ދިގު މުއްދަތަކަށް ސުއަރޭޒް ބާސެލޯނާގައި މަޑުކުރަނީ

ބާސެލޯނާ (ޑިސެމްބަރު 9) - ބާސެލޯނާ އަށް ކުޅޭ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ދިގު މުއްދަތަކަށް އެ ކްލަބްގައި މަޑުކުރަން ނިންމާފައިވާ ކަމަށާއި އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް އެ ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.


ރިޕޯޓްތައް ބުނާގޮތުން ސުއަރޭޒް ވަނީ ހަ އަހަރަށް ބާސެލޯނާއާ އެކު އެއްބަސްވުން އާ ކުރަން ނިންމައިފަ އެވެ. އެއީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ.

ބާޓޮމެއު ވިދާޅުވީ އެއްބަސްވުމާ ގުޅޭގޮތުން ސުއަރޭޒާއި އޭނާގެ އެޖެންޓާ މަޝްވަރާކޮށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

"ސުއަރޭޒްގެ އެއްބަސްވުމުގެ ހުރިހާ މަޝްވަރާތަކެއް ވަނީ ނިމިފައި. ދެން އޮތީ ހިމަނަންޖެހޭ އެހެން ބައިތައް ފުރިހަމަ ކުރުން. އެކަން ނިންމާލުމަށް ފަހު ދެ ހަފްތާއެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރާނެ،" ބާޓޮމެއު ވިދާޅުވި އެވެ.

ލިވަޕޫލް ދޫކޮށް ސުއަރޭޒް ބާސެލޯނާ އަށް ބަދަލުވީ 2014 ވަނަ އަހަރު 65 މިިލިއަން ޕައުންޑަށެވެ. ފާއިތުވި ދެ ސީޒަނުގައި ސުއަރޭޒަކީ ބާސެލޯނާގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ އެވެ. ސުއަރޭޒް ވަނީ ޔޫރަޕްގެ ރަން ބޫޓު ވެސް ހޯދައިފަ އެވެ.

ސުއަރޭޒް ހޯދުމަށް މި ސީޒަން ފެށުމުގެ ކުރިން ބަޔާން މިއުނިކާއި އިންގްލެންޑުގެ މެންޗެސްޓާ ސިޓީން ވަނީ މަސައްކަތްކޮށްފަ އެވެ.

ސުއަރޭޒްގެ އިތުރުން ބާސެލޯނާ އިން އަންނަނީ ލިއޮނަލް މެސީ އާއި އިވާން ރަކިޓިޗްގެ އެއްބަސްވުން އާ ކުރުމަށް ވެސް މަޝްވަރާ ކުރަމުންނެވެ.