އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވީ އޭނާ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތުގައި ހަމަނުޖެހުން ހިންގުމާއި އެކަމާ ބެހޭގޮތުން ޓްރަމްޕު ކުރެއްވި ޓްވީޓްތަކަކާ ގުޅިގެން އޭނާގެ ޓްވިޓާ އެކައުންޓް 12 ގަޑި އިރަށް ސަސްޕެންޑްކޮށްފި އެވެ.
ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގެންނެވިކަން ގަބޫލު ނުކުރައްވައި، ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވަމުން ގެންދަވާ ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގައި ހަމަނުޖެހުން ހިންގަން ފެށުމުން ޓްރަމްޕު ކުރެއްވި ތިން ޓްވީޓެއް މީހުންނަށް ނުފެންނާނެ ގޮތް ވެސް ޓްވިޓާ އިން ވަނީ ހަދައިފަ އެވެ. އަދި ޓްރަމްޕު އެ ތިން ޓްވީޓް ޑިލީޓް ނުކުރައްވާހާ ހިނދަކު ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ވެސް ޓްވިޓާ އިން ބުންޏެވެ.
އޭގެ އިތުރުން، ޓްވިޓާގެ ގަވާއިދުތަކާ ޓްރަމްޕު ދެން ޚިލާފު ވެވަޑައިގެންފި ނަމަ ދާއިމަށް އެކައުންޓް ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ވެސް ޓްވިޓާ އިން ދިނެވެ.
ޓްރަމްޕުގެ އެކައުންޓާ މެދު ފިޔަވަޅު އެޅީ، ޓްވިޓާ އިން ބުނިގޮތުގައި، އެ ޕްލެޓްފޯމުގެ ސިވިކް އިންޓެގްރިޓީ ސިޔާސަތާ ތަކުރާރުކޮށް އަދި ވަރަށް ބޮޑަށް ޚިލާފުވެވަޑައިގެންފައި ވާތީ އެވެ.
މިއީ މީގެ ކުރިން ޓްރަމްޕުގެ ޓްވީޓްތަކާ މެދު ސަމާލުވާން އިންޒާރުތައް ހިމަނާފައިވާ ޓްވިޓާ އިން އޭނާގެ އެކައުންޓާ މެދު މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.
As a result of the unprecedented and ongoing violent situation in Washington, D.C., we have required the removal of three @realDonaldTrump Tweets that were posted earlier today for repeated and severe violations of our Civic Integrity policy. https://t.co/k6OkjNG3bM
— Twitter Safety (@TwitterSafety) January 7, 2021
ޓްވިޓާގެ ނިންމުން
ޓްވިޓާ އިން ނަގަން ޓްރަމްޕަށް އެންގި ޓްވީޓްތަކުގެ ތެރޭގައި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ ދެއްވި ވީޑިއޯ މެސެޖު ހިމެނެ އެވެ. އޭގައި އެ ސަޕޯޓަރުން ގެއަށް ދާން އެދިވަޑައިގެންނެވި ނަމަވެސް އެ މީހުންނަކީ "ޚާއްސަ" ބައެއް ކަމަށާއި އެ މީހުން ދެކެ ލޯބިވާ ކަމަށް ވިދާޅުވި އެވެ.
ހަމަނުޖެހުން ހިންގީ ޓްރަމްޕުގެ ފަރާތުން ހިތްވަރު ލިބިގެން ކަމަށް ބުނެ އެތައް ބަޔަކު ދަނީ އޭނާ ކުށްވެރިކުރަމުންނެވެ.
Watch @robertmooreitv's report from inside the Capitol building as the extraordinary events unfolded in Washington DChttps://t.co/krCQf1uQbx pic.twitter.com/SiWbzF5Nzs
— ITV News (@itvnews) January 6, 2021
ކެޕިޓަލް އިމާރާތުގައި ހިންގި ހަމަނުޖެހުންތައް ފެންނަ ވީޑިއޯ ރިޕޯޓެއް
ވޮޝިންގްޓަންގެ ކެޕިޓަލް އިމާރާތުގެ ހަމަނުޖެހުންތަކުގެ ތެރޭގައި ބަޑި ޖެހި އަޑު އިވުނެވެ. ވަޒަން އެރި އަންހެނަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ އިރު، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އޭނާ މިހާރު މަރުވެއްޖެ އެވެ. އެ ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ.
