ދެ މަހެއްހާ ދުވަސްތެރޭ ޓްރަމްޕް ދާނެ، އަޅުގަނޑުމެން ތިބޭނެ: އީރާން

ތެހެރާން (ނޮވެމްބަރު 17) - އެމެރިކާގެ މިހާރުގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށްވެފައިވާ އިރު އެ ގައުމާ ބައިވެރިވެގެން އީރާނަށް ދަތި ނުކުރުމަށް މެދުއިރުމަތީގެ ގައުމުތަކަށް ތެހެރާނުން ގޮވާލައިފި އެވެ.


"ދެ މަހެއްހާ ދުވަސްތެރޭ ޓްރަމްޕުގެ ވެރިކަން ނިމިގެން ދާނެ. އެކަމަކު އީރާން އޮންނާނެ،" ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އަވަށްޓެރި ގައުމުތަކަށް ދޭ އިޚްލާސްތެރި މެސެޖެއް ކަމަށެވެ.

އަވަށްޓެރި ގައުމުތަކަށް ޒަރީފްގެ މި މެސެޖް ދިން އިރު ޓްރަމްޕުގެ ވެރިކަމުގައި ބާކީ އޮތް ދުވަސްތަކުގައި އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ އިން މަސައްކަތް ކުރާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. އެމެރިކާގެ ނިއުސް ވެބްސައިޓަކުން އާދިއްތަ ދުވަހު ބުނެފައި ވަނީ ރައީސްކަމުގެ ހުވާ ޖޯ ބައިޑަން ޖެނުއަރީ 20 ވަނަ ދުވަހު ކުރެއްވުމުގެ ކުރިން، ކޮންމެ ހަފުތާއަކު އެއް ފަހަރު އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅެއް އެޅުމަށް ޓްރަމްޕް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ފިޔަވަޅުތައް އަޅަނީ އެމެރިކާއާ ގުޅިފައިވާ އަރަބި ގައުމުތަކުގެ އެހީއާ އެކު ކަމަށް ވެސް ބުނެފައިވެ އެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ އެކު 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަނީ މެއި 2018 ގައި ވަކިވެފަ އެވެ. އެ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ.