ކުޅިވަރު / ޔުއެފާ

ޖަރުމަން ބަލިކޮށް އިނގިރޭސިން ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފި

އިންގްލެންޑު އަންހެން ޓީމުން ޔޫއެފާ ޔޫރޯ މުބާރާތުގެ ތަށްޓާ އެކު އުފާފާޅުކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 1) - ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ޖަރުމަނާ ވާދަކޮށް 2-1 އިން މޮޅުވެ އިންގްލެންޑު އަންހެން ގައުމީ ފުޓުބޯޅަ ޓީމުން ފުރަތަމަ ފަހަރަށް ޔޫރޯ މުބާރާތް ކާމިޔާބުކޮށްފި އެވެ.

މިއީ 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް އެ ގައުމުގެ ފިރިހެން ޓީމު ކާމިޔާބުކުރި ފަހުން ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އަމިއްލަ ގައުމުގައި އިނގިރޭސިން 1966 ގައި ހުޅަނގު ޖަރުމަނާ ވާދަކޮށް މޮޅުވީ ވެސް އިތުރު ވަގުތުގެ ދެ ހާފު ކުޅެފަ އެވެ. އެއަށް ފަހު އިނގިރޭސީން ތަށްޓެއް ހޯދަން ކުރަމުން ދިޔަ މަސައްކަތުގައި ކުޑަވެސް ކުލަވަރެއް ޖެހުނީ މިދިޔަ އަހަރު ބޭއްވި ފިރިހެނުންގެ ޔޫރޯ މުބާރާތުގަ އެވެ. ވެމްބްލީ ގައި މިދިޔަ އަހަރު ކުޅުނު ފައިނަލުން އިނގިރޭސިން ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ކްލޯއީ ކެލީ، އިތުރު ވަގުތުގެ ދެވަނަ ހާފުގައި އިންގްލެންޑަށް ޗެމްޕިއަންކަން ހޯދައިދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މީގެ ކުރިން ދެ ފަހަރު އިންގްލެންޑް އަންހެން ޓީމުން ޔޫރޯ މުބާރާތުގެ ފައިނަލް ކުޅެފައި ވާއިރު، އެންމެ ފުރަތަމަ ކުޅުނީ، 1984 ގައި ބޭއްވި ފުރަތަމަ ޔޫރޯގެ ފައިނަލުގަ އެވެ. ދެ ލެގަށް ކުޅުނު އެ ފައިނަލުގައި ސްވިޑެން އަތުން އިންގްލެންޑް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ދެން ކުޅުނީ 2009 ވަނަ އަހަރު އެވެ. އެ ފަހަރު ޖަރުމަން އަތުން އިންގްލެންޑް ބަލިވީ 6-2 އިންނެވެ. އެއީ މިއަދާ ހަމައަށް ވެސް ފައިނަލުގެ ރެކޯޑް ނަތީޖާއެކެވެ.

އެފަހަރު ފައިނަލުގައި ލަދުވެތިކޮށް ބަލިވުމަކީ އިނގިރޭސި އަންހެން ފުޓުބޯޅައަށް އެގައުމުގެ އެފްއޭ އިން ސީރިއަސް ނަޒަރަކުން ދެކެން ފެށި ހިސާބެވެ. އަންހެން ލީގު ސިސްޓަމް ހަރުދަނާ ކޮށް އެފްއޭ އިން ވަނީ 2011 ވަނަ އަހަރު ވިމެންސް ސުޕަ ލީގު އުފައްދައި، 2018 ވަނަ އަހަރު އެ ލީގަކީ މުޅިން ޕްރޮފެޝަނަލް ލީގަކަށް ހަދައިފަ އެވެ.

ޗެމްޕިއަންކަން ހޯދީ އެންމެ ކާމިޔާބު ޓީމު ބަލިކޮށްފައި

އަންހެނުންގެ ފީފާ ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ޖަރުމަނަކީ، ޔޫރަޕުގައި އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް ބޭއްވި 13 ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތެރެއިން ޖަރުމަނުން ވަނީ އަށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި 1995 އިން ފެށިގެން 2013 އަށް ބޭއްވި ހަ މުބާރާތް ވެސް ޖެހިޖެހިގެން ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނެވެ.

އިންގްލެންޑުގެ އެލާ ޓޫނޭ (ކ) ޓީމުގެ ފުރަތަމަ ލަނޑު ޖަހަން ޖަރުމަން ކީޕަރު ބޯ މަތިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ފައިނަލަށް ނުކުތްއިރު ޖަރުމަނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ ކެޕްޓަން ޕޮޕް އަށް ފައިނަލް މެޗުގެ ކުރިން ކުރިއަށް ގެންދިޔަ ވޯމްއަޕް ސެޝަނުގައި އަނިޔާ ވުމެވެ. ޕޮޕް ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުގެ އިތުރުން ކުއާޓާ އަދި ސެމީ ގައި ވެސް ލަނޑު ޖަހައިފަ އެވެ. ސެމީ ފައިނަލުގައި ޖަރުމަނުން 2-1 އިން ފްރާންސް ބަލިކުރި އިރު ދެ ލަނޑު ވެސް ޖެހީ އޭނާ އެވެ.

ރޭގެ ފައިނަލުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ހާފު ނިމުނީ ދެޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެކަމަކު މެޗުގެ 62 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ، ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި، މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެލާ ޓޫނޭ އެވެ. އޭނާ މި ލަނޑު ޖެހީ މެންޗެސްޓާ ސިޓީ އަށް ކުޅޭ މިޑްފީލްޑަރު ކީރާ ވަލްޝް މަތިން ދިން ޕާހެއް ކޮންޓްރޯލް ކޮށްލައި އޭރިއާ ތެރެއަށް ވަދެ، ޖަރުމަން ގޯލްކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނެޓަށް ވެފައި ވަނިކޮށް ޖަރުމަނަށް އެއްވަރު ކޮށްދިނީ ބަޔާން މިއުނިކުގެ މިޑްފީލްޑަރު ލީނާ މާރިއާ މަގޫލް އެވެ. މި މެޗުގައި އޭނާ އަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ އެވެ. މިއާ އެކު ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

މަގޫލް، ޖަރުމަނަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

އިންގްލެންޑު މޮޅުވި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ބާކީ 10 މިނިޓު އޮއްވައި ޖަހައިދިނީ ސިޓީ އަށް ކުޅޭ ފޯވާޑް ކްލޯއީ ކެލީ އެވެ. ކެލީ އަކީ ވެސް މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ކުޅުންތެރިއެކެވެ.

މިއާ އެކު އިންގްލެންޑް ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި ޓީމާ ހަވާލުވި ސަރީނާ ވެއިމަންގެ އިރުޝާދުގެ ދަށުން ކުޅުނު 20 މެޗުގެ ތެރެއިން 18 މެޗު ކާމިޔާބު ކޮށްފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މި މުއްދަތުގައި އިންގްލެންޑުން 106 ލަނޑު ޖަހާފައި ވާއިރު، ބައިކޮޅަށް ވަނީ ފަސް ގޯލެވެ.

ސަރީނާ ވެއިމަންއާ ޓީމު ހަވާލުކުރީ، އޭގެ ކުރިން މަގާމުގައި ހުރި ކުރީގެ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަށް ކުޅުނު ފިލް ނެވިލް މަގާމުން ދުރު ކޮށްފަ އެވެ.

މުބާރާތުގައި ގިނަ ރެކޯޑު ތަކެއް

ފައިނަލް މެޗު ބަލަން ވެމްބްލީ ސްޓޭޑިއަމް އަށް 87،192 ސަޕޯޓަރުން ވަދެފައި ވާއިރު، މިއީ ފިރިހެން އަދި އަންހެން ޔޫރޯ މުބާރާތުގައި ވެސް ރެކޯޑް އަދަދެކެވެ. އަދި މުޅި މުބާރާތުގެ ހުރިހާ މެޗަކަށް ޖުމްލަ 574،865 ސަޕޯޓަކުން ދަނޑަށް ވަދެފައި ވެއެވެ. މިއީ އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި އަންހެނުންގެ ޔޫރޯގައި ދަނޑަށް ކުޅިބަލަން ވަން ސަޕޯޓަރުންގެ ޖުމްލަ އަދަދުގެ ދެގުނަ އަށް ވުރެ މަތީ އަދަދެކެވެ.

ވެމްބެލީ ސްޓޭޑިއަމްގައި އިންގްލެންޑާއި ޖަރުމަން ކުޅުނު ފައިނަލް މެޗު ބަލަން ވަނީ ރެކޯޑް އަދަދަކަށް ސަޕޯޓަރުން ވަދެފައި. -- ފޮޓޯ: އޭއެފްޕީ

