މެޑްރިޑުގެ ޓާގެޓަކީ ތިން މުބާރާތް

މެޑްރިޑް (ޖެނުއަރީ 2) – ނިމިގެން ދިޔަ 2016 ވަނަ އަހަރުގެ ކާމިޔާބީން ހިތްވަރު ހޯދައި މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކުރަން ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަމާޒު ކަނޑައަޅައިފި އެވެ.


މިހާތަނަށް އެއް ސީޒަނެއްގައި ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަމައެކަނި ސްޕެނިޝް ކްލަބަކީ ބާސެލޯނާ އެވެ. އެ ޓީމުން 2008/2009 އަދި 2014/2015 ގައި އެ ކާމިޔާބީ ހާސިލްކުރި އެވެ.

ރެއާލް މެޑްރިޑުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އަދި މިދިޔަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެވަރުން ފުއްދާލަން މެޑްރިޑުން ބޭނުމެއް ނުވެ އެވެ.

"އަބަދުވެސް އަހަރެމެންގެ އަމާޒަކަށްވެފައި އޮންނަނީ ތިން މުބާރާތް ކާމިޔާބުކުރުން. ލީގާއި ޗެމްޕިއަންސް ލީގު އަދި ސްޕެނިޝް ކަޕް. އަހަރެމެން ފުރަތަމަ ބަލާނީ މޮޅު ފުޓްބޯޅައެއް ކުޅެ މި ކްލަބަށްޓަކައި ބުރަކޮށް މަސައްކަތްކުރަން. އެހިސާބުން ކާމިޔާބީ ހޯދަން ފަސޭހަވާނީ،" ރާމޯސް ބުންޏެވެ.

ކްރިސްމަސް ޗުއްޓީ އަށް ސްޕެނިޝް ލީގު މެދުކަނޑާލާފައިވާއިރު ބާސެލޯނާގެ މައްޗަށް ހޯދާފައިވާ ތިން ޕޮއިންޓުގެ ލީޑަކާ އެކު ލީގުގެ އެއް ވަނައިގައި އޮތީ މެޑްރިޑެވެ. ޗެމްޕިއަންސް ލީގަށް ބަލާއިރު ދެ ވަނަ ބުރުގައި އެ ޓީމު ވާދަކުރަން ޖެހެނީ އިޓަލީގެ ނަޕޯލީއާ އެވެ. ސްޕެނިޝް ކަޕުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ ސެވިއްޔާއާ ދެކޮޅަށް މެޑްރިޑް ނުކުންނާނެ އެވެ.