މިނަމީނޯ، މިދިޔަ ސީޒަނުގައި ލިވަޕޫލާއެކު އެފްއޭ ކަޕް ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް
22 ޖޫން 2022 - 10:36
ލިވަޕޫލް (ޖޫން 22) - ލިވަޕޫލަށް ކުޅޭ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ 18 މިލިއަން ޔޫރޯ (15.5 މިލިއަން ޕައުންޑް) ގެ އަގަކަށް ފްރާންސްގެ މޮނާކޯ އަށް ވިއްކާލަން އެ ކުލަބުން އެއްވަސް ވެއްޖެ އެވެ.
މިނަމީނޯ ގެންދަން މޮނާކޯ އިން ފުރަތަމަ 15 މިލިއަން ޔޫރޯ (12.9 މިލިއަން ޕައުންޑް) ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި އެޑް އޮންސްގެ ގޮތުގައި 3 މިލިއަން ޔޫރޯ (2.6 މިލިއަން ޕައުންޑް) ހުށަހަޅައިފައި ވެއެވެ.
މިނަމީނޯ، 27، ލިވަޕޫލަށް ސޮއިކުރީ 2020 ވަނަ އަހަރު އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން 7.25 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ ތިން ސީޒަނުގައި ލިވަޕޫލާ އެކު 55 މެޗު ކުޅެ 14 ގޯލު ޖަހައިދީފަ އެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލުން އެފްއޭ ކަޕާއި ލީގް ކަޕް ހޯދި އިރު، ޑޮމެސްޓިކް ކަޕް މުބާރާތްތަކުގައި ލިވަޕޫލުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ ވެސް މިނަމީނޯ އެވެ. އޭނާ ވަނީ ދެ މުބާރާތުގައި މުޅިއެކު ހަތް ލަނޑު ޖަހައިފަ އެވެ. ނަމަވެސް ލީގުގައި 11 މެޗު ކުޅުނު އިރު ފުރަތަމަ 11 ގައި ހިމެނުނީ އެންމެ މެޗެއްގަ އެވެ.
މިނަމީނޯ އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް.--
ލިވަޕޫލާ ގުޅުމަށް ފަހު ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދައި، މިނަމީނޯ ވަނީ ލޯނު އުސޫލުން 2021 ވަނަ އަހަރުގެ ކުރީކޮޅު ސައުތެމްޓަން އަށް ވެސް ކުޅެފަ އެވެ. މިދިޔަ ސީޒަނަށް އެނބުރި ލިވަޕޫލާ ގުޅުނީ ސައުތެމްޓަން އާއެކު ލީގުގައި 10 މެޗު ކުޅެދީފަ އެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލާ އެކު މިނަމީނޯ ވަނީ 22 މެޗު ކުޅެދީ 10 ލަނޑު ޖަހައިދީފަ އެވެ.
މިނަމީނޯ ވަނީ ލިވަޕޫލްގައި އޭނާއަށް ކުޅެން ލިބޭ ވަގުތު މަދުވެގެން އެކަމާ ކަންބޮޑުވުން ވެސް ފާޅު ކޮށްފަ އެވެ. ގިނަ ޒުވާން ކުޅުންތެރިންނާ އެކު ލިވަޕޫލުން މިދިޔަ ސީޒަނުގައި ކަޕް މެޗުތަކުގައި ކުޅުނު ނަމަވެސް ނަތީޖާ ނެރެން އޭނާ އާއި ޑީވޮކް އޮރީގީ ވަނީ މުހިއްމު ލަނޑުތަކެއް ޖަހައިދީފަ އެވެ.
"އަހަރެން ކުޅުނު ގިނަ މެޗުތައް މީހުނަށް މާ ޝައުގުވެރިއެއް ނޫން، އަހަރެން (ގޯލު ޖަހައި) ނަތީޖާ ނެރެދިނަސް މާ ބޮޑު ތަރުހީބެއް ނުލިބޭ. އަހަރެން މަސައްކަތް ކުރީ އަހަރެންގެ ފެންވަރު ދަނޑުމަތީގައި ސާބިތު ކޮށްދޭން،" މިނަމީނޯ ޖަޕާނުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
މިދިޔަ ސީޒަނުގެ ލީގް ކަޕް މެޗެއްގައި މިނަމީނޯ އާއި އޮރިގީ.-- ފޮޓޯ: އޭއެފްޕީ
"އަހަރެން ބޭނުންވަނީ ހިތްވަރާ އެކު މަސައްކަތް ކޮށްގެން މުހިއްމު މެޗުތަކުގައި ނަތީޖާ ނެރެވޭނެ ފަދަ ކުޅުންތެރިއަކަށް ވާން."
