އިންޑިއާގެ ޚާރިޖީ ވަޒީރު ކިޑްނީ ބަދަލު ކުރަނީ

ނިއު ދިއްލީ (ނޮވެމްބަރު 16) - ކިޑްނީ ބަދަލު ކުރުމަށް މިހާރު ޓެސްޓްތައް ހަދަމުންދާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވެއްޖެ އެވެ.


އުމުރުން 64 އަހަރުގެ މިނިސްޓަރު މި މަހު ކުރީކޮޅު ވަނީ ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. އެކަމަނާއަކީ ހަކުރު ބަލި ހުންނަ މީހެކެވެ. ސުވަރާޖް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަނާ ޑައިލިސިސް ހަދަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ބުނީ ހަކުރު ބަލީގެ ސަބަބުން ސުވަރާޖުގެ ކިޑްނީގެ މަސައްކަތްތަކަށް އަސަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަނާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

ސުވަރާޖަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އަދި އެންމެ މަޝްހޫރު އެއް ވަޒީރެވެ. އެކަމަނާ އަކީ ޓްވީޓާގައި ވެސް ވަރަށް އެކްޓިވް ބޭކަނބަލެކެވެ. ސްވަރާޖަށް ކުރައްވާ ޓްވީޓްތަކަށް ޖަވާބު ދެއްވާ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދެއްވައިފައިވެ އެވެ. މި މަހު ކުރީކޮޅު ވަނީ އިންޑިއާގެ މީހަކާ ކައިވެނި ކުރަން ޕާކިސްތާނުގެ ފިރިހެނަކަށާއި އޭނާގެ އާއިލާ އަށް ވިސާ ލިބުމުގައި ދަތިވި މައްސަލަ ހައްލު ކޮށްދެއްވައިފައެވެ.