ޔޫރޯއަށް ފަހު އިޓަލީއާ ހަވާލުވާނީ ވެންޗޫރާ

ރޯމް (ޖޫން 8) - ޔޫރޯ އަށް ފަހު އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިވުމުން އޭނާގެ ބަދަލުގައި ޓީމު ހަވާލުކުރާނެ ކޯޗަކަށް ޖިއަމްޕިއެރޯ ވެންޗޫރާ ހަމަޖައްސައިފި އެވެ.


ކޮންޓޭ ވަނީ ޔޫރޯ އަށް ފަހު ކޮންޓްރެކްޓް ހަމަވުމުން ޕްރިމިއާ ލީގުގެ ޗެލްސީއާ ހަވާލުވާނެކަން އޭޕްރިލް މަހު އިއުލާންކޮށްފަ އެވެ.

ވެންޗޫރާ އަކީ އިޓަލީއާ ފަހަކަށް އައިސް ހަވާލުވާ އެންމެ ލޯ ޕްރޮފައިލް ކޯޗެވެ. އޭނާގެ 40 އަހަރުވީ ކޯޗިން ކެރިއަރުގައި ހޯދުނު ހަމައެކަނި ކާމިޔާބީއަކީ ލެއްޗޭއާ އެކު 1996 ވަނަ އަހަރު ތިން ވަނަ ޑިވިޝަން ކާމިޔާބުކުރުމެވެ. އެކަމަކު އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާލޯ ޓަވެޗިއޯ ވިދާޅުވީ ވެންޗޫރާ އަކީ ފުޓްބޯޅައިގެ މާސްޓާމައިންޑެއް ކަމަށެވެ.

"އޭނާ އަކީ އުފެއްދުންތެރި ކޯޗެއް. ތަޖުރިބާ އެހާމެ ގިނަ. ގައުމީ ޓީމާ ހަމަޔަށް ގިނަ ކުޅުންތެރިން ގެނެސްދީފައިވޭ،" ޓަވެޗިއޯ ވިދާޅުވި އެވެ.

ވެންޗޫރާ، 68، މިދިޔަ ފަސް ސީޒަނުގައި މަސައްކަތްކުރީ ޓޮރިނޯގަ އެވެ. މިދިޔަ ސީޒަން އެ ޓީމު ނިންމާލީ 12 ވަނައިގަ އެވެ. އޭނާ ވަނީ އޭގެ ކުރިން ސަމްޕްޑޯރިއާ އާއި ކަލިއާރީ އާއި ވެރޯނާ އާއި އުދިނޭޒީ އަދި ބާރީ އަށް ކޯޗުކޮށްދީފަ އެވެ.

ވެންޗޫރާގެ ކޮންޓްރެކްޓް ހަމަވާނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ.