ޑިމިލިޓަރައިޒް ޒޯން (ޑީއެމްޒެޑް) ހުރަސް ކުރަން އުޅުމަކީ ނުރައްކާ ކަމެއް. --ފޮޓޯ:ގެޓީ އިމޭޖަސް
23 ފެބުރުއަރީ 2021 - 21:07
ސޯލް (ފެބްރުއަރީ 23) - ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދކޮށްފައިވާ ދެ ކޮރެއާގެ ބޯޑަރުގެ ޑިމިލިޓަރައިޒް ޒޯން (ޑީއެމްޒެޑް) ހުރަސްކޮށް ނޯތު ކޮރެއާ މީހަކު ސައުތު ކޮރެއާއާވީ ސަރަހައްދަށް ވަދެ އެތައް ގަޑިއިރެއް ހޭދަކުރި އިރު ވެސް ސަލާމަތީ ފަރާތްތަކަށް ނޭނގުނު މައްސަލަ ބޮޑުވެއްޖެ އެވެ.
މި މަހު ހިނގި އެ ހާދިސާގައި ސަލާމަތީ ކެމެރާތަކަށް ވެސް އޭނާ، އަށް ފަހަރު އެރި އެވެ. ކެމެރާތަކަށް އެ މީހާ އެރުމުން އެލާމްސް ވެސް އެޅި އެވެ. އެކަމަކު ސައުތު ކޮރެއާގެ ސިފައިން ބުނެފައި ވަނީ އެ ވަގުތު ކޯސްޓަލް ސާވޭލަންސްގެ އިސްކޮށް ހުރި މީހާ ދިޔައީ ބައެއް ސާމާނު އެޖަސްޓްކުރަމުން ކަމަށެވެ. އެހެންވެ އެ އެލާމަކީ ސިސްޓަމަށް އޮޅިގެން އެޅި އެލާމެއް ކަމަށް އެ މީހާ ހީކުރި ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.
ސައުތު ކޮރެއާގެ ސިފައިން ބުނީ އެ ހާދިސާގެ އަލީގައި އިތުރަށް ކަންކަން ރަނގަޅު ކުރާނެ ކަމަށެވެ. އީސްޓް ސީ ނުވަތަ ޖަޕާން ކަނޑުން ފަތާފައި އެ މީހާ އެއްގަމަށް އަރާ ފަސް ކިލޯމީޓަރުގެ ސަރަހައްދަކަށް ހިނގި އެވެ. ތިން ގަޑިއިރުވީ އިރު ވެސް ސައުތު ކޮރެއާގެ ސެކިއުރިޓީންނަކަށް އެކަމެއް ނޭނގެ އެވެ. އެންމެ ފަހުން ފިޔަވަޅު އެޅީ ނުވަ ވަނަ ފަހަރަށް އެ މީހާ ސީސީޓީވީން ފެނުމުންނެވެ.
އެހާ ނުރައްކާތެރި ރޫޓެއް މެދުވެރިކޮށް އެ މީހާ ސައުތު ކޮރެއާ އަށް ވަނީ ކީއްވެކަމެއް ނޭނގެ އެވެ. ސައުތު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ވަނީ އެމީހާއާ ބެހޭ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައިފަ އެވެ. އެއީ ފިލަން ސައުތު ކޮރެއާ އަށް ވަން މީހެއްތޯ ދަނީ ތަހުގީގު ކުރަމުންނެވެ.
ނޯތު ކޮރެއާ އިން ފަތާފައި ސައުތު ކޮރެއާ އަށް އެ މީހާ ދިޔަ ގޮތާ މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެމީހާ ދިޔައީ ބޯޓެެއްގަ އެވެ. ނަމަވެސް ސައުތު ކޮރެއާ ސިފައިން ބުނެފައި ވަނީ ރާޅުގެ އޮއިވަރު ހުރި ގޮތުން އެ މީހާ އެ ސަރަހައްދަށް ދާން ފަސޭހަވީ ކަމަށެވެ.
ނޯތު ކޮރެއާގެ ލީޑަރުކަމާ ކިމް ޖޮން އުން 2011 ވަނަ އަހަރު ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ. އެކަމަކު ކޮންމެ އަހަރަކު ވެސް މަދުވެގެން ހާހެއްހާ މީހުން ނޯތު ކޮރެއާ އިން ފިލަ އެވެ. ގިނަ މީހުން ބޯޑަރު ހުރަސްކޮށް ފިލައިގެން ދަނީ ޗައިނާއަށެވެ.
ޑީއެމްޒެޑް ހުރަސްކުރުމަކީ ނުރައްކާ ކަމެކެވެ. އެ ސަރަހައްދުން ހުރަސްކުރަނިކޮށް ނޯތު ކޮރެއާ ސިފައިން އަތުލައިގެންފި މީހެއް ނަމަ ސުވާލުކޮށް، ވަރަށް ހަރުކަށި އަދަބު ދެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy