އިޒްރޭލުގައި ރޯވި އަލިފާން: ގައުމުތަކުގެ އެހީއަށް ނަތަންޔާހޫ އެދިއްޖެ

ތެލް އަވީވް (ނޮވެމްބަރު 24) - އިޒްރޭލުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ގްރީސް އާއި ކްރޮއޭޝިއާ، ސައިޕްރަސް އަދި ތުރުކީގެ އެހީއަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެދިވަޑައިގެންފި އެވެ.


މޫސުން ލަފާކުރާ ފަރާތްތަކުން ބުނެފައި ވަނީ ވައި ބާރުވުމުން އަލިފާންގަނޑު މިއަދު އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އިޒްރޭލް ފުލުހުންގެ މަތިންދާ ބޯޓުތަކުން އަލިފާން ނިންވަން އިއްޔެ މަސައްކަތް ކުރި ނަމަވެސް އަލިފާން ގަނޑު ވަނީ އިތުރަށް ފެތުރެން ފަށައިފަ އެވެ. ނަތަންޔާހޫގެ އިތުރުން ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ގިލަޑާޑް އެރްޑާން ވެސް ވަނީ އަވަށްޓެރި ގައުމުތަކުން އަލިފާން ނިއްވާ މަތިންދާ ބޯޓު ފޮނުވައި ދިނުމަށް އެދިފަ އެވެ. ސައިޕްރަސް އާއި ގްރީސް އިން ވަނީ އަލިފާން ނިއްވަން ހަތަރު މަތިންދާ ބޯޓާއި 49 ސްޓާފުން ފޮނުވައިފަ އެވެ.

އިޒްރޭލުގެ ޖަންގަލިތަކުގައި އަލިފާން ރޯވާން ފަށާފައި ވަނީ އަންގާރަ ދުވަހު އެވެ. އަލިފާން ގަނޑު ފެތުރެން ފެށުމުން އިޒްރޭލުގެ އިލެކްޓްރިކް ކޮމްޕެނީ ވަނީ ކުއްލި ހާލަތަކަށް ގެނެސްފަ އެވެ. އަލިފާނުގެ ސަބަބުން ކަރަންޓް ކޭބަލް އާއި ސަބްސްޓޭޝަންތައް ވަނީ އަނދައިފަ އެވެ. އަދި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެ އެވެ.

އިޒްރޭލް ފުލުހުންގެ ތަރުޖަމާނަކު ބުނީ ޖަންގަލީގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވުނު ހަތަރު މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ.