30 ނޮވެމްބަރ 2022 - 12:44
ލުސެއިލް (ނޮވެމްބަރު 30) - ސައުދީ އަރަބިއްޔާގެ ފުޓުބޯޅައިގެ ރަނގަޅު ޖީލެއް އެބަ އޮތް ކަމަށާއި، މިއީ ނޮކައުޓް ބުރުގެ ޖާގައެއް ހޯދައި ޓީމުގެ ތާރީހު އާކުރަންވީ ވަގުތު ކަމަށް، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ މެކްސިކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސައުދީގެ ކޯޗު ހާވޭ ރެނާޑް ބުނެފި އެވެ.
ސައުދީ އަރަބިއްޔާ އޮތީ ތިން ޕޮއިންޓާ އެކު ގުރޫޕް ސީ ގެ ތިން ވަނައިގަ އެވެ. އާޖެންޓީނާއާ ޕޮއިންޓްގެ ގޮތުން އެއްވަރު ވިއަސް ސައުދީ ފަހަތުގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިފައިވާ ޕޮލެންޑެވެ. އަދި މެކްސިކޯ އަށް އަދި ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
"ސައުދީ އަރަބިއްޔާގެ ރަނގަޅު ޖީލެއް އެބަ އޮތް، ގައުމީ ޓީމު ގަދަ 16 އަށް މިހާތަނަށް އަދި ދަތުރުކުރީ 1994 ގައި. ސަޕޯޓަރުން ކުޅުންތެރިންގެ މަތިން ހަނދާން ބަހައްޓަން ބޭނުން ނަމަ އެ ތާރީހު އާކުރަން ޖެހޭ، އެހެން ނޫން ނަމަ ތިރީހަކަށް އަހަރުތެރޭ އެކަން ހަނދާން ނެތިދާނެ،" ޒެމްބިއާ އާއި އައިވަރީ ކޯސްޓަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކޯށްދިން ކޯޗު ރެނާޑް ބުންޏެވެ.
"ހުރިހާ ޓީމެއް ވެސް ވަރުގަދަ، ތިން ވަނަ މެޗާ ކުރިމަތިލާއިރު އަދިވެސް އަހަރެމެންނަށް ފުރުސަތު އެބަ އޮތް. މެކްސިކޯ އަކީ ވޯލްޑް ކަޕް ގައި ތަޖުރިބާ ބޮޑު ޓީމެއް. އަހަރެމެން މުބާރާތުގައި ދެމިއޮންނަން ބޭނުން ނަމަ މަސައްކަތް ކުރަން ޖެހޭ."
ފްރާންސަށް އުފަން ކޯޗު ބުނީ ޓީމުގެ ކެޕްޓަން ސަލްމާން އަލް ފަރާޖް އާއި މުހައްމަދު އަލް ބުރައިކް އަދި ޔާސިރު އަލް ޝަހްރާނީ އަށް އަނިޔާގެ ސަބަބުން މި މުހިއްމު މެޗު ގެއްލޭނެ ކަމަށެވެ. މީގެ އިތުރުން މިޑްފީލްޑަރު އަބްދުﷲ އަލް މަލްކީ ހުރީ ސަސްޕެންޝަނުގަ އެވެ.
ސައުދީގެ މިޑްފީލްޑަރު މަލްކީ އަށް ޕޮލެންޑް މެޗް ގައި ރީނދޫ ކާޑު ދައްކަނީ، ކާޑު ހަމަވެގެން މެކްސިކޯއާ ދެކޮޅަށް އޭނާއަށް ނުކުޅެވޭނެ. -- ފޮޓޯ: އޭއެފްޕީ
"އަހަރެމެންގެ މުހިއްމު ހަތަރު ކުޅުންތެރިއަކަށް މި މެޗު ގެއްލޭނެ. އެކަމަކު ކުރިން ވެސް ބުނި ފަދައިން އަހަރެންގެ އެބަ އޮތް 26 ކުޅުންތެރިންގެ ސްކޮޑެއް. ނޮކައުޓް ކޮލިފައި ވާން އަހަރެމެން ކޮންމެ ހާލެއްގައި ވެސް މަސައްކަތް ކުރަން ޖެހޭ،" ކޯޗު ރެނާޑް ބުންޏެވެ.
"މިއީ 2012 (ޒެމްބިއާއާ އެކު) އަދި 2015 (އައިވަރީ ކޯސްޓާ އެކު) ވާދަކުރި (އެފްރިކަން ކަޕް އޮފް ނޭޝަންސްގެ) ފައިނަލަށް ފަހު އަހަރެންގެ ކޯޗިން ކެރިއަރުގައި ތިން ވަނައަށް އެންމެ މުހިއްމު މެޗު. އެއީ މި މެޗުތަކުން ބަލިވީމާ ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހޭނެ. ހިތާމައާ ކުރިމަތިލާން ޖެހުމަކީ ދިރިއުޅުން ވެސް ބަރުބާދުކޮށްލާ ފަދަ ކަމެއް."
