މެސީ ބާސެލޯނާގައި މަޑުކުރާނެ: ކްލަބުގެ ރައީސް

ބާސެލޯނާ (ޑިސެމްބަރު 21) – ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ފެށިފައިނުވި ނަމަވެސް އެ ކްލަބުގައި މަޑުކުރަން މެސީ ނިންމާފައިވާ ކަމަށް ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.


ޓެކްސް މައްސަލައިގައި މެސީ އަށް ސްޕެއިނުގެ ކޯޓަކުން ދިން އަދަބާ ގުޅިގެން އޭނާ ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމަށް ވެސް އަޑުތައް ވަނީ އަރައިފަ އެވެ. އަނެއްކޮޅުން މެސީ ބޭނުންވަނީ ކޮންޓްރެކްޓުގެ ފަހު ދެ އަހަރުގެ ތެރޭ އޭނާ ބޭނުންވެއްޖެ ނަމަ ޔޫރަޕުން ބޭރު ކްލަބަކަށް ބަދަލުވެވޭ ގޮތަށް ކޮންޓްރެކްޓް ހެދުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއްބަސްވުމަކަށް ނާދެވެނީ މިފަދަ ސަބަބުތަކާ ހެދި އެވެ.

އެކަމަކު ބާޓޮމެއޫ ވިދާޅުވީ މެސީގެ ކޮންޓްރެކްޓް މައްސަލައިގައި މާބޮޑު ހާސްކަމެއް ނެތް ކަމަށެެވެ.

"އޭނާ ބާސެލޯނާގައި ހުރީ ވަރަށް އުފަލުން. މިއީ އޭނާގެ ކްލަބް. އެކަން އެގޮތުގައި އޮންނަތާ ވަރަށް ގިނަ އަހަރުތަކެއްވެއްޖެ. އޭނާ އަކީ އަހަރެމެންގެ އެކަޑަމީން އައި ކުޅުންތެރިޔެއް. އަހަރެމެން ގަބޫލުކުރާ ގޮތުގައި މެސީ ކެރިއަރު ނިންމާލާނީ މި ކްލަބުގައި. އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާ. ބާސެލޯނާ އަކީ އެންމެ މޮޅު ކްލަބް. މިއީ އެކުއެކީގައި ދާނެ ކަމެއް،" ބާޓޮމެއޫ ވިދާޅުވި އެވެ.

ބާޓޮމެއޫ ވިދާޅުވީ މިއަށް ވުރެ ރަނގަޅު ކްލަބެއް ނުލިބޭނެކަން މެސީ އަށް ޔަގީންވެފައިވާ ކަމަށެވެ. އަދި މެސީ ކޮންޓްރެކްޓް އާކުރާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

ޗައިނާ ސުޕަ ލީގުގެ ކްލަބް ހެބޭއީ ޗައިނާ ފޯޗިއުން އިން މެސީ އަށް 500 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ހެބޭއީ ޗައިނާ އިން މެސީ އަށް ހުށަހަޅާނީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މެސީ އަށް މުސާރައިގެ ގޮތުގައި އަހަރަކު 100 މިިލިއަން ޔޫރޯ ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބާސެލޯނާގައި މެސީ އަށް ލިބެނީ އަހަރަކު 40 މިލިއަން ޔޫރޯ އެވެ.