ޗައިނާގެ ވެކްސިން އާއްމުންނަށް ހުޅުވާލުމާ އެކު ދިގު ކިޔޫއެއް

ބެއިޖިން (އޮކްޓޯބަރު 18) - ކޮރޯނާވައިރަހަށް ޗައިނާ އިން އުފެއްދި ވެކްސިން އާއްމުން ތަޖްރިބާ ކުރުމަށް އިއްޔެ ހުޅުވުމާ އެކު އެތައް ހާސް ބަޔަކު ވެކްސިން ޖަހަން ކިޔޫ ހަދައިފި އެވެ.


ކްލިނިކަލް ޓްރަޔަލްތައް އަދި މުޅިން ނުނިމުނު ނަމަވެސް އިރުމަތީގެ ޒެޖިއާން ޕްރޮވިންސްގެ ޔިވޫ ސިޓީގެ ކޮމިއުނިޓީ ހެލްތު ސެންޓަރުގެ ބޭރުގައި ވަނީ ވެކްސިން ނެރުމުގެ ކުރިން ކިޔޫ ހަދައިފަ އެވެ. ވެކްސިން ޖަހާފައި ވަނީ ޑޯޒެއް 45 ޕައުންޑަށެވެ. ވެކްސިން ޖެހުމުގެ ކުރިން ވޮލަންޓިއަރުން ވަނީ ވެކްސިންގެ ސައިޑް-އިފެކްޓްސްއާ ގުޅޭ ލިޔުމެއްގައި ސޮއިކޮށްފަ އެވެ. ފުރަތަމަ ވެކްސިން ޖެހި މީހުން ދެ ވަނަ ޑޯޒް 28 ދުވަހުގެ ތެރޭގައި ޖަހަން ޖެހޭނެ އެވެ. ތަޖްރިބާ ކުރަން ނެރުނު ވެކްސިން ވަނީ ދެ ގަޑި ތިރީސް މިނިޓް ތެރޭ ހުސްވެފަ އެވެ.

ޔިވޫ ސިޓީގައި ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނާއި ކޮވިޑް-19 އަށް ހައި-ރިސްކް މީހުންނަށް ވެކްސިން ލިބޭނެ ގޮތް ހަދާނެ ކަމަށް އެ ސިޓީގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ކޮރޯނާވެކް ވެކްސިން އުފައްދާފައި ވަނީ ޗައިނާ ސަރުކާރުގެ ކުންފުނި ސިނޮވެކް ބަޔޯޓެކް އިންނެވެ. އެ ކުންފުނީގެ ވެކްސިންގެ އެންމެ ފަހު ސްޓޭޖުގެ ޓްރަޔަލްތައް ބްރެޒިލް، އިންޑޮނީޝިއާ، ތުރުކީގައި އަދިވެސް ދަނީ ކުރިއަށެވެ. ޗައިނާ އިން ބުނެފައި ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ތިން ހަފުތާ ތެރޭ ލޯންޗް ކުރާނެ ކަމަށެވެ. ތިން ވަނަ ފޭހުގައި މިހާތަނަށް ތަހުލީލުތައް ކުރިއަށް ގެންދާ އަށް ވެކްސިންގެ ތެރޭން ހަތަރު ވެކްސިނަކީ ޗައިނާގެ ކުންފުނިތަކުގެ އުފެއްދުމެވެ. ޗައިނާ ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕް (ސިނޯފާމް) އާއި ސިނޮވެކް ބަޔޯޓެކުން ދަނީ ތިން ވެކްސިނެއް އުފައްދަމުންނެވެ. ހަތަރު ވަނަ ވެކްސިން އުފައްދަނީ ކޭންސިނޯ ބަޔޯލޮޖިކްސް އިންނެވެ.

ޗައިނާ އިން ގެންދަނީ އިމަޖެންސީ ޕްރޮގްރާމެއްގެ ދަށުން ޖުލައި މަހުން ފެށިގެން، ސިއްހީ އޮފިޝަލުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ޖަހަމުންނެވެ. ނަމަވެސް މިއީ އާއްމުނަން ވެކްސިން ޖަހަން ހުޅުވާލި ފުރަތަމަ ފަހަރެވެ.