މީހަކަށް ދެ ފަހަރަށް ކޮވިޑް ޖެހި، ދެ ވަނަ ފަހަރު ހާލު ސީރިއަސް

ނެވާޑާ (އޮކްޓޯބަރު 13) - އެމެރިކާގެ ރައްޔިތަކަށް ކޮވިޑް-19 ދެ ފަހަރަށް ޖެހި، ދެ ވަނަ ފަހަރު އޭނާގެ ހާލު މާބޮޑަށް ސީރިއަސްވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.


އުމުރުން 25 އަހަރުގެ މީހާ އަށް ދެ ވަނަ ފަހަރަށް އެ ބަލި ޖެހި، ހަށިގަނޑަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބޭތީ ވަނީ ހޮސްޕިޓަލުން ފަރުވާ ދޭންޖެހިފަ އެވެ. ނަމަވެސް އެ މީހާ މިހާރު ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑް-19 އެއް ފަހަރު ޖެހިފައިވާ މީހަކަށް ދެ ވަނަ ފަހަރަށް އެ ބަލިޖެހުމަކީ ދުރު ކަމެއް ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.

ދެ ވަނަ ފަހަރަށް މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން، ބަލި ޖެހޭ މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް ދިފާއީ އެންޓިބޮޑީސް އުފައްދަނީ ކިހާ މިންވަރަކަށް ކަމާމެދު ތަޖްރިބާރުން މިހާރު ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ.

ނެވާޑާ އަށް އުފަން އެ މީހާގެ ހަށިގަނޑުން ކޮވިޑް-19 ގެ އަލާމަތްތައް ފުރަތަމަ ފެންނަން ފެށީ މާޗް 25 ގަ އެވެ. އޭނާ ވަނީ އެޕްރީލް 18 ގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މެއި 9 އަދި 26 ގައި ކުރި ދެ ޓެސްޓުން ވެސް އެ މީހާ ވަނީ ނެގެޓިވްވެފަ އެވެ. އެކަމަކު މެއި މަހު 28 ވަނަ ދުވަހު ބަލީގެ އަލާމަތްތައް މާބޮޑަށް އޭނާގެ ކިބައިން ވަނީ ފެންނަން ފަށައިފަ އެވެ. ދެ ވަނަ ފަހަރު ވަނީ ހުން އައިސް، ކެއްސައި، ބޮލުގައި ރިއްސައި، ކާހިތްނުވުމުގެ އިތުރުން ބޭރަށް ހިންގުމުގެ ރޯގާ ވެސް ޖެހިފަ އެވެ. ކޮވިޑް-19 އަށް ދެ ވަނަ ފަހަރަށް އެ މީހާ ޕޮޒިޓިވްވެފައި ވަނީ ޖޫން 5 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ނޭވާ ކުރުވެ އޮކްސިޖަން ލެވެލް ވަނީ ދަށްވެފަ އެވެ.

ޔުނިވާސިޓީ އޮފް ނެވާޑާގެ ސައެންސްވެރިން ބުނާ ގޮތުގައި އެއް ފަހަރު ކޮވިޑް-19 ޖެހުމަކީ ދެ ވަނަ ފަހަރަށް އެ ބަލި ނުޖެހުމަށް ދިފާއީ ބާރު ވަރުގަދަ ކޮށްދޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ ކޮވިޑް-19 ޖެހި ރަނގަޅުވެފައި ތިބޭ މީހުން ވެސް ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުން މުހިންމު ކަމަށް ސައެންސްވެރިން ބުނެ އެވެ.

ދުނިޔޭގެ 37 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިރު ދެ ވަނަ ފަހަރަށް ބަލިޖެހިގެން ރިޕޯޓްކޮށްފައި ވަނީ ވަރަށް މަދުންނެވެ. ހޮން ކޮންގް، ސައުތު ކޮރެއާ، ބެލްޖިއަމް، ނެދަލޭންޑްސް އަދި އިކުއެޑޯ ފަދަ ގައުމުތަކުން ދެ ވަނަ ފަހަރަށް ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ ފަރާތުން ފެނިފައި ވަނީ ބަލީގެ އާދައިގެ އަލާމާތްތަކެވެ. އަދި އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހިފައެއް ނުވެ އެވެ. ދެ ވަނަ ފަހަރަށް ބަލި ޖެހުނު އެމެރިކާގެ މީހާގެ ހާލު ސީރިއަސްވީ، އެ މީހާ ވައިރަސް ޑޯޒް އަށް އެކްސްޕޯޒްވިލެއް ބޮޑު ކަމުން ކަމަށް ވެދާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.