ޓްރަމްޕް ވިދާޅުވީ މޮޅުވީ ބައިޑަން ކަމަށް، އެކަމަކު ބަލި ގަބޫލްކުރައްވަން ދެކޮޅު

ވޮޝިންޓަން (ނޮވެމްބަރު 15) - އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ޖޯ ބައިޑަން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފި އެވެ. ނަމަވެސް އިންތިޚާބުން އެމަނިކުފާން ބަލިވިކަމަށް ވިދާޅުވާން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.


"ބައިޑަން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައި. ސަބަބަކީ މި އިންތިޚާބު ވަނީ އޮޅުވާލާފައި ކަމަށްވާތީ،" ރިޕަބްލިކަން ރައީސް ޓްވިޓާގައި ވިދާޅުވި އެވެ.

ޓްރަމްޕުގެ މި ޓްވީޓް ކުރެއްވިތާ އެއްގަޑިއިރު ފަހުން ވަނީ ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުން އެމަނިކުފާން ބަލިވެފައިވާ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކުރައްވާ ޓްރަމްޕް ވަނީ ބައެއް ސްޓޭޓްތަކުގެ މައްސަލަތައް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ކޯޓު މަރުހަލާ އިން މިހާތަނަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. ވޯޓު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.

އިންތިޚާބާ ބެހޭ އޮފިޝަލުން ހުކުރު ދުވަހު ވިދާޅުވެފައި ވަނީ މިއީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އިންތިޚާބު ކަމަށެވެ. އިންތިޚާބާ ބެހޭ އޮފިޝަލުން އެހެން ވިދާޅުވެފައި ވަނީ ޓްރަމްޕަށް ލިބިވަޑައިގެންނެވި އެތައް މިލިއަން ވޯޓެއް ސިސްޓަމުން ޑިލީޓްވެފައިވާ ކަމަށް އެމަނިކުފާން ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

އެމެރިކާގެ ހުރިހާ ސްޓޭޓެއްގެ ޕްރޮޖެކްޓެޑް ނަތީޖާ މިހާތަނަށް ލިބިފައިވާ އިރު ބައިޑަން ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 232 އިލެކްޓޯރަލް ވޯޓެވެ. ވެރިކަމަށް ވަޑައިގަންނަވަން ބޭނުން ވަނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓެވެ. ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ވެސް ޓްރަމްޕަށް ވުރެ ފަސް މިލިއަން ވޯޓު ބައިޑަން ވަނީ އިތުރަށް ހޯއްދަވައިފަ އެވެ. އެހެންވެ ބައެއް ސްޓޭޓްތަކުގެ ވޯޓު އަލުން ގުނައިގެން ވެސް ނަތީޖާ ބަދަލުވެދާނެހެން ހިއެއް ނުވެ އެވެ. އެކަމަކު މިހާތަނަށް ވެސް ބައިޑަން މޮޅުވި ކަމަށް ޓްރަމްޕް ވިދާޅުވެފައެއް ނުވެ އެވެ. މިދިޔަ ހުކުރު ދުވަހު ވެސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާގައި ދެން ގާއިމްކުރާނެ ސަރުކާރެއް އެނގެނީ ކާކަށްތޯ ސުވާލު އުފައްދަވައިފަ އެވެ.

ބައިޑަންގެ ސަޕޯޓަރުން ގަބޫލް ކުރަނީ އެމަނިކުފާން އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމަކީ ބަލި ގަބޫލް ކުރުން ކަމަށެވެ.

އިންތިޚާބުން ބަލިވިކަމަށް ޓްރަމްޕް ގަބޫލް ކުރައްވާފައި ނުވާތީ ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދަން ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަނުން އެއްބާރުލުން ދީފައެއް ނުވެ އެވެ. އަދި ސަރުކާރުގެ އިންޓަލިޖެންސް މައުލޫމާތު ވެސް ބައިޑަން އަށް ހިއްސާކުރަމަކުން ނުގެންދެ އެވެ.