ނުވަ މިލިއަން ރުޕީސް ހިފައިންގެ ބޭންކް ޑްރައިވަރު ފިލައިފި

ބެންގަލޫރު (ނޮވެމްބަރު 26) - އިންޑިއާގެ ބެންގަލޫރުގެ އޭޓީއެމްއަކަށް ޖަމާކުރަން ގެންދިޔަ 9.2 މިލިއަން ރުޕީސް (134،000 ޑޮލަރު) އާ އެކު ބޭންކުގެ ޑްރައިވަރު ފިލައިފި އެވެ.


އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓު ހުއްޓާލުމުން އެ ގައުމުގައި މިހާރު ވަނީ ފައިސާގެ ވަރަށް ބޮޑު ތާށި ކަމެއް ކުރިމަތިވެފަ އެވެ. އޭޓީއެމްތަކުގައި ވެސް ދިގު ކިޔޫތައް ހަދާފައިވުމުން އެހާމެ އަވަހަށް އޭޓީއެމްތަކުން ފައިސާ ހުސްވެ އެވެ.

ބެންގަލޫރު އޭޓީއެމަށް ފައިސާ ޖަމާކުރަން ދިޔަ ވޭނުގެ ޑްރައިވަރު ނުވަ މިލިއަން ރުފިޔާއާ އެކު ފިލީ ވޭނުގައި އިން ބޭންކުގެ އޮފިޝަލް ފާޚާނާއަކަށް ބޭންކަށް ވަން ވަގުތު އެވެ. ފުލުހުން ބުނީ ވެހިކަލް ހޯދާފައިވާ ކަަމަށާއި ނަމަވެސް ފައިސާއާ އެކު ޑްރައިވަރުވީ ތަނެއް ނޭނގޭ ކަމަށެވެ.

ބެންގަލޫރު ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޗަރަން ރެޑީ ވިދާޅުވީ ފައިސާ އެކު ފިލި ޑްރައިވަރަކީ ބޭންކުން އޭޓީއޭމަށް ފައިސާ ޓްރާންސްފާ ކޮށްދޭ ކުންފުންޏަށް މީގެ ތިން މަސް ކުރިން ނެގި މީހެއް ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުންގެ ހަތަރު ޓީމެއް ހަރަކާތްތެރިވާ ކަމަށް ރެޑީ ވިދާޅުވި އެވެ.

ކުރީގެ ފައިސާ ބޭނުން ކުރުން ކުއްލިއަކަށް ހުއްޓާލިކަން އިއުލާން ކުރައްވަމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެ ފިޔަވަޅު އެޅީ ބޭންކިން ނިޒާމުގެ ތެރެއަށް ނުވައްދާ ގެންގުޅޭ "ކަޅު ފައިސާ" ހުއްޓުވުމަށް ކަމަށެވެ. ކުރީގެ ނޫޓް ބަދަލު ކުރަން ވަނީ އަންނަ މަހު 30 އާ ހަމައަށް ފުރުސަތު ދީފަ އެވެ. އުވާލި ދެ ނޫޓުގެ ބަދަލުގައި ވަނީ 500 އާއި 2،000 ގެ އާ ނޫޓު ތައާރަފް ކޮށްފަ އެވެ.