އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ދޭން ޕްރިންސް ވަލީދު ގޮވާލައްވައިފި

ރިޔާޒް (ޑިސެމްބަރު 1) - ސައުދީ އަރަބިއާގައި އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތުމަކީ އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމެއް ކަމަށާއި އެހެންވެ އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް ސައުދީ ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލް އެދިވަޑައިގެންފި އެވެ.


ވަލީދަކީ އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮންނާތީ ސައުދީ ޝާހީ އާއިލާގެ މެންބަރުންގެ ތެރޭން އެންމެ ފާޅުގައި ފާޑުވިދާޅުވާ ބޭފުޅާ އެވެ. ސައުދީ ސަރުކާރުގައި އެއްވެސް ސިޔާސީ މަގާމެއް ނެތް ނަމަވެސް ވަލީދަކީ ބިޔަ ކުންފުނި ކިންގްޑަމް ހޯލްޑިން ކޮމްޕެނީ (ކޭއެޗްސީ) ގެ ޗެއާމަން އެވެ. ކޭއެޗްސީ އަކީ ސިޓިގްރޫޕް، ޔޫރޯ ޑިޒްނީ ޕާކް، ފޮކްސް، ނިއުސް ކޯޕަރޭޝަން، އެޕަލް، ޖެނެރަލް ކޮޓޯސް އަދި ޓްވިޓާގައި ހިއްސާ އޮންނަ ކުންފުންޏެކެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންގެ ތެރޭގައި ހިމެނޭ ޕްރިންސް ވިދާޅުވީ މިހާރަށް ބަލާއިރު އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތުމަކީ އަންހެނުން ތައުލީމް ހާސިލް ކުރުން މަނާކުރުމާ އެއްފަދަ ކަމެއް ކަމަށެވެ.

ވަލީދުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ އަންހެނުންނަށް ކާރު ދުއްވުން މަނާކުރުމުން އިގްތިސާދަށް ވެސް ބޮޑު ގެއްލުމެއްވާ ކަމަށެވެ. ޕަބްލިކް ޓްރާންސްޕޯޓް ނިޒާމް ދަށްވުމުން އަންހެނުން ތަންތަނަށް ގެންދިއުމުގައި މިލިއަނެއްހާ ޑްރައިވަރުން ސައުދީގައި އުޅެ އެވެ. މީގެ ތެރޭން ގިނަ އަދަދަކީ ބިދޭސީންނެވެ. ޕްރިންސް އެސްޓިމޭޓް ކުރައްވާ ގޮތުގައި ކޮންމެ އާއިލާއަކުން ވެސް އެވްރެޖްކޮށް މަހަކު 3،800 ރިޔާލް (1،000 ޑޮލަރު) ޑްރައިވަރަށް ޚަރަދު ކުރެ އެވެ. އަދި ވަލީދު ވިދާޅުވީ މީގެ ތެރޭން އެތައް ބިލިއަން ރިޔާލެއް ކޮންމެ އަހަރަކު ވެސް ގައުމުން ބޭރަށް ދާ ކަމަށެވެ.