އެތައް މިލިއަން ވޯޓެއް "ޑިލީޓް"ވި ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތު ދޮގުކޮށްފި

ވޮޝިންޓަން (ނޮވެމްބަރު 19) - ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެތައް މިލިއަން ވޯޓެއް، ވޯޓިން މެޝިންތަކުން ޑިލީޓްކޮށްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ތުހުމަތުތައް ދޮގުކޮށްފި އެވެ.


ޓްރަމްޕް ވިދާޅުވެފައި ވަނީ "ޑޮމިނިއަން ވޯޓިން ސިސްޓަމްސް" އިން ފޯރުކޮށްދިން އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްތަކުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި 2.7 މިލިއަން ވޯޓު ޑިލީޓްކޮށްފައިވާ ކަމަށެވެ. ޓްރަމްޕަށް ސަޕޯޓްކުރާ ކޮންޒަވެޓިވް ނިއުސް އައުޓްލެޓެއް ކަމަށްވާ ވަން އެމެރިކާ ނިއުސް ނެޓްވޯކް (އޯއޭއެންއެން) އިން ވެސް ވަނީ އެފަދަ ތުހުމަތެއް ކޮށްފަ އެވެ.

ޓްރަމްޕުގެ ތުހުމަތުގައިވާ ގޮތުން ޕެންސިލްވޭނިއާ އިން އެމަނިކުފާނަށް ލިބިވަޑައިގެންނެވި 221،000 ވޯޓު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން އަށް ބަދަލުކޮށްފަ އެވެ. އަދި އެ ސްޓޭޓުން ޓްރަމްޕަށް ލިބިވަޑައިގެންނެވި 941،000 ވޯޓު ޑިލީޓްކޮށްލާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ޑޮމިނިއަން ވޯޓިން ސިސްޓަމް ބޭނުންކުރި ސްޓޭޓްތަކުން ވަނީ ޓްރަމްޕަށް ލިބިވަޑައިގެންނެވި 435،000 ވޯޓު ބައިޑަން އަށް ބަދަލުކޮށްފައި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އޯއޭއެންއެން އިން ބުނެފައި ވަނީ އެ ނެޓްވޯކުން ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އިންތިޚާބު މޮނިޓާކުރި ގްރޫޕެއް ކަމަށްވާ އެޑިސަން ރިސާޗުގެ ޑޭޓާގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އެޑިސަން ރިސާޗުން ބުނެފައި ވަނީ އެފަދަ ރިޕޯޓެއް ނެރެފައި ނުވާނެ ކަމަށާއި ވޯޓު އޮޅުވާލި ކަމުގެ އެއްވެސް ހެއްކެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

ޑޮމިނިއަން ވޯޓިން ސިސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ވޯޓިން ސިސްޓަމްތަކުން ވޯޓު އޮޅުވި ކަމަށް ބުނާ ބުނުމަކީ 100 ޕަސެންޓް ދޮގެއް ކަމަށެވެ.