ވިސްކޮންސިންގެ ބައެއް ވޯޓު އަލުން ގުނަން ޓްރަމްޕް މަސައްކަތް ކުރައްވަނީ

ވިސްކޮންސިން (ނޮވެމްބަރު 19) - ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ވިސްކޮންސިން ސްޓޭޓުގެ ބައެއް ކައުންޓީތަކުގެ ވޯޓު އަލުން ގުނުމަށް ޓްރަމްޕުގެ ކެމްޕޭން ޓީމުން މަސައްކަތް ފަށައިފި އެވެ.


ވިސްކޮންސިން އިން ޖޯ ބައިޑަން ކުރި ހޯއްދަވާނެ ކަމަށް ބެލެވެނީ 20،000 ވޯޓުންނެވެ. އެ ސްޓޭޓުގެ އަޣުލަބިއްޔަތު ހޯދާ ކެންޑިޑޭޓަކަށް ސްޓޭޓުގެ 10 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭނެ އެވެ.

ވޯޓު އަލުން ގުނަން ހުށަހެޅުމުގެ ސުންގަޑި ބުދަ ދުވަހު ހަމަވާން ވަގުތު ކުޑަތަންވެފައި ވަނިކޮށް ޓްރަމްޕް ކެމްޕޭނުން ބުނެފައި ވަނީ ވިސްކޮންސިންގެ މިލްވޯކީ އަދި ޑޭން ކައުންޓީގެ ވޯޓުގައި މައްސަލަ އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ އަލުން ގުނަން ބޭނުންވާ ކަމަށެވެ. ސްޓޭޓުގެ އޮފިޝަލުން ބުނެފައި ވަނީ ވޯޓު އަލުން ގުނުމުގެ ޚަރަދަށް ދައްކަން ޖެހޭ ތިން މިލިއަން ޑޮލަރު ޓްރަމްޕުގެ ކެމްޕޭނުން ދީފައިވާ ކަމަށެވެ. ސްޓޭޓުގެ ވޯޓު އެއްކޮށް ގުނާ ނަމަ 7.9 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ވޯޓު އަލުން ގުނުމުގެ ކުރިން ޚަރަދު ދޭން ޖެހޭނެ ކަމަށް ވިސްކޮންސިންގެ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޖޯ ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވިކަން ޔަގީންވި ނަމަވެސް ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. އެއްވެސް ހެއްކެއް ނުދައްކަވައި ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވަމުންނެވެ. މުހިންމު ބައެއް ސްޓޭޓުތަކުގައި ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ޓްރަމްޕުގެ ކެމްޕޭނުން ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

ވިސްކޮންސިންގެ ގާނޫނު ބުނާ ގޮތުން ވޯޓު އަލުން ގުނަން ޓްރަމްޕަށް ހުށަހެޅިދާނެ އެވެ. ސަބަބަކީ އެ ސްޓޭޓުގެ ވޯޓު ބައިޑަން ކާމިޔާބު ކުރެއްވީ އެއް ޕަސެންޓަށް ވުރެ ކުޑަ ތަފާތަކުން ކަމަށްވާތީ އެވެ.

ވޯޓު އަލުން ގުނަން ޓްރަމްޕުގެ ކެމްޕޭނުން ހުށަހެޅި ވިސްކޮންސިންގެ ދެ ކައުންޓީ އަކީ ޑިމޮކްރެޓިކް ޕާޓީގެ ބާރުގަދަ އޭރިއާތަކެވެ. އެ ދެ ކައުންޓީން ވަނީ ވިސްކޮންސިން އިން ބައިޑަން ލިބިވަޑައިގެންނެވި ވޯޓުގެ ތިންބައިކުޅަ އެއްބައި ހިއްސާކޮށްފަ އެވެ. މިލްވޯކީން 317,270 ވޯޓު ބައިޑަން ނެންގެވި އިރު ޓްރަމްޕަށް ލިބިވަޑައިގެންނެވީ 134,357 އެވެ. ޑޭން ކައުންޓީން 260,185 ވޯޓު ބައިޑަން ހޯއްދެވި އިރު ޓްރަމްޕަށް އެއްކުރެވުނީ 78,800 ވޯޓެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ބައިޑަން ވަނީ ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ޓްރަމްޕަށް ވުރެ އިތުރަށް 5.6 މިލިއަން ހޯއްދަވައިފަ އެވެ. އެއީ 3.6 ޕަސެންޓޭޖް ޕޮއިންޓެވެ. އެމެރިކާގައި ރައީސަކު ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ވޯޓުން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. ނަތީޖާ ޓްރަމްޕް ކޮޅަށް އަނބުރާލަން ބޭނުން ނަމަ މަދުވެގެން ތިން ސްޓޭޓެއްގެ ވޯޓުން ޓްރަމްޕް ކުރި ހޯއްދަވަން ޖެހެ އެވެ. ތަޖްރިބާކާރުން ބުނަނީ އެއީ ވުން ދުރު ކަމެއް ކަމަށެވެ. މިހާރު އަލުން ގުނަމުން ދަނީ ޖޯޖިއާގެ ވޯޓެވެ. ސޯޅަ އިލެކްޓޯރަލް ކޮލެޖް ވޯޓު ހިއްސާ ކުރާ އެ ސްޓޭޓުން 14،000 ވޯޓުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ.