ދެ ފަހަރަށް ކޮވިޑް ޖެހުނު މީހަކު މަރުވެއްޖެ

އެމްސްޓެޑަމް (އޮކްޓޯބަރު 14) - ދެ ވަނަ ފަހަރަށް ކޮވިޑް-19 ޖެހުނު ހޮލެންޑުގެ އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެ އެވެ.


ތަޖްރިބާރުން ބުނަނީ، އެނގިފައިވާ ގޮތުގައި، އުމުރުން 89 އަހަރުގެ އެ އަންހެން މީހާ އަކީ ދެ ވަނަ ފަހަރަށް ކޮވިޑް-19 ޖެހިގެން މަރުވި ފުރަތަމަ މީހާ ކަމަށެވެ. އެއީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށްވެ އެވެ. ނެދަލޭންޑްސްގެ މާސްޓްރިޗް ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ ރިސާޗަރުން ބުނީ ކެންސަރަށް ފަރުވާ ހޯދި ނަމަވެސް، ކޮރޯނާވައިރަހުން ދިފާއުވެވޭ ވަރަށް އެ މީހާގެ ގުދުރަތީ އިމިއުން ސިސްޓަމް ވަރުގަދަ ކަމަށެވެ.

ހުން އައިސް، ކެއްސާތީ އެ އަންހެން މީހާ ފުރަތަމަ ފަހަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މި އަހަރުގެ ކުރީކޮޅު އެވެ. ފަހުން އެ މީހާ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ފަސް ދުވަސް ފަހުން އެ މީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އެކަމަކު ގާތްގަނޑަކަށް ދެ މަސް ފަހުން އެ މީހާގެ ކިބައިން އަނެއްކާވެސް ވަނީ ކޮރޯނާވައިރަހުގެ އަލާމާތްތައް ފެންނަން ފަށައިފަ އެވެ. އެހެންވެ އަނެއްކާވެސް ޓެސްޓް ކުރުމުން އެ އަންހެން މީހާ ވަނީ ދެ ވަނަ ފަހަރަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ މީހާގެ ހަށިގަނޑުން އެންޓިބޮޑީސް ފެންނަން ނެތް ކަމަށް އޮފިޝަލުން ބުންޏެވެ. އޭގެ ދެ ހަފުތާ ފަހުން އެ މީހާ ވަނީ މަރުވެފަ އެވެ.

ފުރަތަމަ ފަހަރަށް ޕޮޒިޓިވްވުމާއި ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުމާ ދެމެދު އެ އަންހެން މީހާގެ އިތުރު ޓެސްޓެއް ކޮށްފައެއް ނުވެ އެވެ. އެހެންވެ ރިސާޗަރުންނަށް އެ މީހާގެ ނެގެޓިވް ޓެސްޓެއް ޔަގީން ކުރެވިފައެއް ނުވެ އެވެ.