ދުނިޔެ / އިޒްރޭލް

ގެދޮރުން ނެރޭ އަމުރުގެ އިސްތިއުނާފް ފަސްކޮށްފި

10 ޖޫން 2021 - 20:18

އިރުމަތީ ގުދުސްގެ ސިލްވާންގެ ދެ އާއިލާއެއް، އެމީހުން ދިރިއުޅެމުން އައި ގެދޮރުން ނުކުތުމަށް އިޒްރޭލުގެ ކޯޓުން ކޮށްފައިވާ ހުކުމް، އެ އާއިލާގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން، އިޒްރޭލުގެ ކޯޓުން ފަސްކޮށްފި އެވެ.

ކުރިން ހަމަޖެހިފައި އޮތީ، މިއަދުގެ ވަގުތެއްގައި އެ މައްސަލައިގެ ހުކުމް އިއްވުމަށެވެ. ކުއްލި ގޮތަކަށް އެކަން ފަސްކުރީ ކީއްވެގެން ކަން ކޯޓުން ނުބުނެ އެވެ. ގުދުސްގައި ހުންނަ އިޒްރޭލުގެ މަރުކަޒީ ކޯޓުން ބުނި ގޮތުގައި، އެ މައްސަލައިގެ އިސްތިއުނާފު ހުކުމް އިއްވުން ދެން އޮންނާނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ.

ފަލަސްތީނު މީހުން، އެމީހުންގެ ގެދޮރުން ނެރެ، އެތަންތަން ޔަހޫދީ ވަޒަންވެރިންނަށް ދިނުމަށް، އިޒްރޭލުގެ ކޯޓުތަކުން ހުކުމް ކުރާ މައްސަލައިގައި، އިރުމަތީ ގުދުސްގެ އެކި އަވަށްތަކުގައި ވަނީ ހަމަނުޖެހުންތައް ހިނގައިފަ އެވެ.

ހަމައެއާ އެކު، ހައްދުފަހަނައެޅި ޔަހޫދީންގެ ބަޔަކު މިއަދުވެސް ވަނީ މަސްޖިދުލް އަގްސާގެ ތެރެއަށް ގަދަކަމުން ވަދެގެންފަ އެވެ. ހަރުކަށި ޔަހޫދީންގެ 136 މީހަކު، ގަދަކަމުން އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތީ، މިއަދު ބާއްވަން އިންތިޒާމު ކުރި "ދިދައިގެ ހިނގާލުން" ކުރިއަށް ގެންދަން އިޒްރޭލު ސަރުކާރުން ހުއްދަ ނުދިނުމާ ގުޅިގެން، އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އޭގެ ސަބަބުން ގުދުސްގައި އިތުރު ހަމަނުޖެހުންތަކެއް އުފެދުމުގެ ބިރުވަނީ އުފެދިފަ އެވެ.

ބެލެވޭ ގޮތުގައި މިއަދު އޮތް ހުކުމް އިއްވުން ފަސްކުރީ، ޝައިހް ޖައްރާހް އަވަށުގެ ގެތަކަކުން ފަލަސްތީނު މީހުން ނެރުމަށް ދަށު ކޯޓުން ކޮށްފައި އޮތް ހުކުމްތަކެއް، އިޒްރޭލުގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތުމުން، އެ މައްސަލަތަކާ މެދު ހައި ކޯޓުން މިހާތަނަށް ގޮތެއް ނުނިންމާތީ އެވެ. ސިލްވާންގެ ދެ އާއިލާ ގެދޮރުން ނެރުމަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ، ޝައިހް ޖައްރާހް އަވަށުގެ މައްސަލައިގައި ހައި ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.

ފަލަސްތީނު މީހުން ގެދޮރުން ނެރެލުމަށް ފަށާފައިވާ މަސައްކަތުގެ ސަބަބުން، އިރުމަތީ ގުދުސްގެ ސިލްވާން އަވަށުގެ 750 އަށް ވުރެ ގިނަ މީހުން، ގެދޮރުން ނެރެލާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ. ފަލަސްތީނު މީހުންގެ ގޯތިތައް ޔަހޫދީންނަށް މިލްކުކޮށްދިނުމަށް، ކޯޓުތައް މެދުވެރިކޮށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކޯޓުތަކުން ހުކުމް ކުރަމުން އަންނަނީ، އެ ގޯތިތައް ހުރި ބިމަކީ، މާކުރިންސުރެ ޔަހޫދީންގެ ބިންތަކެއް ކަމަށެވެ.

ފަލަސްތީނު މީހުން ގެދޮރުން ނެރުމަށް ކޯޓުން ހުކުމް އިއްވުމާ އެކު، އިޒްރޭލު ސިފައިންގެ ހިމާޔަތުގައި ޔަހޫދީ ވަޒަންވެރިން، ފަލަސްތީނު މީހުންގެ ގެދޮރަށް ވަދެ، އެތަންތަނަށާއި އެ ގެތަކުގެ މީހުންނަށް ގެއްލުން ދިނުމުގެ އަމަލުތައް، މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454