އަޒްޕިލިކުއެޓާ، ޗެލްސީއާ އެކު ކޮންޓްރެކްޓް އާކުރުމަށް ފަހު.-- ފޮޓޯ: ޗެލްސީ
05 އޯގަސްޓް 2022 - 12:11
ލަންޑަން (އޮގަސްޓް 5) - ބާސެލޯނާ އިން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް، އަޒްޕިލިކުއެޓާ ޗެލްސީގައި އިތުރު ދެ އަހަރު މަޑުކުރަން ކޮންޓްރެކްޓް އާކޮށްފި އެވެ.
އަޒްޕިލިކުއެޓާގެ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮއްވައި، ސްޕެއިންގެ ބާސެލޯނާ އިން ދިޔައީ އޭނާ ހޯދަން މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް އާ ކޮންޓްރެކްޓާ އެކު އުމުރުން 32 އަހަރުގެ ސްޕެއިން ފުލްބެކް، 2024 ގެ ޖޫން މަހުގެ ނިޔަލަށް ޗެލްސީގައި މަޑުކުރާނެ އެވެ.
އަޒްޕިލިކުއެޓާ ޗެލްސީއާ ގުޅުނީ ފްރާންސްގެ މާސޭ އިން ހަތް މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް 2012 ވަނަ އަހަރެވެ. އޭނާ ވަނީ ޗެލްސީ އަށް މިހާތަނަށް 476 މެޗު ކުޅެދީ 17 ލަނޑު ޖަހައިދީފަ އެވެ. އަދި ކޮމިއުނިޓީ ޝީލްޑް ފިޔަވައި އޭނނާ ވަނީ ހުރިހާ މުބާރާތެއް ވެސް ކާމިޔާބު ކޮށްފަ އެވެ.
ޕްރިމިއާ ލީގާއި ލީގް ކަޕް ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން އެފްއޭ ކަޕް ވެސް އޭނާ ކާމިޔާބު ކުރި އެވެ. މީގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް އަޒްޕިލިކުއެޓާ ވަނީ އޭނާގެ ކެޕްޓަންކަމުގައި ކާމިޔާބު ކޮށްފަ އެވެ. އަދި ޗެލްސީގައި ޔޫރޮޕާ ލީގު ވެސް ދެފަހަރު ކާމިޔާބު ކޮށްފައި ވާއިރު، އެންމެ ފަހުން ކާމިޔާބު ކުރީ އޭނާގެ ކެޕްޓަންކަމުގަ އެވެ.
ކޮންޓްރެކްޓް އާކުރުމަށް ފަހު އަޒްޕިލިކުއެޓާ ވަނީ އޭނާގެ ލީޑަޝިޕަށް ކުރާ އިތުބާރަށް، ޗެލްސީގެ އާ ވެރިންގެ ތެރޭގައި ކްލަބު ހިންގުމުގައި އެންމެ އިސްކޮށް އުޅޭ ޓޮޑް ބޯލީ އާއި ބެހްދާދް އެގްބާލީ އަށް ޝުކުރު އަދާކޮށްފަ އެވެ.
"އަހަރެން ބޭނުންވޭ މި ފުރުސަތު ދިނުމުން ޓޮޑް (ބޯލީ) އަދި ބެހްދާދް (އެގްބާލީ) އަށް ޝުކުރު އަދާކުރަން. މި ކުލަބުގެ ކެޕްޓަނެއްގެ ގޮތުގައި ހުންނަން އަހަރެން ވަރަށް ފަހުރުވެރިވޭ، އަދި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އެކުގައި ކާމިޔާބީީތައް ތަކުރާރުކުރަން،" އަޒްޕިލިކުއެޓާ ބުންޏެވެ.
ބާސެލޯނާ އިން ވަނީ ޗެލްސީގެ އަންޑްރެސް ކްރިސްޓިއެންސެންގެ ސޮއި ހޯދައިފަ އެވެ. އަދި އެންޓޯނިއޯ ރުޑިގާ، ރެއާލް މެޑްރިޑަށް ބަދަލު ވެފައި ވާއިރު، އަޒްޕިލިކުއެޓާ އާއި މާކޮސް އޮލޮންސޯ އަށް ބާސެލޯނާ އިން ޝައުގުވެރިކަން ފާޅު ކުރި އެވެ. އެހެންވެ ކޯޗު ތޯމަސް ޓުޗެލް ބެލީ، އިތުރު ކުޅުންތެރިއަކު ދޫކުރުމުގެ ކުރިން ކުލަބުގެ ޑިފެންޑަރުންގެ މައްސަލަ ހައްލު ކުރާށެވެ.
ޗެލްސީ އިން ވަނީ ނަޕޯލީ އަށް ކުޅެމުން އައި ސެނެގާޅުގެ ކަލިދޫ ކުލިބަލީ ގެނެސްފަ އެވެ. ނަމަވެސް ފްރާންސްގެ ޔޫލުސް ކޫންޑޭ، ޗެލްސީގެ މައްޗަށް ބާސެލޯނާ އިސްކުރި އިރު، މެތިއުސް ޑިލިޓް ވެސް ވަނީ ބަޔާން މިއުނިކަށް ބަދަލު ވެފަ އެވެ. ޑިފެންސުގެ ހުރިހާ މަގާމަކަށް ވެސް ކުޅޭ އަޒްޕިލިކުއެޓާ ޗެލްސީގައި މަޑުކުރަން ނިންމުމާ އެކު ކޯޗު ޓުޗެލް އަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ޓުޗެލްގެ އިރުޝާދުގެ ދަށުން ޑިފެންސުގެ ހުރިހާ މަގާމަކަށް ވެސް ކުޅެފަ އެވެ.
އަޒްޕިލިކުއެޓާ ކުލަބުގައި މަޑުކުރަން ނިންމުމާ އެކު ބޯލީ ބުނީ، ކޮންޓްރެކްޓް އިތުރުކޮށް، އެ ދައްކުވައިދިނީ ހަގީގީ ލީޑަރެއްގެ މިސާލު ކަމަށާއި، އެކުގައި ކާމިޔާބު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވާކަމަށެވެ.
ޗެލްސީ އިން ވަނީ، އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ވެސް ލޯނު އުސޫލުން އިންޓަ މިލާނަށް ދޫކޮށްލައި، މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި އިނގިރޭސި ވިންގާ ރަހީމް ސްޓާލިންގެ ސޮއި ހޯދައިފަ އެވެ. އަދި އެޓީމުން ގެންދަން ބޭނުންވި ރޮބާޓް ލެވަންޑޯސްކީ އާއި ލީޑްސް އަށް ކުޅޭ ބްރެޒިލް ވިންގާ ރަފީނިއާގެ ސޮއި ހޯދީ ބާސެލޯނާ އެވެ.
ބާސެލޯނާގެ އިތުރުން އޭސީ މިލާނާއި ބޮރޫޝިއާ ޑޯޓްމަންޑާ ވާދަކޮށް ޗެލްސީ އިން ވަނީ 20 މިލިއަން ޕައުންޑަށް އެސްޓަން ވިލާ އިން އުމުރުން 18 އަހަރުގެ ޒުވާން މިޑްފީލްޑަރު ކާނޭ ޗުކްވުއެމެކާގެ ސޮއި ހޯދައިފަ އެވެ. ޗުކްވުއެމެކާ ވަނީ ޗެލްސީ އާއެކު ސޮއިކުރީ ހަ އަހަރުދުވަހުގެ އެއްބަސްވުމެއްގަ އެވެ.
ބްރައިޓަން އަށް ކުޅޭ ސްޕެިއންގެ ފުލްބެކް މާކް ކުކުރެލާ ހޯދަން ވެސް ޗެލްސީ އިން މަސައްކަތް ކުރެ އެވެ. މީޑީއާތަކުން ހާމަކުރާ ގޮތުގައި ޗެލްސީން ވަނީ 62 މިލިއަން ޕައުންޑަށް ކުކުރެލާ ގަންނަން ބްރައިޓަންއާ އެކު އެއްބަސް ވެފަ އެވެ. ނަމަވެސް ރަސްމީކޮށް އެކަން ދެ ކުލަބުން ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy