ފަސް މިނިޓުން ޓެސްޓް ކުރެވޭ ކިޓެއް އޮކްސްފޯޑުން އުފައްދައިފި

ލަންޑަން (އޮކްޓޯބަރު 16) - ކޮރޯނާވައިރަސް ހުރިތޯ ފަސް މިނިޓް ތެރޭ ޓެސްޓްކޮށްލެވޭ ރެޕިޓް އެންޓިޖެން ކިޓެއް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ސައެންސްވެރިން އުފައްދައިފި އެވެ.


ތަޖްރިބާކާރުން ބުނަނީ މިއީ އެއާޕޯޓްތަކާއި ވިޔަފާރިތަކުގައި ބޭނުން ކުރުމަށް މުހިންމު ޓެސްޓަކަށް ވާނެ ކަމަށެވެ. ޔުނިވާސިޓީން ބުނީ ޓެސްޓިން ޑިވައިސް އަންނަ އަހަރުގެ ކުރީކޮޅު އުފައްދަން ފަށައި އޭގެ ހަ މަސް ފަހުން ޑިވައިސް ލިބޭވަރު ވާނެ ކަމަށެވެ. ރިސާޗަރުން ބުނި ގޮތުގައި މި ޑިވައިސް އިން ކޮރޯނާވައިރަސް ވަރަށް އިތުބާރާ އެކު ދެނެގަންނާނެ ކަމަށެވެ.

އޮކްސްފޯޑުގެ ފިޒިކްސް ޑިޕާޓްމަންޓުގެ ޕްރޮފެސަރު އާޗިލްސް ކަޕަނިޑިސް ވިދާޅުވީ އެއީ އަވަސް ވުމުގެ އިތުރުން އަގުހެޔޮ ޓެސްޓަކަށްވާނެ ކަމަށެވެ.

ކޮރޯނާވައިރަސް ހަލުވިކަމާ އެކު އަދިވެސް ބައެއް ގައުމުތަކުގައި ފެތުރޭ އިރު އިގްތިސާދު ހުޅުވާލަން މަސައްކަތް ކުރާ އިރު ރެޕިޑް އެންޓިޖެން ޓެސްޓުގެ މުހިންމުކަން ބޮޑު ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.