އެހެންވެ ޕޮޒިޓިވް ވިސްނުމަކާއި ފޭނުންގެ ސަޕޯޓާ އެކު މޮޅުވެގެން ދެ ވަނަ ބުރަށް ކޮލިފައި ވުމުގެ އަޒުމުގައި އެންމެ ފަހު މިނިޓާ ޖެހެންދެން ވެސް ކުޅެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ކޯޗު އިތުރަށް ބުނީ މެކްސިކޯގެ އާއި އެ ޓީމުގެ ކޯޗު ޓާޓާ މާޓީނޯ ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި، މެކްސިކޯގެ ފުރަތަމަ 11 ކިޔައިދޭން ބުންޏަސް އެކަން ވެސް އޭނާއަށް ކުރެވޭނެ ކަމަށެވެ.
"މެކްސިކޯގެ ޓީމު ވަރަށް ވަރުގަދަވާނެ، އަދި އެޓީމުގައި މޮޅު ކޯޗެއް ވެސް އެބަހުރި، އޭނާ ވަނީ ކުރިން ބާސެލޯނާ ޓީމަށް ޓްރެއިން ކޮށްދީފައި އެހެންވެ ފަސޭހައެއް ނުވާނެ. އަހަރެމެންގެ ހަމައެކަނި ވިސްނުން ހުރީ ކޮލިފައި ވާން، އެކަމަށް ޖެހޭނެ 100 ޕަސެންޓަށް ވުރެ އިތުރަށް މަސައްކަތް ކުރަން. އާޖެންޓީނާއާ ދެކޮޅަށް ވެސް މެކްސިކޯ ވަރަށް މޮޅަށް ކުޅުނު، އެކަމަކު ތަފާތަކަށް ވީ އިދިކޮޅުގައި ހުރި މެސީ،" އާޖެންޓީނާ އަތުން މެކްސިކޯ ބަލިވި މެޗާ ގުޅޭގޮތުން އޭނާ ބުންޏެވެ.
"އަހަރެމެން ނޫޅޭނަން މެކްސިކޯގެ ބަލިފައި ދެނެގަނެ އޭގައި ހިފައިގެން މޮޅުވާކަށް. އަހަރެމެން ޖެހޭނެ ބިރު ކަނޑުވާލައިފައި އަމިއްލަ ނަފްސަށް އަދި ޓީމުގެ އެހެން ކުޅުންތެރިންނަށް އިތުބާރު ކޮށްގެން ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅެވޭނެކަން ސާބިތު ކޮށްދޭން."
މީގެ ކުރިން މެކްސިކޯގެ ކޯޗު މާޓީނޯ ވަނީ، ފަހު މެޗުގައި ސައުދީ ކޮޅަށް ގިނަ ގޯލުތަކެއް ޖަހައި މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގަ ހޯދަން އުއްމީދު ކުރާކަމަށް ބުނެފަ އެވެ.
ސައުދީ އިން ވަނީ ފުރަތަމަ މެޗުގައި އެންމެން ހައިރާން ކޮށްލުމަށް ފަހު އާޖެންޓީނާ ބަލިކޮށްފަ އެވެ. މެސީގެ ޕެނަލްޓީއަކުން އާޖެންޓީނާ ލީޑުގައި އޮއްވައި ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުން ސައުދީ ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގެ ހާފްޓައިމް ގައި ކޯޗު، ސައުދީގެ ކުޅުންތެރިންނަށް ހިތްވަރުދޭން ދެއްކި ވާހަކައިގެ ވީޑިއޯ ކްލިޕެއް ވަނީ ވައިރަލް ވެފަ އެވެ.
ނަމަވެސް ރެނާޑް ބުނީ އޭނާ ޓީމަށް ހިތްވަރުދޭން ދައްކާ ވާހަކަ ތަކަކީ ކޮންމެ ފަހަރަކު މާ ބޮޑު ތަފާތެއް ގެނުވާ ކަމެއް ނޫން ކަމަށާއި، އެދުވަހު އޭނާގެ ނަސީބު ވެސް ރަނގަޅުވީ ކަމަށެވެ.
"ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުން އެދުމުން އަހަރެން އެއްބަސް ވީ އެއް މިނިޓުގެ ރެކޯޑިން އަކަށް. އެ ވާހަކަތަކުގެ އަސަރު ކުޅުންތެރިންނަށް ކުރީމައި އެދުވަހު އަހަރެންގެ ނަސީބު ވެސް ރަނގަޅީ، އަހަރެން ކޯޗެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އަދި ވަރަށް ހިތާމަޔާ އެކު ބުނަން އަހަރެންގެ ވާހަކަތަކުން ހުރިހާ ވަގުތެއްގައި މަސައްކަތެއް ނުކުރޭ،" އޭނާ ބުންޏެވެ.
ސައުދީ އާއި މެކްސިކޯ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރެވެ. ހަމަ އެ ގަޑީގައި އާޖެންޓީނާ އާއި ޕޮލެންޑް ވެސް ކުޅޭނެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދީ
01 December 2022
މެޗުގެ ފަހު ވަގުތު އަލް ދަސާރީ އެޖެހި ގޯލުން މެކްސިކޯ ކެޓީ ހަހަހަހަ