ދުނިޔެ / ފަލަސްތީން

ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ފަސްކޮށްފި

"ފަލަސްތީނުގެ އިސްނެގުން" ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ އަލްބަރްގޫސީ: ކުރިން ތާވަލުކޮށްފައި އޮތް، ފަލަސްތީނުގެ ދޭދޭ ޖަމާއަތްތަކުގެ ބައްދަލުވުން، ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް، މިސްރުން ފަސްކޮށްފައި

10 ޖޫން 2021 - 11:49

މި ފެށޭ ހަފުތާގައި މިސްރުގެ ވެރިރަށް ގާހިރާގައި ބާއްވަން ކުރިން ތާވަލުކޮށްފައި އޮތް، ފަލަސްތީނުގެ ދޭދޭ ޖަމާއަތްތަކުގެ ބައްދަލުވުން، ވަކި މުއްދަތެއް ނެތް ގޮތަށް، މިސްރުން ފަސްކޮށްފި އެވެ.

ފަލަސްތީނުގެ ދޭދޭ ޖަމާއަތްތަކުގެ މެދުގައި އެކުވެރިކަމާއި ގާތްކަން އުފެއްދުމުގެ ބޭނުމުގައި އެކުލަވާލާފައިވާ "ފަލަސްތީނުގެ އިސްނެގުން" ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ އަލް ބަރްގޫސީ ވިދާޅުވި ގޮތުގައި، މި ބައްދަލުވުން ފަސްކުރި ސަބަބެއް މިސްރު ސަރުކާރުން ނުބުނެ އެވެ. ނަމަވެސް މިސްރުގެ އިސް ވެރިން މި ދުވަސްވަރު ތަންކޮޅެއް ބުރަވީ ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ބައްދަލުވުން ފަސްކުރި ނަމަވެސް، ހަމާސް ޖަމާއަތާއި ފަތަހް ޖަމާއަތުގެ ދެ ވަފްދެއް މިހާރު ވަނީ މިސްރަށް ގޮސްފަ އެވެ. އެ ދެ ޖަމާއަތުން މިސްރުގެ ވެރިންނާ އެކު މަޝްވަރާތަކެއް ކުރާނެ އެވެ.

މިސްރު ސަރުކާރުގެ ދައުވަތަކަށް ބާއްވަން ތާވަލުކުރި ބައްދަލުވުމުގައި މަޝްވަރާ ކުރަން ރާވާފައި ހުރި ކަންކަމުގެ ތެރޭގައި، ފަލަސްތީނުގެ ސިޔާސީ މަސްރަހުގެ ކަންކަމާއި، ފަލަސްތީނުގެ ދޭދޭ ޖަމާއަތްތަކުގެ މެދުގައި ގުޅުންތައް ހުރި ގޮތް ވެސް ހިމެނެ އެވެ. މި ބައްދަލުވުން ކުރިއަށް ގެންދަން ރާވާފައި އޮތީ، މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ބައިވެރިވަޑައިގަންނަވާ ގޮތަށެވެ.

މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ، ފަލަސްތީނުގެ ދޭދޭ ޖަމާއަތްތަކުގެ މެދުގައި ހުރި ބައިބައިވުންތައް ނައްތާލައި، ސިޔާސީ ވިސްނުން އެއްގޮތް ކުރުމާއި، ފަލަސްތީނުގެ ކުރިމަގަށް މަގުޗާޓެއް އެކުލަވައިލުމެވެ.

ހަމާސް ޖަމާއަތުގެ ބާރުގެ ދަށަށް، 2007 ވަނަ އަހަރު ގާޒާ ދިޔަ ފަހުން، ފަލަސްތީނުގެ ސިޔާސީ ދާއިރާ ވަނީ މުޅިން ދެ ބައި ވެފަ އެވެ. ހުޅަނގު އައްސޭރީގައި، ރައީސް މަހްމޫދު އައްބާސްގެ ސަރުކާރުން ވެރިކަން ކުރަމުން އަންނަ އިރު، ގާޒާގައި ހިންގަނީ ހަމާސް ޖަމާއަތުގެ ވެރިކަމެކެވެ. މި ސަބަބާ ހުރެ، ހަމާސް ޖަމާއަތާއި، ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތާ ދެމެދު ވަނީ ވަރަށް ބޮޑަށް ދެބަސްވުން އުފެދިފަ އެވެ.

ހުސްވި މެއި މަހުގެ 10-21 އަށް އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކުގެ ސަބަބުން، ވީރާނާވެފައިވާ ގާޒާ އަލުން އާރާސްތުކުރުމުގައި މިސްރުން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ، އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތެވެ. އެކަމަށްޓަކައި މިސްރު ސަރުކާރުން ވަނީ، ގިނަ އަދަދެއްގެ ބަރު އުޅަނދުތަކާއި އިންޖިނޭރުންގެ ޓީމުތައް ގާޒާ އަށް ފޮނުވައިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454