ޑްރޯންގެ އެހީގައި ޑްރަގުގެ ބޮޑު ޑީލެއް ޗައިނާގައި ފަޅާއަރުވާލައިފި

ބެއިޖިން (އޮކްޓޯބަރު 14) - ޗައިނާގައި ޑްރަގުގެ ބޮޑު ޑީލެއް ކުރިއަށް ގެންދަނިކޮށް، ޑްރޯންގެ އެހީގައި އެ މަންޒަރުތައް ވީޑިއޯކޮށް، އެ އޮޕަރޭޝަން ފުލުހުން ހުއްޓުވައިފި އެވެ.


ޗައިނާގެ ރަސްމީ ޓީވީ، ސީސީޓީވީން ވަނީ ޑްރަގު ޑީލް ފަޅާއަރުވާލަން ޑްރޯން އިން ނެގި ބައެއް މަންޒަރުތައް ދައްކައިފަ އެވެ. ޑްރޯން އިން ނަގަމުން ދިޔަ ވީޑިއޯތައް ބެލުމަށް ފަހު، ފުލުހުން ވަނީ އެ ޑީލްއާ ގުޅުން ހުރި މީހުން ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މި އޮޕަރޭޝަނާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިއާގައި ވަނީ ޚިޔާލު ތަފާތުވެފަ އެވެ. އެއް ބަޔަކު ބުނި ގޮތުގައި މިހާރު ފިލައިގެން އުޅެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަނެއް ބަޔަކު ބުނީ ޑްރޯންގައި ހަތިޔާރު ހަރުކޮށް، އެހެން ޖަރީމާތައް ވެސް ހުއްޓުވަން ޖެހޭނެ ކަމަށެވެ.

ޑްރޯނުން ނެގި މަންޒަރުތައް ވަނީ ޗައިނާގެ ރަސްމީ ޓީވީން ދައްކާފައި. --ފޮޓޯ:ސީސީޓީވީ

ޑްރަގު ޑީލް ފަޅާ އަރުވާލަން ފުލުހުން ޑްރޯން އޮޕަރޭޝަން ހިންގީ ޗައިނާގެ ދެކުނުގެ ގުއިލިން ސިޓީގައި ބަންދުކޮށްފައި ހުރި ފެކްޓަރީއެއްގަ އެވެ. ޑްރޯންގެ މަންޒަރުތަކުން ފެނުނު ގޮތުގައި ޑީލަރުން ވަނީ ޑްރަގު އެއް ބަޔަކު އަނެއް ބަޔަކަށް ބަދަލުކޮށްފަ އެވެ. އޮޕަރޭޝަން ހިންގަމުން ދިޔަ އިރު އެ ސަރަހައްދާ ކައިރީގައިވާ ފުލުސް ސްޓޭޝަނަކުން ދިޔައީ މަންޒަރުތައް ވަގުތުން ބަލަމުންނެވެ.

ޗައިނާގައި 17 އަހަރު ވަންދެން ފިލައިގެން އުޅުނު މީހަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ޑްރޯންގެ އެހީގައި ހޯދައިފަ އެވެ. އެ މީހާ ހޯދި އިރު ދިޔައީ ދެކުނުގެ ޔުނާން ޕްރޮވިންސްގެ ހޮހަޅައެއްގައި ދިރިއުޅެމުންނެވެ.

ކޮރޯނާވައިރަހާ ގުޅިގެން ބައެއް ގައުމުތައް ލޮކްޑައުން ކުރި އިރު ވެސް މީހުން ބޭރުގައި އުޅޭތޯ ބެލުމަށް ވަނީ ޑްރޯން ބޭނުންކޮށްފަ އެވެ.