ހަލަބުގެ އެންމެ ބޮޑު އަވަށް ސީރިއާ ސިފައިން ހިފައިފި

ދިމިޝްގު (ނޮވެމްބަރު 27) - ސީރިއާގެ އިރުމަތީގެ ހަލަބު ސިޓީގެ އެންމެ ބޮޑު އަވަށް، އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން ސީރިއާ ސިފައިން ހިފައިފި އެވެ.


މަސަކަން ހަނާނޯ އަވަށް ހިފުމަކީ ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އެހެން ހިސާބުތަކުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރު ސިފައިންނަށް ފަސޭހަވާނެ ކަމެއް ކަމަށް އެކްޓިވިސްޓުން ބުނެ އެވެ. މަސަކަން ހަނާނޯ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔައީ 2012 ވަނަ އަހަރު އެވެ. ހަލަބު އެކުގައި ހިފުމަކީ ސީރިއާގެ ހަ އަހަރުވީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ.

ހަލަބުގެ އިރުމަތީގެ ހިސާބުތަކަށް ސަރުކާރު ސިފައިން ވައިގެ ހަމަލާތައް އެންމެ ފަހުން ދޭން ފެށީ މި މަހު 15 ގައި. --ފޮޓޯ:ރޮއިޓާސް

ހަލަބުގެ އިރުމަތީގެ ހިސާބުތައް ހިފުމަށް ސަރުކާރު ސިފައިން ހަމަލާތައް ފެށީ ނޮވެމްބަރު 15 ގަ އެވެ. ހަމަލާތަކުގައި އާއްމުންގެ 212 މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ. އޭގެ ތެރޭގައި 27 ކުޑަ ކުދިން ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އެ ސިޓީގެ 275،000 މީހުން އަދިވެސް ތިބީ ތާށިކަމެއްގެ ތެރޭގަ އެވެ.

އެއް ދުވަސްވަރެއްގައި ސީރިއާގެ ވިޔަފާރީގެ މައި ރަށުގެ ގޮތުގައި ބެލެވުނު ހަލަބު ވަނީ 2012 ވަނަ އަހަރުން ފެށިގެން ދެ ބައިވެފަ އެވެ. އެ ސިޓީގެ ހުޅަނގުގެ ހިސާބުތައް ސަރުކާރުގެ ބާރުގެ ދަށުގައި އޮތް އިރު، އިރުމަތީގެ ހިސާބުތައް ކޮންޓްރޯލް ކުރަނީ އިދިކޮޅު ހަނގުރާމަވެރިންނެވެ.

ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށް ވައިގެ ހަމަލާ ދިނުމުގައި ރަޝިޔާ އިން ބައިވެރިވި ނަމަވެސް ހަލަބު ސިޓީ އަށް ދޭ ހަމަލާތަކުގައި ބައިވެރި ނުވާ ކަމަށް މޮސްކޯ އިން ވަނީ ބުނެފަ އެވެ.