ބައިޑަން: ހަޔާތުގެ ހިތާމައިން ދުނިޔޭގެ އެންމެ ބާރުގަދަ މަގާމަށް

ވޮޝިންޓަން (ނޮވެމްބަރު 8) - އެމެރިކާގެ ރައްޔިތުންގެ ޚިދުމަތުގައި އެތައް އަހަރެއް ހޭދަ ކުރެއްވި ޖޯ ބައިޑަންގެ ހަޔާތުން ފިލާވަޅު ނަގާ ނަމަ އެމަނިކުފާނަކީ ލާމަސީލު މިސާލެކެވެ. ހަޔާތުގައި ދިމާވި އަޑިގުޑަންތަކަށް ފަހު، އެންމެ ފަހުން ވަނީ "އަގު ބޮޑު" އިނާމު ލިބިވަޑައިގެންފަ އެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ އެންމެ ބާރުގަދަ މަގާމެވެ.


30 އަހަރުގައި ސެނެޓަރަކަށް

އުފަން ސްޓޭޓް ޑެލަވެއާގައި ސިޔާސީ ކަންކަމުގައި އުޅުއްވުމަށް ފަހު ބައިޑަން ވަނީ ބޮޑު ހައިރާން ކަމެއް ގެނުވައިފަ އެވެ. އުމުރުން އެންމެ 30 އަހަރުގައި، 1972 ވަނަ އަހަރު ސެނެޓަށް ހޮވިވަޑައިގެންނެވީ ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސެނެޓަރަކު ބަލި ކުރެއްވުމަށް ފަހު އެވެ. އެކަމަކު އެ އުފާ ހިތާމައަށް ބަދަލުވާން މާގިނަ ދުވަސްތަކެއް ނުނަގަ އެވެ. ކާރު އެކްސިޑެންޓެއްގައި އަނބިކަނބަލުންނާއި އަންހެން ދަރިކަނބަލުން އަވަހާރަވި އެވެ. ފިރިހެން ދެ ދަރިކަލުން ކަމަށްވާ ހަންޓާ އާއި ބައު ވަރަށް ބޮޑަށް ޒަޚަމްވި އެވެ. ބައިޑަން ގަސްދު ކުރެއްވީ ސެނެޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ދެ ކުދިންނަށް ޚިދުމަތް ކުރަން ހުންނެވުމަށެވެ. ނަމަވެސް އެތައް ބައެއްގެ ނަސޭހަތް ގަބޫލްކޮށް، ބައިޑަން ނިންމެވީ މަގާމުގައި ހުންނެވުމަށެވެ. ސެނެޓަރުކަމުގެ ހުވާ ކުރެއްވީ ޖެނުއަރީ 5، 1973 ގަ އެވެ.

ބައިޑަން 1974 ވަނަ އަހަރު އެންމެ ޒުވާން ސެނެޓަރުގެ ގޮތުގައި. --ފޮޓޯ:ގެޓީ އިމޭޖަސް

އޭގެ ފަހުން އެމެރިކާގެ ކޮންގްރެސްގެ މަތީގޭގެ އިންތިޚާބު، 2008 ވަނަ އަހަރާ ހަމައަށް ކޮންމެ ފަހަރަކު ވެސް ބައިޑަން ކާމިޔާބު ކުރެއްވި އެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން އެމަނިކުފާން ވަނީ އެމެރިކާގެ ނައިބް ރައީސްގެ މަގާމު ދެ ދައުރު ފުރިހަމަ ކުރައްވައިފަ އެވެ.

ރިޔާސީ އުއްމީދުތައް ފެނަށް

އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމުގެ މަސައްކަތް 1987 ވަނަ އަހަރު ބައިޑަން ފެއްޓެވި އެވެ. އުމުރުފުޅުން 40 ގެ އަހަރުތަކުގެ ބައިޑަން އަށް ޕާޓީ ތެރޭން ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް ކެމްޕޭނެއްގައި އެހެން މީހެއްގެ ތަގްރީރު ކޮޕީކޮށްގެން ދިންކަމުގެ ތުހުމަތުގައި ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވަން ޖެހުނެވެ.

އޮބާމާގެ ނަމްބަރު ދޭކަށް

އެމެރިކާގެ ރައީސްކަމުގެ މަގާމު ހޯއްދެވުމުގެ މަސައްކަތް ބަރަކް އޮބާމާ 2008 ވަނަ އަހަރު ފެއްޓެވީ ރަނިން މޭޓެއްގެ ގޮތުގައި ބައިޑަންއާ އެކު އެވެ. އެ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ އަށް ވެސް ބައިޑަން ނުކުންނެވި އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ އިންތިޚާބަށް ވެސް ނުކުންނެވުމަށް ބައިޑަން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ކެންސަރު ބަލީގައި ދޮށީ ދަރިކަލުން ބައު އަވަހާރަވުމާ ގުޅިގެން ލިބިވަޑައިގަތް ހިތާމައިގައި ބައިޑަން ނިންމެވީ ސިޔާސީ ކަންކަމުން ދުވަސްކޮޅަށް ދުރަށް ވަޑައިގަތުމަށެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ރައީސް އޮބާމާ ކެމްޕޭން ކޮށްދެއްވަނީ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސް އަށް ވަޑައިގަތުން

އެމެރިކާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތުމުގެ ކެމްޕޭން މިދިޔަ އަހަރު ފައްޓަވައި ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުން ކާމިޔާބު ހޯއްދެވުމާ އެކު ބައިޑަން ހިމެނެނީ ވޭތުވެދިޔަ 28 އަހަރު ދުވަހު ތެރޭ މަގާމުގައި ހުންނެވި ރައީސަކަށް ދެ ވަނަ ދައުރެއްގެ ފުރުސަތު ގެއްލުވާލި ފުރަތަމަ ކެންޑިޑޭޓުގެ ގޮތުގަ އެވެ. މިހާތަނަށް 279 އިލެކްޓޯރަލް ވޯޓު ހޯއްދަވާފައިވާ ޖޯ ބައިޑަން ރައީސްކަމުގެ ހުވާ ކުރައްވާނީ އަންނަ ޖެނުއަރީ މަހު 20 ވަނަ ދުވަހު އެވެ. ރައީސްކަމަށް ވަޑައިގަންނަވާ އިރު އެމަނިކުފާނަށް 78 އަހަރު ވާނެ އެވެ. ބައިޑަން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 74 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ.