އެމެރިކާގައި އަންނަ މަހު ވެކްސިން ދޭން ފަށަނީ

ވޮޝިންޓަން (ނޮވެމްބަރު 22) - ކޮވިޑް-19 ގެ ވެކްސިން އެމެރިކާގެ ފުރަތަމަ ގްރޫޕަށް އަންނަ މަހު ދޭން ފަށާނެ ކަމަށް އެ ގައުމުގެ ކޮރޯނާވައިރަސް ވެކްސިން ޕްރޮގްރާމުގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.


ޑރ. މޮންސެފް ސްލޮއި ސީއެންއެން އަށް ވިދާޅުވީ އަމާޒަކީ ވެކްސިން އަށް ހުއްދަ ލިބޭތާ 24 ގަޑިއިރު ތެރޭ އިމިއުނިޒޭޝަން ސައިޓްތަކަށް ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.

އެމެރިކާގެ ބޭސް އުފައްދާ ކުންފުނި ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަށް މިހާރު ވަނީ އެދިފަ އެވެ. ލަފާ ކުރެވޭ ގޮތުގައި ޑިސެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭ އެ ވެކްސިނަށް ހުއްދަ ދޭނެ އެވެ. ފައިޒާގެ ވެކްސިން ދިން 65 އަހަރުން މަތީގެ 94 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ވައިރަހުން ދިފާއުވުމުގެ ބާރު އުފައްދާފައިވެ އެވެ. ފައިޒާ އިން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އަދި އަންނަ އަހަރު 1.3 ބިލިއަން ޑޯޒް އުފެއްދުމަށެވެ. ކޮންމެ މީހަކަށް ވެސް ދެ ޑޯޒް ދޭން ޖެހެ އެވެ.

ވެކްސިނަށް ހުއްދަ ދިނުމާ މެދު ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ވެކްސިން އެޑްވައިޒަރީ ކޮމިޓީން ޑިސެމްބަރު 10 ވަނަ ދުވަހު ބައްދަލު ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. ޑރ. ސްލޮއި ވިދާޅުވީ ވެކްސިނަށް ހުއްދަ ދޭތާ ދެ ދުވަސްތެރޭ، ޑިސެމްބަރު 11 ނުވަތަ 12 ގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވެކްސިން ފޯރުކޮށްދޭނީ ކޮންމެ ސްޓޭޓެއްގެ ވެސް އާބާދީގެ ނިސްބަތުން ކަމަށެވެ. ވެކްސިން ފުރަތަމަ ދޭނީ ކޮން ބައެއްތޯ ނިންމާނީ އެ ސްޓޭޓަކުންނެވެ. ނަމަވެސް ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެންމެ ފުރަތަމަ ވެކްސިން ދިނުން އެދެވިގެންވާ ކަމަށްވެ އެވެ. ޑރ. ސްލޮއި އުއްމީދު ކުރަނީ މެއި މަހާ ހަމައަށް ދާއިރު އާބާދީގެ 70 ޕަސެންޓް މީހުންނަށް ވެކްސިންދީ "ހާޑް އިމިއުނިޓީ" އެއް ހާސިލް ކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ އެ ގައުމުގައި ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ އިންޒާރު ދީފަ އެވެ. މިހާތަނަށް އެމެރިކާ އިން 12,479,130 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 261,966 މީހުން ވަނީ މަރުވެފަ އެވެ.