ކައިވެންޏަށް ދެކޮޅު ހެދި ޓީޗަރު މަރާލި ކަމަށް ބެލެވޭ މީހުން ހައްޔަރުކޮށްފި

އިސްލާމްއާބާދު (ޖޫން 4) - ޕާކިސްތާނުގައި ކައިވެނީގެ ހުށަޙެޅުމަކަށް އިންކާރު ކުރި 18 އަހަރުގެ ޒުވާން ޓީޗަރުގެ ގައިގައި އަލިފާން ރޯކޮށް މަރާލި ކަމަށް ބެލެވޭ މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.


ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި މާރިއާ ސަދަގާތު ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ، ގެ އަށް އާދިއްތަ ދުވަހު ބަޔަކު ވަދެގަނެ އޭނާގެ ގައިގާ ރޯކޮށްލުމުގެ ސަބަބުން ލިބުނު ޒަހަމްތަކުގައި އޭނާ ވަނީ މަރުވެފަ އެވެ. އަންހެން ކުއްޖާގެ އާއިލާ އިން ބުނި ގޮތުގައި، މާރިއާ މަސައްކަތް ކުރާ ސްކޫލްގެ ވެރިމީހާގެ ދަރިފުޅުގެ ކައިވެނީގެ ހުށަހެޅުމަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ. އަދި އެ ފިރިހެން ކުއްޖާ އުޅެނީ އެހެން މީހަކާ އިނދެގެން ކަމަށް ވެސް މާރިއާގެ އާއިލާ އިން ބުންޏެވެ.

އަންދާލި އަންހެން ކުއްޖާގެ ހަށިގަނޑު ގެންދާ އިރު އާއިލާގެ މީހުން އެމްބިއުލަންސް ކައިރީގައި. --ފޮޓޯ:އޭއެފްޕީ

އަންހެން ކުއްޖާގެ މަރުގެ ތުހުމަތުގައި މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެންމެ ފަހުން ހައްޔަރުކުރީ އަންހެން ކުއްޖާ މަސައްކަތް ކުރި ސްކޫލުގެ ވެރިމީހާ އެވެ.

ކައިވެނީގެ ހުށަހެޅުންތަކަށް އިންކާރު ކުރުމުން، އަންހެނުންނަށް ހަމަލާ ދިނުމަކީ ޕާކިސްތާނުގައި އާންމު ކަމެކެވެ.

ފުލުހުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ މާރިއާ އަށް ހަމަލާދިން ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވީ ސްކޫލްގެ ވެރިމީހާ ކަމަށެެވެ. އެ މީހުން ވަނީ މާރިއާ އަށް އަނިޔާ ކުރުމަށް ފަހު ޕެޓްރޯލް އަޅައި ރޯކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މާރިއާ ހޮސްޕިޓަލުގައި އޮއްވާ، އޭނާ މަރުވުމުގެ ކުރިން ފުލުހުން ވަނީ ބަޔާނެއް ވެސް ނަގައިފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާގެ ހަށިގަނޑުގެ 85 ޕަސެންޓަށް ވުރެ ބޮޑު ބައި ވަނީ ފިހިފަ އެވެ.