ޓްރަމްޕުގެ ސަޕޯޓަރުން އިމާރާތުގެ ތެރެއަށް ވަދެގަންނަން ދިޔަ އިރު ކޮންގްރެސްގެ މެމްބަރުންނާއި މުވައްޒަފުން ޖެހުނީ އެކި ތަންތަނަށް ވަދެ ފިލާށެވެ.
އެ މީހުން ކެޕިޓަލް އަށް ވަދެގެން ދިޔައީ ފުލުހުން ވެސް ތިއްބާ، އެއްވެސް ޖެހިލުމެއް ނެތި އެވެ. އެ ދިޔަ ގޮތަށް ގޮސް ކޮންގްރެސްގެ ޖަލްސާ ބާއްވާ މާލަމަށާއި މެމްބަރުންގެ އޮފީސްތަކަށް ވަދެ މޭޒުތައް ދޮށުގައި އިށީނދެލައި ވަރަށް ހަމަޖެހިލައިގެން ތިބި މަންޒަރު ފޮޓޯތަކުން ފެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ވައިޓް ސުޕްރިމެސިސްޓުންކަން އެނގެ އެވެ.
Here’s the scary moment when protesters initially got into the building from the first floor and made their way outside Senate chamber. pic.twitter.com/CfVIBsgywK
— Igor Bobic (@igorbobic) January 6, 2021
ފުލުހަކު ފަހަތަށް ޖައްސަމުން ކެޕިޓަލް ތެރެއަށް މީހުން ވަދެގެން ދިޔަ ގޮތް
ވޮޝިންގްޓަން މި ހާލަތަށް މި ވެއްޓުނީ، ދުވަހަކު ވެސް ބަލި ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ އެތަކެއް ހާސް ސަޕޯޓަރުންނާ ޓްރަމްޕު ވާހަކަދެއްކެވި ފަހުންނެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވިކަން ރަސްމީކޮށް ކަނޑައެޅުމުގެ ބަހުސް ކޮންގްރެސްގައި ހިނގަމުން ދަނިކޮށް އެތައް ސަތޭކަ ބަޔަކު ކެޕިޓަލްގެ އިމާރާތް ވަށާލީ އެކަން ހުއްޓުވާށެވެ. އެ ބަހުސްގައި ބައެއް ރިޕަބްލިކަން މެމްބަރުން ވެސް ވަނީ ބައިޑަން އިންތިޚާބުވީ ކަމަށް ނިންމުމާ ދެކޮޅު ހައްދަވައިފަ އެވެ. ހަމަނުޖެހުންތަކަށް ފަހު މިހާރު ބަހުސް އަލުން ވަނީ ފަށައިފަ އެވެ. ބަހުސް ފެށުމާ އެކު ނާއިބު ރައީސް މައިކް ޕެންސް ވަނީ ހަމަނުޖެހުންތައް ކުށްވެރިކުރައްވައިފަ އެވެ. އެހެން މެމްބަރަކު ސިފަކުރެއްވި ގޮތުގައި ކެޕިޓަލް ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގީ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓުންތަކެކެވެ.
އެމެރިކާގެ ޓީވީ ޗެނަލްތަކުން މިކަން ސިފަކުރަމުންދަނީ އެ ގައުމުގެ ތާރީޚުގައި ވެސް ފެނިފައި ނުވާ ފަދަ ދުވަހެއްގެ ގޮތުގަ އެވެ. ހަމަނުޖެހުންތަކާ ދޭތެރޭ ހިތާމަކޮށް، އެކި ފަރާތްތަކުން ބުނަމުންދަނީ މިއީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަގު ވެއްޓިގެންދާނެ، ލަދުގަންނަން ޖެހޭ ވަރު ކަމެއް ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
07 January 2021
މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމަ ވާނެގޮތް އެމެރިކާގައި މިވަނީ. ދިވެހިންވެސް މީގެ މީހެއް އަތަށް ކަނޑިއެއް ދީގެން އޮތީ މުޅި ގައުމުގައި ހުޅުޖަހާފަ.
