ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފަކަށް ބައިޑަންގެ އަރިސް ބޭފުޅެއް

ވޮޝިންޓަން (ނޮވެމްބަރު 12) - ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ތަޖްރިބާކާރު ބޭފުޅެއް ކަމަށްވާ ރޮން ކްލެއިން، ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ހަމަޖައްސަވައިފި އެވެ.


ކްލެއިން ވަނީ 1980 ގެ އަހަރުތަކުން ފެށިގެން ސެނެޓުގައި ބައިޑަންއާ އެކު މަސައްކަތް ކުރައްވައި އަދި ފަހުން އެމަނިކުފާނުގެ ނައިބް ރައީސްކަމުގައި ވެސް އަރިހުގައި މަސައްކަތް ކުރައްވައިފަ އެވެ. ރޮން ކްލެއިން ވަނީ ބަރަކް އޮބާމާގެ ވެރިކަމުގައި ވައިޓް ހައުސްގައި އިސް މަގާމުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި ކުރީގެ ނައިބް ރައީސް އަލް ގޯގެ ޗީފް އޮފް ސްޓާފަކަށް ވެސް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފުގެ ޒިންމާތަކުގެ ތެރޭގައި ރައީސްގެ ދުވަހުގެ ޝެޑިއުލް ރޭވުމާއި ވައިޓް ހައުސްގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުން ހިމެނެ އެވެ. ސިޔާސީ މަގާމެއް ނަމަ ވެސް ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފަށް ސެނެޓުގެ ރުހުން ބޭނުމެއް ނުވާނެ އެވެ.

ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ބައިޑަން އާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފަކަށް ހަމަޖެއްސި ރޮން ކްލެއިން. --ގެޓީ އިމޭޖަސް

ރޮން ކްލެއިން އަކީ ކާކު؟

ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަންކަން 1989-1992 އަށް ބައިޑަން ކުރެއްވިއިރު ކްލޭން ވަނީ ޗީފް ކައުންސެލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ބައިޑަން 1988 ވަނަ އަހަރު އަދި 2008 ވަނަ އަހަރު ރައީސް ކަމަށް ވާދަކުރެއްވި އިރު އެމަނިކުފާނުގެ އެޑްވައިޒަރަކަށް އަދި ބައިޑަންގެ ތަގްރީރުތައް ލިޔެދެއްވާފައި ވަނީ ކްލެއިން އެވެ. އޮބާމާގެ ދެ ދައުރުގައި ބައިޑަން ނައިބަކަށް ހުންނެވި އިރު ކްލެއިން ވަނީ ބައިޑަންގެ ޗީފް އޮފް ސްޓާފަކަށް 2009-2011 އަށް މަސައްކަތް ކުރައްވައިފަ އެވެ. އަލް ގޯގެ ނައިބް ރައީސްކަމުގައި އެމަނިކުފާނުގެ ޗީފް އޮފް ސްޓާފްކަން ވެސް ކްލެއިން ކުރެއްވި އެވެ. ޑިމޮކްރެޓިކް ޕާޓީގެ ސީނިއާ ބޭފުޅެއް ކަމަށްވާ ކްލެއިން ވަނީ ބިލް ކްލިންޓަންގެ ރިޔާސީ ކެމްޕޭނާއި 2004 ވަނަ އަހަރު ޖޯން ކެރީ ރައީސް ކަމަށް ވާދަކުރެއްވިއިރު ކެމްޕޭނުގައި އުޅުއްވައިފަ އެވެ.

ރިޔާސީ ބަހުސްތަކުގައި ކްލިންޓަން، އަލް ގޯ، ކެރީ، އޮބާމާ، ހިލަރީ އަދި ބައިޑަންގެ ޑިބޭޓް ކޯޗުކަން ކްލެއިން ވަނީ ކުރައްވައިފަ އެވެ.