25 މިލިއަން ޑޮލަރު ދައްކައިގެން ޓްރަމްޕް ޔުނިވާސިޓީގެ މައްސަލަ ހައްލުކޮށްފި

ނިއު ޔޯކް (ނޮވެމްބަރު 19) - އޮޅުވާލައިގެން ކޯސްތަކެއް ހިންގި ކަމަށް ބުނެ ޓްރަމްޕް ޔުނިވާސިޓީއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ 25 މިލިއަން ޑޮލަރު ދެއްކުމަށް ފަހު، އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް މައްސަލަ ހައްލުކޮށްފި އެވެ.


ޓްރަމްޕާ ދެކޮޅަށް މައްސަލަ ޖައްސާފައި ވަނީ ރިއަލް އެސްޓޭޓާއި ދިރިއުޅުމުގައި ޓްރަމްޕް ގޮތަށް މުއްސަނޖަކަށް ވާނެ ގޮތްތައް ކިޔަވައިދޭނެ ކަމަށް ބުނެ ޓްރަމްޕް ޔުނިވާސިޓީން ހިންގި ކޯސްތަކަށް 35،000 ޑޮލަރު ދެއްކި ދަރިވަރުންނެވެ. ކޯހުގެ އިޝްތިހާރުތަކުގައި ވެސް ބުނެފައި ވަނީ ކޯސްތަކަށް އިންސްޓްރަކްޓަރުން ހަމަޖައްސައިފައި ވަނީ ޓްރަމްޕް ބަލާ ފާސް ކުރުމަށް ފަހު އޭނާ އަށް އެންމެ އެކަށީގެންވާ މީހުން ކަމަށެވެ.

ޓްރަމްޕާ ދެކޮޅަށް ވަނީ ތިން މައްސަލައެއް ޖައްސައިފަ އެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް އޮޅުވާލުމާއި ކޯސްތަކުން ހާސިލްކޮށްދޭން ބުނި ކަންކަން ކޮށްދީފައި ނުވުން ހިމެނެ އެވެ. މި ތަނުން އެއް މައްސަލައިގައި ޝަރީއަތުގެ އަޑު އެހުމެއް މި މަހު 28 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް އޮތީ ހަމަޖައްސައިފަ އެވެ. ޓްރަމްޕުގެ ވަކީލުން ވަނީ ޝަރީއަތް ފަސް ކުރެވޭތޯ މަސައްކަތްކޮށްފަ އެވެ.

ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދެވީ އެ މައްސަލަ ހައްލު ކުރުމަށް އޭނާ ފައިސާ ނުދައްކަވާނެ ކަމަށެވެ. ނިއު ޔޯކުގެ އެޓާނީ ޖެނެރަލް އެރިކް ޝްނެއިޑާމަން ވިދާޅުވީ ޓްރަމްޕުގެ ނިންމުން ބަދަލު ކުރުމަކީ މައްސަލަ ޖެއްސި ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓްރަމްޕް ޔުނިވާސިޓީ އަކީ ފެށުނީއްސުރެ ނިމެންދެން ބާތިލް ތަނެއް ކަމަށެވެ.

ޖޫން މަހު ޓްރަމްޕް ވިދާޅުވެފައި ވަނީ ޔުނިވާސިޓީގެ މައްސަލަ ކޯޓުގައި އޭނާ ކާމިޔާބު ކުރާނެ ކަމަށެވެ. ނަމަވެސް ވަކީލުން ވިދާޅުވެފައި ވަނީ ޔުނިވާސިޓީގެ މައްސަލަ ހައްލު ކުރުމަށް ޓްރަމްޕް ފައިސާ ދެއްކެވީ ގައުމުގެ ރައީސް ކަމަށް އިންތިޚާބުވެފައިވާތީ، ކުރަން ހުރި މަސައްކަތްތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ. އަދި މި މައްސަލާގައި ޓްރަމްޕް ވަނީ އަމިއްލަ މަސްލަހަތު ގުރުބާންކޮށްފައި ކަމަށް ވަކީލުން ވިދާޅުވެފައިވެ އެވެ.

މައްސަލަ ބަލާ ޑިސްޓްރިކްޓް ފަނޑިޔާރު ގޮންޒާލޯ ކުރިއަލް ވަނީ، ޓްރަމްޕް ރައީސް ކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ދެ ފަރާތަށް ވެސް ގޮވާލައިފަ އެވެ. ފަނޑިޔާރު ވިދާޅުވީ ގައުމުގެ ރައީސްކަމުގެ ހުވާ ކުރަން ޓްރަމްޕް ތައްޔާރުވަމުން ދަނިކޮށް އޭނާ ކޯޓަށް ހާޒިރު ކުރުމުން އުނދަގޫ ކަންކަން ދިމާވާނެ ކަމަށެވެ.

އެކުވެރިއަކާ އެކު 2005 ވަނަ އަހަރު ޓްރަމްޕް އުފެއްދެވި ޔުނިވާސިޓީ ވަނީ 2010 ވަނަ އަހަރު ހުއްޓާލައިފަ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