ލިވަޕޫލްގެ ސްކޮޑާ ގުޅޭގޮތުން ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ މީގެ ކުރިން މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.
"ބޮޑު ސްކޮޑެއް ގެންގުޅުމަކީ ހައްލެއް ނޫން، މާ ފަހުން ވިސްނިދާނެ ހުރިހާ ކުޅުންތެރިން ބޭނުން ނުކުރެވޭނެކަން. މި ކުޅުންތެރިންނަށް ކުޅެވޭނީ ފުޓުބޯޅަ. އެމީހުނަކީ ވެސް އިންސާނުން، އަހަރެއް ވަންދެން ނުކުޅުވާ ބައިންދާފައި ސީޒަން ނިމޭ ދުވަހު އެ ކުޅުންތެރިޔާ ކުޅުވައި، މިހެން ހަންތައް ވެގެން ނުވާނެ،" ކްލޮޕް ބުނެފައި ވެއެވެ.
"ކުޅުންތެރިޔާ މުޅި ސީޒަނުގައި ފޮރުވާފައި ބައިންދާފައި، ނަތީޖާ ނެރެންވީ ވަގުތު އެމީހުން ބޭނުން ކުރުމަކީ ހައްލެއް ނޫން. އެކަން ހައްލު ވާނީ އަހަރެމެންގެ ޒުވާން ކުޅުންތެރިންނާ އެކު. އަހަރެންނަށް ހަގީގަތުގައި ސްކޮޑުގެ ސައިޒު މުހިއްމެއް ނޫން، އަހަންނަށް މުހިންމީ ކުޅުންތެރިންގެ ފެންވަރު."
ކްލޮޕް ވަނީ 65 މިލިއަން ޕައުންޑް ދީފައި ބެންފީކާއަށް ކުޅޭ އުރުގުއޭގެ ޒުވާން ފޯވާޑް ޑާވިން ނޫނޭޒްގެ ސޮއި ލިވަޕޫލަށް ހޯދައި، ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ 35 މިލިއަން ޕައުންޑުގެ އަގަކަށް ޖަރުމަންގެ ބެޔާން މިއުނިކަށް ވިއްކާލައިފަ އެވެ.
މީގެ އިތުރުން ލިވަޕޫލުން ވަނީ ފަސް މިލިއަން ޕައުންޑަށް ފުލަމްގެ 19 އަހަރުގެ ޕޯޗުގީޒް ފޯވާޑް ފަބިއޯ ކާވާލިއޯ އާއި 4.2 މިލިއަން ޕައުންޑަށް ސްކޮޓްލެންޑް ލީގުގައި ކުޅޭ 18 އަހަރުގެ ފުލް ބެކް ކެލްވިން ރަމްސޭގެ ސޮއި ވެސް ހޯދައިފަ އެވެ.
ބެންޗުން އަރައި ލިވަޕޫލަށް މުހިއްމު މެޗުތަކެއްގައި ލަނޑު ޖަހައި ނަތީޖާ ނެރެދީފައިވާ އޮރިގީގެ ކޮންޓްރެކްޓް ހަމަވުމާ އެކު އޭނާ މިހާރު އަންނަނީ އިޓަލީގެ ޗެމްޕިއަން އޭސީ މިލާނަށް ބަދަލުވާން ތައްޔާރު ވަމުންނެވެ.
އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލިވަޕޫލް ކުޅެން އޮތީ އަލަށް ޕްރޮމޯޓްވި ފުލަމްއާ ދެކޮޅަށެވެ. ވޭތުވެދިޔަ ތިން ސީޒަނުގައި ވެސް ލިވަޕޫލަށް ލީގުގެ ފުރަތަމަ މެޗު ކުޅެން ޖެހުނީ އަލަށް ޕްރޮމޯޓުވި ކުލަބުތަކާ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy