ނިއު ޔޯކުގެ ޕޮލިސް ޑިޕާޓްމަންޓުގެ އެންޓި ޓެރާ ޔުނިޓުން ޓައިމްސް ސްކެއާގައި އިއްޔެ ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭޕީ
05 ނޮވެމްބަރ 2016 - 15:59
ވޮޝިންޓަން (ނޮވެމްބަރު 5) - އަންނަ އަންގާރަ ދުވަހު އެމެރިކާގައި ރިޔާސީ އިންތިޚާބުގައި ވޯޓުލަމުންދާ އިރު އަލްގައިދާ ޖަމާއަތުން ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުންދާ ކަަމަށް ލިބިފައިވާ މައުލޫމާތަކީ ކިހާވަރެއްގެ ހަގީގަތެއް ހުރި އެއްޗެއްތޯ ބަލަމުންދާ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.
އިންތިޚާބު އޮންނަ ދުވަހު ނުވަތަ އޭގެ ކުރިން ޓެރަރިސްޓް ހަމަލާއެއްގެ އަމާޒަކަށް ވެދާނެ ކަމަށް ބުނާ ތަންތަނުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ނިއު ޔޯކް، ޓެކްސަސް އަދި ވާޖީނިއާ އެވެ. ނަމަވެސް ފުލުހުންގެ ތަރުޖަމާނަކު ބުނީ މި ތަންތަނަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނާ މައުލޫމާތުގެ "ބުރަދަން ވަރަށް ލުއި" ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ބުނީ ބޮޑު ކޮންމެ އިވެންޓެއްގެ ކުރިން، ކުރިމަތިވެދާނެ ހުރިހާ ނުރައްކަލަކަށް ބަލާ ފިޔަވަޅު އަޅާ ކަމަށެވެ.
އެމެރިކާ ސަރުކާރުގެ ބައެއް އޮފިޝަލުން ބުނީ ނިއު ޔޯކް ސިޓީ ސަރަހައްދުގައި އެއާޕޯޓްތަކާއި ޓަނަލް އަދި ބްރިޖްތައް އޮޕަރޭޓްކުރާ ޕޯޓް އޮތޯރިޓީ އޮފް ނިއު ޔޯކަށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާ ބެހޭ މެމޯއެއް ފޮނުވާފައިވާ ކަމަށެވެ. ޕޯޓް އޮތޯރިޓީން އަޅާނެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ތަރުޖަމާން ސްޓީވް ކޯލްމޭން ހާމަކުރައްވައިފައެއް ނުވެ އެވެ.
ނިއު ޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓުން ބުނީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރުގައި މާބޮޑު ބުރަދަނެއް ނެތް ކަމަށް ވެސް ޖާސޫސީ އިދާރާތަކާއި ޖޮއިންޓް ޓެރަރިޒަމް ޓާސްކް ފޯހާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓެކްސަސްގެ ގަވަރުނަރު ގްރެގު އެބޮޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޒާރާ ގުޅޭ މައުލޫމާތު އޭނާގެ އޮފީހުން މޮނިޓާ ކުރަމުންދާ ކަަމަށެވެ. ވާޖީނިއާގެ ގަވަރުނަރުގެ ތަރުޖަމާން ބްރިއަން ކޯއީ ވިދާޅުވީ އިންތިޚާބު އޮންނަ ދުވަހު ރައްކާތެރިކަމާ އެކު ވޯޓުލެވޭނެ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށެވެ.
ޓެރަރިސްޓް ހަމަލާގެ އިންޒާރާ ބެހޭ ގޮތުން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ހޯމްލޭންޑް ސެކިއުރިޓީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އަނެއްކޮޅުން ވޯޓިން ސިސްޓަމަށް ދީފާނެ އިލެކްޓްރޯނިކް ހަމަލާއަކާ ގުޅިގެން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ސައިބާ ޑިފެންސް ވަރުގަދަ ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު އައިސްފައި މި ވަނީ ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން އެންމެ ވަރުގަދަކޮށްފައި ވަނިކޮށެވެ.
މީގެ 15 އަހަރު ކުރިން އަލްގައިދާ އިން ވަނީ އެމެެރިކާ އަށް ވަރުގަދަ ޓެރަރިސްޓް ހަމަލާއެއްދީ ޓްވިން ޓަވަރު ގޮއްވާލައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy