ކުޅިވަރު / ކޮމިއުނިޓީ ޝީލްޑް މެޗު

ސިޓީ ބަލިކޮށް ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް ކޮމިޔުނިޓީ ޝީލްޑް އުފުލާލައިފި

ލިވަޕޫލްގެ ކުޅުންތެރިންނާއި ކޯޗިން ޓީމް، ކޮމިއުނިޓީ ޝީލްޑާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

30 ޖުލައި 2022 - 23:51

4 comments

ލެސްޓާ (ޖުލައި 30) - މިދިޔަ އަހަރުގެ އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ޗެމްޕިއަން ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން، އެޓީމުގެ ކޯޗު ޔާގެން ކްލޮޕް އާއެކު ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި އެވެ.

އިނގިރޭސި ސީޒަން ހުޅުވަން ކުޅޭ މެޗު ލިވަޕޫލުން ވަނީ އާސެނަލްއާ އެއްވަރަށް 16 ފަހަރު ޝީލްޑް މެޗު ކާމިޔާބު ކޮށްފަ އެވެ. ދެ ޓީމަށް ވުރެ ގިނައިން މި މެޗް ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. ލިވަޕޫލް އެންމެ ފަހުން ޝީލްޑް މެޗް ކާމިޔާބުކުރީ ވެސް މީގެ 16 އަހަރު ކުރިން، 2006 ވަނަ އަހަރެވެ.

އޭގެ ފަހުން ކޮމިއުނިޓީ ޝީލްޑް މެޗެއް ލިވަޕޫލް ކުޅުނީ ވެސް ކްލޮޕް އާއެކު އެވެ. އެންމެ ފުރަތަމަ 2019 ގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ސިޓީ އަތުން ބަލިވި އިރު، ޖެހިގެން އައި އަހަރު އާސެނަލް އަތުން ވެސް ބަލިވީ ޕެނަލްޓީގަ އެވެ.

މިއާ އެކު 2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވި ކޯޗު ކްލޮޕް ވަނީ، އިނގިރޭސި އެއްވަނަ ޑިިޝަނުގެ ޓީމުތައް ކުޅޭ ޑޮމެސްޓިކް ހަތަރު ތަށި ވެސް އެޓީމާ އެކު ކާމިޔާބު ކޮށްފަ އެވެ. ޕްރިމިއާ ލީގާއި ލީގް ކަޕްގެ އިތުރުން އެފްއޭ ކަޕް ވެސް ކްލޮޕް ވަނީ ލިވަޕޫލާ އެކު އެއްފަހަރު ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން ކްލޮޕް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ލިވަޕޫލަށް ހޯދައިދީފަ އެވެ. ލިވަޕޫލާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ޔޫރަޕުގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގައި ކުޅުނު ނަމަވެސް އެފަހަރު ވަނީ ފައިނަލުން ބަލި ވެފަ އެވެ.

ކްލޮޕް، ޝީލްޑް މެޗުން ހޯދި ރަން މެޑެއްޔާ އެކު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން މެޗު ފެށީ، މި ސީޒަނަށް ގެނައި އުރުގުއޭ ސްޓްރައިކަރު ޑާވިން ނޫނޭޒް ބެންޗުގައި ބައިންދައިގެންނެވެ. އެޓީމުގެ ކުރިއަށް ކުޅުނީ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ އަދި މިދިޔަ ސީޒަނުގެ ފަހު ބައިގައި ޓީމާ ގުޅުނު ލުއިސް ޑިއާޒް އެވެ. ޑިއޯގޯ ޖޮޓާ ހުރީ އަނިޔާގަ އެވެ. ގޯލްކީޕަރު އެލިސަން ބެކާގެ ބަދަލުގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓީ އެޓީމުގެ ތިންވަނަ ކީޕަރު އެޑްރިއަން އެވެ. އެލިސަން އަނިޔާގައި ހުރި އިރު ދެވަނަ ކީޕަރު ކޮއިމިން ކެލެހާ އަށް ވެސް ވަނީ އަނިޔާ ވެފަ އެވެ.