އިންގްލެންޑުން ވަނީ ފަސޭހަ ކަމާ އެކު ގުރޫޕް ސްޓޭޖުގެ އެއްވަނަ ހޯދައިފަ އެވެ. އެންމެ ފުރަތަމަ އޯލްޑް ޓްރަފޯޑުގައި 68،871 ސަޕޯޓަރުން ކުރިމަތީގައި 1-0 އިން އޮސްޓްރިއާ ބަލިކޮށް، ދެވަނަ މެޗުގައި ވަނީ މުބާރާތުގެ ތާރީހުގައި ހަދާފައިވާ އަލިއްލަ ރެކޯޑެއް އާކޮށްފަ އެވެ. މީގެ ކުރިން އެންމެ ބޮޑު ތަފާތަކުން އަންހެން ޔޫރޯ ގައި ޓީމެއް މޮޅުވީ؛ 2017 ގައި 6-0 އިން ސްކޮޓްލެންޑް ބަލިކޮށްގެން އިންގްލެންޑެވެ. ނަމަވެސް އިންގްލެންޑް ވަނީ މިއަހަރުގެ ގުރޫޕް ސްޓޭޖު ދެވަނަ މެޗުގައި 8-0 އިން ނޯވޭ ބަލިކޮފަ އެވެ.

ނޯވޭ ކައިރިން ހޯދި ބޮޑު މޮޅާ އެކު އިންގްލެންޑުން ވަނީ އިތުރު ރެކޯޑެއް ވެސް އާކޮށްފަ އެވެ. މުބާރާތުގެ މެޗެއްގެ ފުރަތަމަ ހާފުގައި އެންމެ ގިނަ ލަނޑު ޖަހާފައި އޮތީ، އިންގްލެންޑުން ނޯވޭއާ ކުޅުމުގެ 24 ގަޑިއިރު ކުރިން، ފްރާންސް އިން އިޓަލީ ބަލިކުރި މެޗުގައި، ފްރާންސުންނެވެ. އެ މެޗު 5-1 އިން ފްރާންސް ކާމިޔާބު ކުރި އިރު، ފަސް ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ނަމަވެސް އިންގްލެންޑުން ނޯވޭ ކޮޅަށް ފުރަތަމަ ހާފުގައި ހަ ލަނޑު ޖެހި އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިންގްލެންޑުގެ މީޑް، ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން އިންގްލެންޑުން ގުރޫޕް ސްޓޭޖް ނިންމާލީ، ފަހު މެޗުގައި މިއަހަރު ޔޫރޯގައި އަލަށް ވާދަކުރި ނޮދާން އަޔަލެންޑާ ވާދަކޮށް 5-0 އިން މޮޅުވެގެން، ޖުމްލަ 14 ލަނޑު ހަމަކޮށް، ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމުގެ ގޮތުގަ އެވެ. އަދި ބައިކޮޅަށް އެންމެ ލަނޑެއް ވެސް ނުވަދެ އެވެ.

ކުއާޓާ ފައިނަލުގައި ވެސް އިންގްލެންޑަށް ވަނީ އިތުރު ވަގުތު ކުޅެން ޖެހިފަ އެވެ. ސްޕެއިން މެޗު ކާމިޔާބު ކުރަން ދަނިކޮށް އިންގްލެންޑުން ވަނީ ފަހަތުން އަރައި އެއްވަރުކޮށް، އިތުރު ވަގުތުގައި ޖެހި ލަނޑާ އެކު 2-1 އިންގްލެންޑް މެޗު ކާމިޔާބު ކުރި އެވެ. އަދި ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި، ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ސްވިޑެންއާ ވާދަކޮށް 4-0 އިން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުތެރިއަކަށް ހޮވުނީ އިންގްލެންޑު ޓީމުގައި ހިމެނޭ އާސެނަލް ފޯވާޑް ބެތު މީޑް އެވެ. މީޑް އާއި ޖަރުމަނުގެ ކެޕްޓަން އަލެކްޒަންޑްރާ ޕޮޕް ވެސް ވަނީ މުބާރާތުގައި ހަ ލަނޑު ޖަހައިފަ އެވެ. ނަމަވެސް ހަ ލަނޑުގެ އިތުރަށް ފަސް ލަނޑު ޖަހަން އެހީތެރިވެފައި ވާތީވެ މުބާރާތުގެ ރަން ބޫޓޫ ހޯދީ މީޑް އެވެ. ޕޮޕް އަށް ލިބުނީ ރިހި ބޫޓެވެ. އަދި ހަތަރު ގޯލު ޖަހައިގެން ލޯ ބޫޓޫ ހޯދީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ފޯވާޑް އަލޭސިއާ ރޫސޯ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

01 August 2022

މަރުހަބާ. ދެން މިއަހަރުގެ ބާކީ އޮތްތަނުގަ އަބަދު ލިޔާނެ އެއްޗެއް ބީބީސީއަށް ލިބިއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454