ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި

ދިމިޝްގު (ނޮވެމްބަރު 17) - ސީރިއާ ސަރުކާރު ސިފައިންނާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ސަރުކާރު ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.


ވޭތުވެދިޔަ ދެ ދުވަހު ހަލަބަށް ދިން ހަމަލާތަކުގައި ވަނީ 32 މީހުން މަރުވެފައި ކަމަށް އެކްޓިވިސްޓުން ބުނެފައިވެ އެވެ. މީގެ ތެރެއިން ގިނައީ ކުޑަ ކުދިންނެވެ. ތިން ހަފުތާގެ މުއްދަތަށް ވައިގެ ހަމަލާތައް ހުއްޓާލުމަށް ފަހު އަންގާރަ ދުވަހު ވަނީ އަލުން ވައިގެ ހަމަލާ ދޭން ފަށައިފަ އެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީން ބުނީ ސަރުކާރު ސިފައިންގެ ޖެޓްތަކާއި ހެލިކޮޕްޓަރުތަކުގެ ހަމަލާތައް ހަލަބުގެ އިރުމަތީގެ ވަރަށް ގިނަ ހިސާބުތަކަށް އިއްޔެ އަރާފައިވާ ކަމަށެވެ. މި ހަމަލާތަކުގައި 21 މީހުން މަރުވެފައިބާ ކަމަށް އޮބްޒަވޭޓަރީން ވަނީ ބުނެފަ އެވެ.

އިންޑިޕެންޑެންޓް ޑޮކްޓާސް އެސޯސިއޭޝަނުން ބުނީ ވައިގެ ހަމަލާތަކުގައި ބަޔާން ޗިލްރަންސް ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހާތިމް ވިދާޅުވީ އޭނާ ސަލާމަތްވީ ހޮސްޕިޓަލުގެ ބިންގަރާހަށް ވަނުމުން ކަމަށެވެ.

އެއް ދުވަސްވަރެއްގައި ސީރިއާގެ އެންމެ މުހިންމު ސިޓީގެ ގޮތުގައި ބެލެވުނު ހަލަބް ވަނީ 2012 ވަނަ އަހަރު ފެށިގެން ދެ ގްރޫޕެއް ކޮންޓްރޯލް ކުރަން ފަށައިފަ އެވެ. ހަލަބުގެ އިރުމަތީގައި ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ބާރު ހިންގާ އިރު ހުޅަނގުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް އޮތީ ސަރުކާރުގެ ބާރުގެ ދަށުގަ އެވެ. މިދިޔަ މަސް ނިމުނު އިރު ހަލަބުގެ އިރުމަތިން 700 އަށް ވުރެ ގިނަ އާއްމުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.