މެންޗެސްޓާ ސިޓީ އިން ގެނައި މިޑްފީލްޑަރު ކެލްވިން ފިލިޕްސް މިރޭ އިނީ ބެންޗުގަ އެވެ. ފޯވާޑް އާލިން ބްރައުޓް ހާލަންޑް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައި ވާއިރު، އޭނާއާ އެކު ސިޓީގެ އެޓޭކުގައި ބައިވެރިވީ ރިޔާދް މަހްރޭޒް އާއި ޖެކް ގްރީލިޝް އެވެ.

ލިވަޕޫލުން ފުރަތަމަ ހަމަލާ އުފެއްދި އިރު، ސަލާހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އޭގެ ފަހުން ސިޓީ އިން ހޯދި ފުރުސަތެއްގައި ކެވިން ޑިބްރޭނާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ފައިފައި ޖެހިފައި ގޯލު ކައިރިން ބޭރުވީ ކޯނަރަކަށެވެ. ކޯނަރުގައި ކުޅެން ފަށައި ނަގައިދިން ހުރަސް، ސިޓީގެ ޑިފެންޑަރު ނޭތަން އަކޭ ބޮލުން ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި އެވެ.

އާނޯލްޑް ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެއަށް ފަހު ލިވަޕޫލުން ހޯދި ފުރުސަތުގައި ކަނާތު ބެކް ޓްރެންޓް އެލެކްޒެންޑަ އާނޯލްޑް ހުސްކޮށްލާފައި ނަގައިދިން ބޯޅައަށް ވާތު ބެކް އެންޑީ ރޮބާޓްސަން އަރައި ބޮލުން ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި އެވެ.

ލިވަޕޫލުން ގޯލު ޖެހީ 21 މިނިޓުގައި އާނޯލްޑް އެވެ. އޭނާ މި ލަނޑު ޖެހީ، ތިއާގޯ އަލްކަންޓާރާ، ފަޅި ބަދަލުކޮށްލައި ސަލާހަށް މަތިން ވައްޓާލި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، އާނޯލްޑަށް ޖައްސާލި ބޯޅަ އެއްފަހަރުން ޖަހައި، ގޯލު ދަނޑީގައި ޖައްސައިފަ އެވެ.

ހާލަންޑަށް ވަނީ މެޗުގެ 34 ވަނަ މިނިޓުގައި ސިޓީ އަށް އެއްވަރު ކޮށްދޭން ދެ ފުރުސަތެއް ލިބިފަ އެވެ. ކައުންޓާ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ކީޕަރު އެޑްރިއަން ދިފާއު ކުރި އެވެ. އަދި ލިވަޕޫލަށް ކުރިއަށް ނުދެވެނީސް ބޯޅަ ހޯދައި ތަނަވަސްކުރި ފުރުސަތުގައި ބެނާޑޯ ސިލްވާ ހުރަސް ކޮށްލި ބޯޅަ ހާލަންޑަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

އަލްވަރޭޒް، ސިޓީ އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓުގައި ސިޓީ އިން ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. މެދު ތެރެއިން ރޮޑްރީ، ލިވަޕޫލްގެ ޑިފެންސް ފަހަތަށް ވައްޓާލި ބޯޅަ، މަހްރޭޒް ހޯދައި، އޭރިއާ ތެރެއިން ރޮބާޓްސަން ކައިރިން ނައްޓާލާފައި ފޮނުވާލި ނަމަވެސް ބޯޅައިގައި ބާރެއް ނެތުމާ އެކު ކީޕަރު އެޑްރިއަން ވަނީ ފަސޭހަ ކަމާއެކު ދިފާއު ކޮށްފަ އެވެ.

މެޗުގެ 58 ވަނަ މިނިޓުގައި ފިރްމީނޯގެ ބަދަލުގައި ނޫނޭޒް ކުޅެން އެރުވި އިރު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ގްރީލިޝް އާއި މަހްރޭޒްގެ ބަދަލުގައި ފިލް ފޮޑެން އާއި އާޖެންޓީނާ ވިންގާ ހޫލިއަން އަލްވަރޭޒް އަރުވައިފަ އެވެ.

