މަސްތުވާތަކެއްޗާ ގުޅުން ހުރި ފިލިޕީންސްގެ މޭޔަރެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

މެނީލާ (ނޮވެމްބަރު 5) - މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުން ހުރި ފިލިޕީންސްގެ މޭޔަރެއްގެ ގަޔަށް ފުލުހުން ޖަލުގައި ބަޑިޖަހާ މަރާލައިފި އެވެ.


މެދުތެރޭގެ ޓައުނެއް ކަމަށްވާ އަލްބުއެރާގެ މޭޔަރު ރޮނާލްޑޯ އެސްޕިނޯސާ ގަޔަށް ފުލުހުން ބަޑި ޖެހީ އޭނާ އޮތް ގޮޅީގައި ހަތިޔާރު ހުރި ކަމަށް ޝައްކު ކުރެވިގެން ފާސްކުރަނިކޮށް އެ ގޮޅިން ފުލުހުން ގަޔަށް ބަޑިޖެހުމުންނެވެ. އެސްޕިނޯސާ އޮތް ގޮޅި އަށް ހަތިޔާރު ވެއްދުނު ގޮތަކާއި ބަަޑީގެ ހަމަލާތައް ބަދަލު ކުރަން ފެށުނު ގޮތް ތަހުގީގު ކުރުމަށް ވަނީ ގޮވާލައިފަ އެވެ.

ފިލިޕީންސްގެ ރައީސް ޑުޓާޓެ: މަސްތުވާ ތަކެއްޗާ ދެކޮޅަށް ގެންދަވަނީ ހަރުކަށި ފިޔަވަޅު އަޅުއްވަމުން.

އެސްޕިނޯސާ އަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލާގައި، ދެ ހަފުތާ ތެރޭ މަރާލި ދެ ވަނަ މޭޔަރެވެ. ފިލިޕީންސްގެ ދެކުނުގެ ޓައުނެއްގެ މޭޔަރެއް ކަމަށްވާ ސަމްސުއްދިން ދިމޫކޮމް ވެސް މަރާލީ ފުލުހުންނާ ބަދަލުކުރި ބަޑީގެ ހަމަލާތަކެއްގަ އެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ރައީސް ރޮޑްރިގޯ ޑުޓާޓެ އޮގަސްޓް މަހު އިއުލާންކުރި ލިސްޓުގައި ހިމެނޭ މީހުންނެވެ. އެސްޕިނޯސާ އޮގަސްޓް މަހު ފުލުހުންނާ ހަވާލުވީ އޭނާ އަމިއްލައަށެވެ.

މޭޔަރު ގަޔަށް ބަޑިޖަހާ މަރާލާފައި މި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސް ޑުޓާޓެ ކުރިއަށް ގެންދަވާ ހަނގުރާމަ ކުރިއަށް ވުރެ ވަރުގަދަކޮށްފައި ވަނިކޮށެވެ. ޝަރީއަތަކާ ނުލަ މީހުން މަރަމުންދާ މައްސަލާގައި ބައިނަލްއަގުވާމީ ގޮތުން ޑުޓާޓެ އަށް ފާޑުކީ ނަމަވެސް އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ މީހުން މެރުން ނުހުއްޓާނެ ކަމަށެވެ. މިދިޔަ ޖޫން މަހު ޑުޓާޓެ ވެރިކަމަށް ވަޑައިގެންނެވި ފަހުން ފެއްޓެވި މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި މިހާތަނަށް ވަނީ 4،000 މީހުން މަރައިފަ އެވެ.