ކޮތަޅު ޖާޒީގައި މަޝްހޫރުވި ސަޕޯޓަރާ މެސީ ބައްދަލުކޮށްފި

ދޯހާ، ގަތަރު (ޑިސެމްބަރު 14) – ޕްލާސްޓިކް ކޮތަޅަކުން ހަދާފައިވާ ލިއޮނަލް މެސީގެ ޖާޒީއެއްގައި، މަޝްހޫރުކަން ހޯދި އަފްގާނިސްތާނުގެ އުމުރުން ހަ އަހަރުގެ މުރްތަޒާ އަހްމަދީއާ އެންމެ ފަހުން އޭނާގެ ހީރޯ، މެސީ ބައްދަލުކޮށްފި އެވެ.


އާޖެންޓީނާގެ ނުލާއި ހުދުގެ ޖާޒީއެއް ޕްލާސްޓިކް ކޮތަޅަކުން ހަދައިގެން އެ ލައިގެން މުރްތަޒާ ފުޓްބޯޅަ ކުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުވީ ޖެނުއަރީ މަހު އެވެ. އަދި އޭނާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި އެންމެ ފަހުން މެސީ ވަނީ އޭނާ ސޮއިކޮށްފައިވާ ޖާޒީއެއް މުރްތަޒާ އަށް ފޮނުވައިފަ އެވެ.

މުރްތަޒާއާ މެސީ ބައްދަލުކުރީ ބާސެލޯނާ އިން ގަތަރަށް ކުރަމުން އަންނަ ދަތުރުގައި އިއްޔެ ސައުދީ އަރަބިޔާގެ އަލް-އަހްލީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ. ސްޓޭޑިއަމުގެ ޓަނެލްގައި މެސީ މުރްތަޒާއާ ބައްދަލުކޮށް އޭނާގެ ގައިގައި ބައްދާލި އެވެ. މުރްތަޒާ ގޮވައިގެން މެސީ ދަނޑަށް ނުކުތްއިރު މެޗު ފަށަން ވެގެން މެދުރޮނގުގައި ބޯޅަ ބާއްވައިދިނީ ވެސް މުރްތަޒާ އެވެ. އަދި ބާސެލޯނާގެ ޓީމް ފޮޓޯގައި ވެސް އޭނާ ބައިވެރިކުރި އެވެ.

މެޗު ފެށުމަށްޓަކައި މުރްތަޒާ ދަނޑުން ގެންދަން މަސައްކަތްކުރުމުން އޭނާ ދުވެފައި ދިޔައީ މެސީ ކައިރި އަށެވެ. ފަހުން މެސީ ވެސް އަތުގެ އިޝާރާތުން ބެންޗާ ދިމާލަށް ދިއުމަށް މުރްތަޒާ ގާތު ބުނުމުން ވެސް ހިނިތުންވެލައިގެން ހުރީ އެވެ. އެ ވަގުތު މެސީ އާއި ލުއިސް ސުއަރޭޒްގެ ހިނގިގަނޑު ދިޔައީ ފަޅައިގެންނެވެ. އެންމެ ފަހުން ރެފްރީ މުރްތަޒާ އުރާލައިގެން ގެންގޮސް އޮފިޝަލަކާ ހަވާލުކުރި އެވެ.

އަހްލީ އަތުން 5-3 އިން ބާސެލޯނާ މޮޅުވި މެޗުގައި މެސީ ލަނޑު ޖެހިއިރު މުރްތަޒާ ކުޅިބަލަން ހުއްޓެވެ.

"އަހަރެންގެ ހީރޯއާ ދިމާވުމުން ވަރަށް އުފާވެއްޖެ. ވަރަށް ބޭނުންވި ކަމެއް މިއީ،" މުރްތަޒާ ބުނެފައިވެ އެވެ.

މުރްތަޒާ ޕްލާސްޓިކް ކޮތަޅަކުން ހަދާފައިވާ މެސީގެ ޖާޒީއެއް ލައިގެން ކުޅެނީ. --ފޮޓޯ: އޭއެފްޕީ

މުރްތަޒާ ކުރިން ބުނެފައިވާ ގޮތުގައި އޭނާ މެސީ ދެކެ ވަރަށް ބޮޑަށް ލޯބިވެ އެވެ. އަދި އޭނާ އަށް ޕްލާސްޓިކް ކޮތަޅަކުން ޖާޒީ ހަދައިދިނީ ބޭބެ އެވެ. އަދި ބޮޑުވެގެން ވާން ބޭނުންވަނީ މެސީ ފަދަ ކުޅުންތެރިޔަކަށް ކަމަށް ބުނެފައިވެ އެވެ.

މުރްތަޒާ އަށް މެސީއާ ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނީ ގަތަރުގެ 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކޮމިޓީންނެވެ.

އަފްގާނިސްތާނުގައި ހަނގުރާމަ ހިނގާތީ މުރްތަޒާ އާއި އޭނާގެ އާއިލާ މިހާރު ދިރިއުޅެނީ ޕާކިސްތާނުގަ އެވެ.