ރާމޯސް އަނެއްކާ ވެސް ރެއާލް ސަލާމަތްކޮށްދީފި!

މެޑްރިޑް (ޑިސެމްބަރު 11) – ފަހު ވަގުތު ލަނޑު ޖަހައި ޓީމު ސަލާމަތްކޮށްދޭ ހީރޯގެ ގޮތުގައި މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ރޭ އަނެއްކާ ވެސް ފަހު ވަގުތު އެ ޓީމު ސަލާމަތްކޮށްދީފި އެވެ.


ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ ލަކޮރޫނާ އަތުން 3-2 އިން ރެއާލް މޮޅުވެ، އެ ކްލަބުގެ ތާރީހުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑް ހެދިއިރު، މި މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލް އާއި ލޫކާ މޮޑްރިޗް އަދި ކަރިމް ބެންޒެމާ ނެތި ރެއާލް ކުޅުނު މި މެޗާ އެކު އެ ޓީމު ވަނީ ބަލިނުވެ 35 މެޗު ފުރިހަމަކޮށް ކްލަބުގެ އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އިއްޔެ ހަވީރު އޮސަސޫނާ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ އިން ތިން ޕޮއިންޓަށް ތަފާތު ކުޑަކުރި ނަމަވެސް ރެއާލުގެ މޮޅާ އެކު އެ ޓީމަށް ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑު އަލުން ނަގައިފަ އެވެ. މެޑްރިޑުން 37 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ބާސެލޯނާ ދެ ވަނައިގައި އޮތީ 31 ޕޮއިންޓާ އެކު އެވެ.

މެޑްރިޑުގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ލީޑު ނެގީ އެ ޓީމުންނެވެ. އެ ގޯލް 50 ވަނަ މިނެޓުގައި ޖެހީ އަލްވާރޯ މޮރާޓާ އެވެ. އޭގެ ފަހުން ޑިޕޯޓިވޯ އިން ވަނީ 63 ވަނަ މިނެޓުގައި 65 ވަނަ މިނެޓުގައި ޖޮސެލޫގެ ލަނޑުތަކުން ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. ރެއާލަށް އެއްވަރުކޮށްދިނީ 84 ވަނަ މިނެޓުގައި މަރިއާނޯ ޑިއާޒެވެ. މެޗު އެއްވަރުވާން ދަނިކޮށް ރެއާލް މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ރާމޯސް ބޮލުން ވައްދާލި ގޯލުންނެވެ.

މިދިޔަ ހަފުތާގައި ވާދަވެރި ބާސެލޯނާ އަތުން ރެއާލް ބަލިނުވެ ސަލާމަތްވީ ވެސް ފަހު ވަގުތު ރާމޯސް ބޮލުން ޖެހި ގޯލުންނެވެ. ރާމޯސް އަންނަނީ ފަހަކަށް އައިސް ބޮޑެތި މެޗުތަކުގައި ފަހު ވަގުތު ރެއާލް ސަލާމަތްކޮށްދެމުންނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އެތުލެޓިކޯ މެޑްރިޑް ކުރީގައި އޮއްވާ ފަހު ވަގުތު އެއްވަރުކޮށްދިނީ ރާމޯސް އެވެ. މީގެ އިތުރުން މި އަހަރުގެ ސްޕެނިޝް ސުޕަ ކަޕުގައި ވެސް ފަހު ވަގުތު ރެއާލް ސަލާމަތްކޮށްދިނެވެ.

އޮސަސޫނާގެ ކެޕްޓަން ފްލާނޯ ކައިރިން ބާސެލޯނާގެ މެސީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ރަށުން ބޭރުގައި އޮސަސޫނާ އަތުން 3-0 އިން ބާސެލޯނާ މޮޅުވި އިރު ފުރަތަމަ ހާފުގައި އެ ޓީމަށް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. ލިއޮނަލް މެސީ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަށް ވެސް ލިބުނު ގިނަ ފުރުސަތުތައް ވަނީ ބޭކާރުވެފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ 59 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒެވެ. އަނެއް ދެ ލަނޑު ޖެހީ މެސީ އެވެ.