އަހުމަދުބޭ
07 January 2021
މިއީ އުފާވެރި ދުވަހެކެވެ، މިހާތަނަށް އެމެރިކާއިން ދިޔައީ މުޅިދުނިޔޭގައި ހިންގާ މިފަދަ ކަންކަމަށް ތާއީދުކޮށް އަދި މަލާލަތް ކުރަމުންނެވެ. މިއަދު ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ލަދުގަންނަން ޖެހެއެވެ. ތިންވަނަ ދަރަޖައިގެ ގައުމުތަކުގައި ޑިމޮކްރަސީ ހަރުދަނާ ކުރާށޭ ކިޔައި ސަރުކާރުތަކާ ދެކޮޅަށް އުޅޭބައިގަނޑަށް އަޑީގައިތިބެގެން ތާއީދުކޮށް ޚަރަދު ކުރަމުން ދިޔައީ އެމެރިކާއެވެ. މިއަދު ހަމަ އެވެރިންގެ ރައްޔިތުން އެވެރިންނާ ދެކޮޅަށް ނުކުތުމުން އުފާވެއެވެ.
އެންމެ ފުންމިނުން
07 January 2021
ޓްރަންޕުވެސް ސަސްޕެންދްކޮށް ރައީސްކަމުން ދުރުކުރަންވީ. ނުބައި ނުލަފާ ޖާހިލުންގެ ހުރިހާ ސިފައެއް ތިމީހެއްގެ ކިބައިގާ އެބަހުރި.
ރަދީފްއޮފިޝިއަލް
07 January 2021
ސާބަހޭ ޓްވިޓާ އަދި އެފްބީ.ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގަ ހިތަށްއެރިހާ އެއްޗެއް ކިޔަން ފުރުސަތު ދީގެންނުވާނެ.އިސްލާމްދީނާ މާތްﷲ އަށް ފުރައްސާރަކުރާ ޓްވިޓާ އަދި އެފްބީ އެކައުންޓްތައް ވެސް ސަސްޕެންޑްކުރަން ޖެހޭ.ތިމަންނާމެންގެ އެޖެންޑާ ހިމާޔަތްކުރަން ޓްރަމްޕްގެ އެކައުންޓްސްތައް ސަސްޕެންޑްކުރެވޭނަމަ މިފަދަ ފަރާތްތަކާއިމެދު ވެސް ފިޔަވަޅު އެޅެންވާނެ.ލިސްޓެއް ކޮމްޕައިލްކުރަންވެސް އަހަރެން ތައްޔާރު.ވ.ވެދުން
Happy new year
07 January 2021
މޮޔަ ނުގޮވާ.
ރިމާޒް
07 January 2021
ރާއްޖޭގެ މުއައްސަސާތަކުގައި ހުޅުޖެހި ދުވަހާއި ތަފާތެއްނެތް..އޭރު އެމެރިކާއިން ކަންކުރީ ކުއްވެރިންނާއި އެއްކޮޅަށް..ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށް..
9924521
07 January 2021
ރިމާޒް ތިބުނީ ހެޔޮކޮށް، އަދި ތިބުނާ ހުޅުޖެހި ދުވަހުގެ ކުރީދުވަހު ހިންގި ކަންތައްތަކާވެސް އެއްވެސް ތަފާތެއްނެތް.
ރީދޫފޯލި
07 January 2021
ދެރަކަމެއް ހިތާމަވެރި ދުވަހެއް އެމެރިކާއަށް ތިވާނީ އެމެރިކާތެ ތިމީހުންވެސް ރާއްޖޭގައިވެސް ތިކަން މިހާތަނަށް ހިންގާފައިވާ މީހުންގެ ކިބައިން ތިކަން ދަސްކުރީ ކަމަށް
ނަރުނަގޫމަޑި
07 January 2021
2012 ފެބްރުއަރީ 7 ގަ ރާއްޖޭގައިވެސް ބަޔަކު އަޑީގަ ތިބެގެން ކުޅުނީ ހަމަ ތިކުޅި. ނުލަފާބައެއްނު އަޅެ.