މެލޭޝިއާގެ ސަރުކާރު ބަދަލުކުރަން، ރަސްގެފާނާ އަންވަރު ބައްދަލު ކުރައްވައިފި

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 13) - ޕާލަމެންޓުގައި އަޣުލަބިއްޔަތު ލިބިފައިވާކަން ސާބިތުކޮށްދެއްވައި، މެލޭޝިއާގެ ސަރުކާރު ބަދަލު ކުރުމުގެ ބޭނުމުގައި، އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް، އެ ގައުމުގެ ރަސްގެފާނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.


ގިނަ ޕާޓީތައް ގުޅިގެން އުފެއްދި ސަރުކާރުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން މެލޭޝިއާ ވަނީ ސިޔާސީ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އިންތިޚާބަކާ ނުލައި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި މުހްޔިއްދީން ޔާސީނަށް ކޯލިޝަނުގެ ސަޕޯޓް މިހާރު ވަނީ ގެއްލެން ފަށައިފަ އެވެ.

މުހްޔިއްދީންގެ ސަރުކާރު ވައްޓާލެވޭ ވަރަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށް އަންވަރު މިދިޔަ މަހު ވަނީ އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ވަނީ ރަސްގެފާނާ ބައްދަލު ކުރެއްވޭ ގޮތް ނުވެފަ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތްކަން ސާބިތުކޮށްދިނުމުން ބޮޑުވަޒީރު އައްޔަން ކުރައްވާނީ ރަސްގެފާނެވެ. އެންމެ ފަހުން ރަސްގެފާން އަބްދުﷲ ސުލްތާން އަހުމަދު ޝާހުއާ އަންވަރު މިއަދު ވަނީ ގަނޑުވަރުގައި 25 މިނިޓަށް ބައްދަލު ކުރައްވައިފަ އެވެ.

އަންވަރު ވިދާޅުވީ ޕާލަމެންޓުގެ 120 އަށް ވުރެ ގިނަ މެންބަރުންގެ ތާއީދު އޮތްކަން ސާބިތުކޮށްދިނުމުގެ ލިޔުންތައް ރަސްގެފާނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ފަހުން ތަފާތު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހާޒިރުކޮށް، އަންވަރަށް ތާއިދު އޮތްތޯ ޔަގީން ކުރާނެ އެވެ. މެލޭޝިއާގެ ބޮޑުވަޒީރަކަށް ވުމަށްޓަކައި ޕާލަމެންޓުގެ 221 މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ.

ބޮޑުވަޒީރުކަމުގެ ހުވަފެންތައް ދެކެވަޑައިގަންނަވާތާ ވިއްސަކަށް އަހަރުވެފައިވާ އަންވަރަކީ މަހާތިރަށް ފަހު އެ މަގާމު ލިބޭނެކަމަށް އެންމެ ބޮޑަށް އުއްމީދުކުރި ފަރާތެވެ. ނަމަވެސް ކޯލިޝަން ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި މަހާތިރު އިސްތިއުފާ ދެއްވުމާ އެކު ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯއްދެވީ މުހްޔިއްދީނެވެ.

މުހްޔިއްދީން ކޯލިޝަނުގެ އިސް މެމްބަރަކު ވިދާޅުވީ ސަރުކާރުގައި ހިމެނޭ ޕާލަމެންޓުގެ ގިނަ މެންބަރުން އަންވަރަށް ކުރިން ތާއިދު ކުރި ނަމަވެސް މިހާރު ވަނީ އެ ތާއީދު އަނބުރާ ގެނެސްފައި ކަމަށެވެ.