ދުނިޔެ / ކޮވިޑް-19

އެމެރިކާގެ 500 މިލިއަން ވެކްސިން ޑޯޒް 100 ގައުމަކަށް

އެމެރިކާ އިން ކޮވިޑް-19 ވެކްސިންގެ 500 މިލިއަން ޑޯޒް ވަނީ 100 ގައުމަކަށް ދީފައި

10 ޖޫން 2021 - 12:25

1 comments

އެމެރިކާ އިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 100 ގައުމަކަށް، ކޮވިޑް-19 ވެކްސިންގެ 500 މިލިއަން ޑޯޒް ދިނުމަށް ނިންމައިފި އެވެ.

ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، 500 މިލިއަން ޑޯޒް ވެކްސިން، ދުނިޔޭގެ އެކި ގައުމުތަކަށް ހިލޭ ދިނުމަށްޓަކައި، އެކަމަށް ބޭނުންވާ ވެކްސިން އުފެއްދުމާ ބެހޭ ގޮތުން، އެމެރިކާގެ ވެކްސިން ކުންފުނިތަކާ އެކު އެމެރިކާ ސަރުކާރުން މިހާރު ވަނީ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. އެމެރިކާ އިން ހިލޭ ވެކްސިން ދޭ 100 ގައުމުގެ ތެރޭގައި، އެންމެ ކުޑަ އާމްދަނީއެއް ލިބޭ 92 ގައުމަކާއި އެފްރިކާ އިއްތިހާދު ހިމެނެ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އިއްޔެ ފުރާވަޑައިގަންނަވަމުން ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ޖޯ ބައިޑެން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެބައޮތް ކަމަށާއި، މިދަތުރުގައި އެކަން އިއުލާން ކުރައްވާނެ ކަމަށެވެ.

ބައިޑެންގެ އަށް ދުވަހުގެ މި ދަތުރުފުޅުގައި، އިނގިރޭސި ވިލާތުގެ ކޯންވޯލްގައި، ތިން ދުވަހުގެ މުއްދަތަށް ބާއްވާ ޖީ-7ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ޔޫރަޕްގެ ބައެއް ގައުމުތަކަށް ވަޑައިގަންނަވާނެ އެވެ.

ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުން، އެކި ގައުމުތަކަށް މި އަހަރު ފޮނުވާ 200 މިލިއަން ޑޯޒާއި، އަންނަ އަހަރުގެ މެދު ތެރޭގައި ފޮނުވާ 300 މިލިއަން ޑޯޒް ތައްޔާރު ކުރުމަށް، އެ ގައުމުގެ ފައިޒާ ކުންފުންޏާއި ބަޔޯއެންޓެކް ކުންފުންޏާއި، އެމެރިކާ ސަރުކާރުން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ސަރުކާރުން އެކަމަށް ފައިސާ ދައްކާނީ، ވިޔަފާރީގެ އަގުގައި ނޫން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ގިނަ އަދަދެއްގެ ބަޔަކަށް މިހާރު ވަނީ ވެކްސިން ޖަހައިފަ އެވެ. އޭގެ ސަބަބުން، އެ ގައުމުތަކުގައި ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް، ބްރެޒިލް އާއި އިންޑިޔާ އަދި އެފްރިކާ އާއި އޭޝިޔާގެ ގިނަ ގައުމުތަކަށް އެކަށީގެންވާ ވަރަށް ވެކްސިން ލިބިފައި ނެތުމުން، އެ ގައުމުތަކުގައި ކޮވިޑް ކޮންޓްރޯލް ނުވެ ދަނީ ފެތުރެމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކުރާ ގޮތުގައި، މުޅި ދުނިޔޭގެ އެންމެނަށް ވެކްސިން ދިނުމަށްޓަކައި، 11 ބިލިއަން ޑޯޒް ވެކްސިން ބޭނުންވާނެ އެވެ. އެކަމަށް އެހީތެރިވުމުގެ ގޮތުން، އދ.ގެ ކޮވެކްސް ޕްރޮގްރާމަށް 80 މިލިއަން ޑޯޒް ދޭނެ ކަމަށް، މިދިޔަ ހަފުތާގައި އެމެރިކާ އިން އިއުލާން ކުރި އެވެ.

ބައިޑަންގެ ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ، މި އަހަރުގެ މިނިވަން ދުވަހު (ޖުލައި 4)ގެ ކުރިން، އެ ގައުމުގެ ބޮޑެތި މީހުންގެ އާބާދީގެ 70 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދީ ނިންމާށެވެ.

އެމެރިކާގައި ވެކްސިން އުފައްދާ ނިސްބަތުން ބަލާއިރު، އެ ގައުމުގެ ބޮޑެތި މީހުންގެ އާބާދީއަށް ބޭނުންވާ ވަރަށް، މި އަހަރުގެ މެއި މަހުގެ ތެރޭގައި ވެކްސިން އުފެއްދޭނެ އެވެ. އެ އަދަދަށް ވެކްސިން އުފެއްދުމަށް ފަހު، އިތުރަށް ހުންނަ ވެކްސިނާ މެދު، އެމެރިކާ އިން ކަންތައް ކުރާނެ ގޮތަކާ މެދު، ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބައެއް އަންދާޒާތައް ބުނާ ގޮތުން، މި އަހަރުގެ ފަހު ހަ މަސްދުވަހަށް ފެށޭއިރު، އެމެރިކާގެ އާބާދީ އަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް، 600 މިލިއަން ވެކްސިން ޑޯޒް، އެމެރިކާގައި ތައްޔާރު ކުރެވިފައި ހުންނާނެ އެވެ.

މިދިޔަ މާޗް މަހު، އެމެރިކާގެ ރައީސް ބައިޑެން ވިދާޅުވީ، އެމެރިކާގައި އިތުރަށް ވެކްސިން ހުރިއްޔާ، ދުނިޔޭގެ އެހެން ގައުމުތަކާ ހިއްސާކުރާނެ ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި އުފެއްދި ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ވެސް ބޭނުންކުރީ، އެމެރިކާގެ ރައްޔިތުންނަށާއި ޔޫރަޕްގެ ރައްޔިތުންނަށް ދިނުމަށެވެ. އެމެރިކާގެ ވެކްސިން ޖަހާ އާބާދީގެ 171 މިލިއަން މީހުންނަށް މިހާރު ވެކްސިން ދީފި އެވެ. އޭގެ ތެރެއިން 140 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕައިޕް

10 June 2021

ޝުކުރިއްޔާ ޔޫ.އެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454