ނޫނޭޒް އަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަަން ދިފާއު ކުރި އެވެ. ސިޓީ އަށް އެއްވަރު ކޮށްދިނީ، 70 ވަނަ މިނިޓުގައި އަލްވަރޭޒް އެވެ. ކެވިން ޑިބްރޭނާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަށް ފޮޑެން އަރައި ފޮނުވާލުމުން އެޑްރިއަން ދިފާއު ކުރި ނަމަވެސް ރީބައުންސް ބޯޅައިގައި އަލްވަރޭޒް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ގޯލު ޖެހުމާ އެކު ރެފްރީ، އޮފްސައިޑު ކަމަށް ނިންމި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ނިންމުން ބަދަލު ކުރި އެވެ.

މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ސަލާހު ނަގައިދިން ހުރަހެއް ނޫނޭޒް ބޮލުން ފޮނުވާލުމުން، ސިޓީގެ ރުބެން ޑިއާޒް އަތުގައި ޖެހިފައި ބްލޮކް ވުމުން ރެފްރީ ކުޅުން ކުރިއަށް ގެންދިޔުމާ ގުޅިގެން ލިވަޕޫލުން ވަނީ ވަރަށް ބޮޑަށް ޕެނަލްޓީއަކަށް އެޕީލް ކޮށްފަ އެވެ. ވީއޭއާރު ބެލުމަށް ފަހު ރެފްރީ ޕެނަލްޓީ ދިނުމުން، ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޑިއާޒް އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމުން އޭނާއަށް ރެފްރީ ރީނދޫ ކާޑެއް ވެސް ދެއްކި އެވެ. މެޗުގެ 83 ވަނަ މިނިޓުގައި މި ޕެނަލްޓީ ޖަހައި އަލުން ލިވަޕޫލަށް ލީޑު ހޯދައި ދިނީ ސަލާހެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖަހައިދިނީ ނޫނޭޒް އެވެ. ސަލާހު ނަގައިދިން ހުރަހެއް، ކައިލް ވޯކާ ބޯމަތިން އަރައި ރޮބާޓްސަން ޖައްސާލި ބޯޅަ އޭނާ ވަނީ ތިރިތިރިން ވެއްޓިގެންފައި ބޮލުން ޖަހައި ގޯލުތެރެއަށް ފޮނުވާލައި، ލިވަޕޫލަށް ކުޅެދިން ފުރަތަމަ ރަސްމީ މެޗުގައި ލަނޑު ޖަހައިފަ އެވެ.

އެއަށް ފަހު ހާލަންޑަށް ވަނީ ސިޓީ އަށް ލަނޑެއް ޖަހަން ފުރުސަތު ލިބިފަ އެވެ. ފޮޑެން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އެޑްރިއަން ދިފާއު ކުރުމުން ކުޅުމުގެ ތެރެއަށް އައި ބޯޅަ އޭނާ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެންޓި

31 July 2022

ނޫނޯ ގޮމޭޒް އަކީ ޕޯޗްގީޒްގެ ކުރީގެ ސްޓާރެއް! މިހާރު ލިވަޕޫލްގަތަ؟ "މެޗުގެ 58 ވަނަ މިނިޓުގައި ފިރްމީނޯގެ ބަދަލުގައި ނޫނޯ ގޮމޭޒް ކުޅެން އެރުވި އިރު،" "ނޫނޯ ގޯމޭޒް އަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަަން ދިފާއު ކުރި އެވެ"

The name is already taken The name is available. Register?

ލިވާބުރޯ

31 July 2022

އަދިވެސް ކިޔާ ޑާވިން އެއީ ފުލޮޕް އެކޭ. ތެޔޮވަޅު ޓީމް ވަރަށް ސަލާމް

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

31 July 2022

މަރުހަބާ ލިވާބުރޯ.ތިޔަ ހޯދީ ހައްގު ކާމިޔާބީއެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

31 July 2022

@ލިވާބްރޯ. ތެޔޮވަޅު ޓީމް އެއީ މިތާ އުޅޭ ވަލީވެރި ދަންނަ ބޭކަލެއް ކަމުގައިވާ @ލެއްގިކޮމިޝަނަރގެ ކްލަބް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454