށް ނިއު ދިއްލީގެ ޝާހީން ބާގަށް ނުކުމެ، އިށީނދެ އިނދެ އެވެ.

ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް ފާސްކުރުމާ އެކު އިންޑިއާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި އެވެ. ހާއްސަކޮށް މުޒާހަރާކުރާ މުސްލިމުންނާ ދެކޮޅަށް ހިންދޫންގެ ގްރޫޕްތައް އަނިޔާވެރިވެ، ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

އެކަމަކު ޝާހީން ބާގުގައި ކޮންމެ ދުވަހަކު ވެސް އަޑުއިއްވުން ބާއްވަ އެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު 8 ގައި އެތަނުގައި އިށީންނަ ގޮތަށް، ދަންވަންދެން ބިލްކިސް އިނދެ އެވެ. މި އިށީނުމުގައި ލީޑްކުރަނީ އުމުރުން ދުވަސްވީ މުސްލިމް އަންހެނުންނެވެ. އެކަމަކު އެހެން ދީންތަކުގެ މީހުން ވެސް އެ މީހުންނަށް ސަޕޯޓްކުރުމުގެ ގޮތުން ތިބެ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ދާ މުޒާހަރާގެ މައިގަނޑު ބައިވެރިންނަކީ އުމުރުން ދުވަސްވީ މުސްލިމް އަންހެނުން

އާ ގާނޫނު މައްސަލައަކަށް ވަނީ ދީނަށް ނިސްބަތްކޮށް އިންޑިއާގެ ރައްޔިތަކަށް ވެވޭތީ އެވެ. އެގޮތުން އެހެން ގައުމުތަކުން އިންޑިއާއަށް ހިޖުރަކޮށްފައިވާ މުސްލިމް ނޫން ދީންތަކުގެ މީހުންނަށް ރަށްވެހިކަން ލިބެ އެވެ. އިންޑިއާގެ ރައްޔިތަކަށް ވުމުގެ ޝަރުތަކަށް ވަކި ދީނަކަށް ނިސްބަތް ވުން ގާނޫނުއަސާސީގައި ނެތުމުން، އެ ގާނޫނަކީ އަމަލްކުރެވޭނެ އެއްޗެއް ނޫން ކަމަށް، މައްސަލާގައި އުޅޭ މީހުން ބުނެ އެވެ. އެހެންކަމުން އެ ގާނޫނު ބާތިލްކުރަން، އެކި ކޯޓުތަކަށް މިހާރު ވެސް ވަނީ ހުށައަޅައިފަ އެވެ.

އެކަމަކު ބީޖޭޕީން ބުނާ ގޮތުގައި ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނަކީ "ގައްދާރުން"ނެވެ.

ބިލްކިސްގެ އިތުރުން މި އަހަރުގެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބޮލީވުޑްގެ ތަރި އަޔޫޝްމަން ކްރާނާ ވެސް ހިމެނެ އެވެ.

ޓައިމްގެ މި އަހަރުގެ އެންމެ ނުފޫޒު ގަދަ 100 މީހުންނާ ބެހޭ ގޮތުން ވެސް ކުޑަ ހުލާސާއެއް ލިއެފައިވެ އެވެ. އެގޮތުން ބިލްކިސްގެ ހުލާސާ ލިއުނީ އިންޑިއާގެ އަންހެން ލިއުންތެރިޔާ ރާނާ އައްޔޫބެވެ. ރާނާއަކީ، ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ލޭ އޮހޮރުވުން ބޮޑު ހަމަނުޖެހުމާ ބެހޭ ގޮތުން "ގުޖުރާތު ފައިލްސް: އެނަޓޮމީ އޮފް އަ ކަވާ އަޕް" ލިއުނު ލިއުންތެރިޔާ އެވެ.

ތިރީގައި އެވަނީ ރާނާގެ ލިއުމުގެ ތަރުޖަމާއެކެވެ.

އަހަންނަށް ފުރަތަމަ ފަހަރަށް ބިލްކިސްއާ ބައްދަލުވި އިރު، އޭނާ އިނީ އަޑުއިއްވަމުން ދިޔަ ޒުވާން އަންހެނުންތަކެއްގެ މެދުގަ އެވެ. އެއް އަތުގައި ތަސްބީހަ އެވެ. އަނެއް އަތުގައި އިންޑިއާގެ ދިދަ އެވެ. އެކަމަކު ހެނދުނު އަށަކުން ފެށިގެން މެންދަންވަންދެން، މުޒާހަރާގައި އިންނަ އުމުރުން 82 އަހަރުގެ މި މާމައަކީ، އިންޑިއާގައި އެތައް ހައްގެއް ނިގުޅައިގެންފައިވާ މީހުންގެ އަޑެވެ.

އިންޑިއާގެ އެތައް މިލިއަން މުސްލިމުންނަކަށް އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތު ގެއްލުމުގެ ބިރު އޮތް ގާނޫނު، ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް، މިދިއަ ޑިސެމްބަރު މަހު ފާސްކުރީއްސުރެ، ކޮންމެ ދުވަހަކު ބިލްކިސް އަންނަނީ، ވެރިރަށް ނިއު ދިއްލީގެ ޝާހީން ބާގުގައި، އިށީދެ އިނދެ، އޭނާގެ އަޑު އިއްވަމުންނެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އަންހެނުންނާއި މުސްލިމުން ކަހަލަ އިންޑިއާގެ އާބާދީގެ ނިސްބަތުން ބައިމަދު މީހުންގެ އަޑު އިންޑިއާގައި ދަނީ ކަނޑާލަމުންނެވެ. އެކަހަލަ މާހައުލެއްގައި ބިލްކިސްގެ ހިތްވަރަކީ ދެކޮޅުހެދުމުގެ ނަމޫނާއެކެވެ.

ޑިމޮކްރަސީއަކުން ހުދުމުހުތާރުކަމަށް ވެއްޓިފައިވާ އިންޑިއާގައި ސަރުކާރާ ދެކޮޅަށް އަޑުއިއްވައިގެން ޖަލަށް ލާފައިވާ ހަރަކާތްތެރިންނާއި ދަރިވަރުންގެ ލީޑަރުންނަށް، ބިލްކިސް ވެފައިވަނީ އުއްމީދަކަށެވެ. އަދި އެއީ އިންޑިއާގެ އެކި ހިސާބުތަކުގައި އެކަހަލަ މުޒާހަރާތަކަށް މީހުން ނުކުތުމުގެ ބާރެކެވެ.

އޭނާ ބުންޏެވެ: "އަހަރެންގެ ނާރުތަކުން ލޭ ހިނގުން ހުއްޓެންދެން އަހަރެން މި ތަނުގައި އިންނާނަން."