ރެމްޑެސެވިއާ އަކީ ކޮވިޑް-19 އަށް ފަރުވާއެއް ނޫން

ޖެނީވާ (އޮކްޓޯބަރު 17) - އެބޯލާ ބަލީގެ މީހުންނަށް ދޭ ފަރުވާއެއް ކަމަށްވާ ރެމްޑެސެވިއާ އަކީ ކޮވިޑް-19 އަށް އެކަށީގެންވާ ފަރުވާއެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.


ކޮވިޑް-19 އަށް ފަރުވާއެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބަލާ ހަތަރު ބޭހެއް ޑަބްލިއުއެޗްއޯ އިން ވަނީ ތަހުލީލުކޮށްފަ އެވެ. އޭގެ ތެރޭގައި ރެމްޑެސެވިއާ އާއި ހައިޑްރޯކްލޮރޯކްއީން ވެސް ހިމެނެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން އިރު ވަނީ ރެމްޑެސެވިއާ ދީފަ އެވެ.

ކޮވިޑް-19 ގެ ބަލި މީހުންނަށް ރެމްޑެސެވިއާ އިން ފަރުވާ ނުލިބޭ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނުމުން އެ ބޭސް އުފެއްދި އެމެރިކާގެ ގިލިއާޑް ކުންފުނިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނީ ޑަބްލިއުއެޗްއޯގެ ހޯދުންތައް މުޅިން ފުރިހަމަ ނުވާ ކަމަށެވެ.

ކޮވިޑަށް ފަރުވާ ދިނުމުގައި ބައެއް ގައުމުތަކުގައި ބޭނުންކުރާ ހަތަރު ބޭސް ކަމަށްވާ ރެމްޑެސިއާ، މެލޭރިއާގެ ބޭހެއް ކަމަށްވާ ހައިޑްރޯކްލޮރޯކްއީން، އިމިއުން ޑްރަގެއް ކަމަށްވާ އިންޓަފެރޮން އަދި އެޗްއައިވީގެ ބަލި މީހުންނަށް ދޭ ލޮޕިނަވާ ޑަބްލިއުއެޗްއޯ އިން ޓެސްޓްކޮށްފައި ވަނީ 30 ގައުމެއްގެ 500 ހޮސްޕިޓަލްގައި 11،266 ބަލި މީހުން ބޭނުންކޮށްގެންނެވެ. ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ މީގެ ތެރޭން އެއްވެސް ބޭހަކީ ކޮވިޑް-19 ގެ ބަލި މީހުން ނުރައްކަލުން ސަލާމަތްކޮށް ނުވަތަ ހޮސްޕިޓަލްގައި ފަރުވާ ދޭ މުއްދަތު ކުރުކޮށްދޭ ބޭހެއް ނޫން ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސްޓް ސޫމިޔާ ސްވާމިނަތަން ވިދާޅުވީ ހައިޑްރޯކްލޮރޯކްއީން އާއި ލޮޕިނަވިއާ/ރިޓޮނަވިއާގެ ޓްރަޔަލްތައް ޖޫން މަހު ހުއްޓާލާފައިވާ ކަމަށެވެ. ސަބަބަކީ އެ ދެ ބޭހަކީ ކޮވިޑް-19 އަށް ފަރުވާ އަކަށް ނުވާތީ ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން ބައެއް ވެކްސިން މިހާރު ވަނީ ތިން ވަނަ ސްޓޭޖުގަ އެވެ.