އެމެރިކާގެ ނައިބު ރައީސަކަށް ހޮވުނު ކަމަލާ ހެރިސް އަކީ ކާކު؟

އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްގެ ގޮތުގައި ތާރީހުން ޖާގަ ހޯއްދެވި ކަމިލާ ހެރިސް ޑިމޮކްރަޓިކް ޕާޓީގެ ރިއާސީ ކެންޑިޑޭޓް ޖޯ ބައިޑެންގެ ނައިބަކަށް އޯގަސްޓް މަހު ހަމަޖެއްސުމުން ދެއްވި ތަގުރީރުގައި އޭނާ ވަނީ އެމެރިކާ އަށް މީހުން ހިޖުރަކުރަނީ އުންމީދުތަކަކާ އެކީގައި ކަމަށާއި އޭނާ އަކީ ވެސް އެ އުންމީދުތަކުގެ ހެއްކެއް ކަމަށް ވިދާޅުވެފަ އެވެ.


އޮކްޓޫބަރު 20، 1964 ގައި އުފަންވި ކަމަލާ ވިދާޅުވީ އުމުރުން 19 އަހަރުގައި އިންޑިއާ އިން އެމެރިކާ އަށް މަންމަ ކަމަލާ ދޭވީ ހެރިސް ހިޖުރަކުރެއްވީ އުންމީދުތަކަކާ އެކުގައި ކަމަށެވެ. ބައްޕަ ޑޮނަލްޑް ހެރިސް އާއި މަންމައާ ދިމާވީ އެ ދުވަސްވަރު އެމެރިކާގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތަކުގެ ތެރެއިން ކަމަށް ކަމަލާ ވިދާޅުވި އެވެ. ބައްޕަ އަކީ ވެސް ޖެމެއިކާ އިން ހިޖުރަކުރި މީހެކެވެ.

އެހެންވެ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް އަދި ކަޅު ނަސްލުގެ ފުރަތަމަ ނައިބު ރައީސްގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަދެގެން ދިޔަ ކަމިލާ އަކީ އެފްރިކާ ދަރިކޮޅުގެ ފުރަތަމަ އަންހެން ސެނެޓަރުގެ އިތުރުން ދެކުނު އޭޝިއާ ދަރިކޮޅުގެ ވެސް ފުރަތަމަ އަންހެން ސެނެޓަރެވެ.

ދެ ގައުމަކަށް ނިސްބަތްވާ ކަމަލާ ހާވަޑް ޔުނިވަސިޓީން ޕޮލިޓިކަލް ސައިންސާއި އިކޮނޮމިކްސް ކިޔަވައި ވިދާޅުވި އެވެ. އަދި ޔުނިވަސިޓީ އޮފް ކެލިފޯނިއާ އާއި ހޭސްޓިންގްސް ކޮލެޖް އޮފް ދަ ލޯ އިން ކިޔަވައި ވިދާޅުވެ ގާނޫނީ ވަކީލަކަށް ވެ ވަޑައިގަތެވެ. އަދި ފަހުން ގާނޫނީ މަސައްކަތްތަކާއި ވަޒީފާތައް އަދާކުރެއްވި އެވެ.

ކަމަލާ ހޯއްދެވި މަގުބޫލުކަމުގައި، ކެލިފޯނިއާގެ ސެނެޓަށް 2016 ވަނަ އަހަރު އިންތިހާބުވެ ވަޑައިގަތެވެ. އަދި ސެނެޓްގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަމެންޓަލް އެފެއާޒް ކޮމިޓީ އާއި އިންޓެލިޖެންސް ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ އާއި ބަޖެޓް ކޮމިޓީގައި މަސައްކަތްކުރެއްވީ ޖެހިލުންކުޑަ މެންބަރެއްގެ ގޮތުގަ އެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ އަމަލުތަކާއި އެ ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިޔާސަތަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑު ވިދާޅުވެ ފިއްތުން އިތުރުކުރެއްވި އެވެ. އަދި ޑިމޮކްރަޓިކް ޕާޓީގެ ރިއާސީ ޓިކެޓް ހޯއްދެވުމަށް ވެސް މަސައްކަތްކުރެއްވި އެވެ. ނަމަވެސް އީސްކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތް، ފައިސާގެ ދަތިކަމާ ހުރެ ޑިސެމްބަރު 3، 2019 ގައި ހުއްޓާލެއްވީ އެވެ.

ކާމިޔާބީ އަށް ފަހު ކަމަލާ ހެރިސް ވާހަކަ ދައްކަވަނީ

ބައިޑެންގެ ނައިބަކަށް ކަމަލާ ހަމަޖެއްސީ މީގެ ފަހުންނެވެ. އެއާ އެކު ބައިޑެންގެ ކެމްޕޭނުގައި ކަމަލާގެ އަޑު ގަދަވި އެވެ.

ބައިޑެންއާ އެކު މިހާރުގެ ރައީސް ޓްރަމްޕްގެ މައްޗަށް ހޯއްދެވި ކާމިޔާބީ އަށް ފަހު ދެއްވި ތަގުރީރުގައި ވެސް ކަމަލާ ވަނީ ކެންސަރުގައި އަވަހާރަވެފައިވާ މަންމާފުޅުގެ ހަނދާންތައް އާކުރައްވައިފަ އެވެ.

"މިއަދު މިތަނަށް އައިސް ހުރުމުގެ ސަބަބަކަށްވި، އަޅުގަނޑުގެ މަންމަ ޝިއަމަލާ ގޯޕާލަން ހެރިސްގެ އަގު ވަޒަންކުރަން. މަންމަގެ އުމުރުން ނަވަރާ އަހަރުގައި އެމެރިކާ އަށް އައި އިރު، މިއީ އަންނާނެ ކަމަށް އުންމީދުކުރި ވަގުތެއް ކަމަށް ނުވެދާނެ. އެކަމަކު މި ފުރުސަތުތައް އެމެރިކާ އިން އެބަހުރިކަަން މަންމަ އަބަދުވެސް ގަބޫލުކުރެއްވި،" ނައިބު ރައީސް ކަމަށް އިންތިހާބުވުމަށް ފަހު ފުރަތަމަ ދެއްވި ތަގުރީރުގައި ކަމަލާ ވިދާޅުވި އެވެ.

ކަމަލާގެ ކާމިޔާބީން، އެމެރިކާ އަކީ އެންމެންނަށް ވެސް ފުރުސަތު އޮތް ތަނެއްކަން ހާމަވެއްޖެ ކަމަށާއި އަދި މިއީ އަންހެނުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ކަމަލާ ވިދާޅުވި އެވެ. ކަމަލާ ވިދާޅުވީ އޭނާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް ކަމަށް ވިޔަސް އޭނާ އަކީ އެންމެ ފަހުން އެމެރިކާގައި ނައިބު ރައީސްކަން ކުރައްވާ އަންހެނަކަށް ނުވާނެކަން ޔަގީން ކަމަށެވެ.